ނޫސްބަޔާން: ގާޒީން މަޖިލިހަށް ހާޒިރު ނުވާނަމަ ދެން ނެރެވޭނީ ގާނޫނީ އަމުރެއް ކަމަށް މި ޕާޓީން ދެކެން


ވަގުތުން ނެރުމަށް
MDP-2012-PR-ނަންބަރު: 123
ތާރީޚް: 27 އޮކްޓޯބަރު 2012 (ހޮނިހިރު)

ގާޒީން މަޖިލިހަށް ހާޒިރު ނުވާނަމަ ދެން ނެރެވޭނީ ގާނޫނީ އަމުރެއް ކަމަށް މި ޕާޓީން ދެކެން

ރައްޔިތުންގެ މަޖިލީހުގައި އޮންނަ، ސަރުކާރުގެ މަސްޢޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ދިރާސާކުރަމުން ގެންދާ ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީ (ކޯނީ)ގެ ރިޕޯޓާއި ގުޅޭ ގޮތުން ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 99 ވަނަ މާއްދާގެ (ށ)ގެ ދަށުން އެ ކޮމިޓީގެ މެމްބަރުން ބައްދަލުކުރައްވަން ބޭނުންފުޅުވާކަމަށާއި، 24 އޮކްޓޯބަރ 2012 ވަނަ ދުވަހު އެ ކޮމިޓީގެ ބައްދަލުވުމަށް ވަޑައިގެންދެއްވުން އެދިލައްވައި، ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓްކަމުގައި ބުނާ ތަނުގެ ގާޒީންގެ ގޮތުގައި އައްޔަންކުރައްވާފައި ތިއްބެވި ޝުޖާޢު ޢުސްމާނަށާއި، ޢަބްދުއްނާޞިރު ޢަބްދުއްރަހީމަށާއި، ހުސައިން މަޒީދަށް ވަނީ ދަންނަވާފައެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދު ދިގު މުއްދަތަކަށް ޖަލަށްލާނޭ ކަމަށް ދިވެހިރާއްޖޭގެ ވެރިކަމަށް އަރާވަޑައިގެން އެތިއްބެވި ބޭފުޅުން ކުރީއްސުރެ ވިދާޅުވަމުން ގެންދަވައި، ހަމަ އެއިއްތިހާދުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގައި ވެސް ތިއްބަވައިގެން ގާނޫނީ ގޮތުން ސުވާލުއުފެދޭ މޭރުމުން އުފައްދާފައިވާ ހުޅުމާލޭ ކޯޓު ކަމަށް ބުނާ ތަނަށް އައްޔަންކުރައްވާފައި ތިއްބެވި ގާޒީން މިހާރު އެގެންދަވަނީ ރައްޔިތުންގެ މަޖިލީހަށް ހާޒިރުވުމަށް އިންކާރުކުރައްވަމުންނެވެ.

މިކަންކަމުގައި ހާޒިރުވެނުލެއްވުމަށް ދައްކަވާ ބަހަނާތަކުގެ ތެރޭގައި މިދެންނެވުނު ގާޒީން މި މަސައްކަތްކުރައްވަނީ ޝަރުއީ ދާއިރާގެ އެންމެ ދަށުމަރުހަލާގައި ކަމަށްވާތީ ކޯނީ ރިޕޯޓާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި ޖަވާބުދެއްވޭނެކަމާ މެދު ސުވާލު އުފެދޭ ކަމަށް ވިދާޅުވުމާއި، އެކަމާއިމެދު ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބްލް ޢަބްދުﷲ ޝާހިދުވެސް ހިމެނިވަޑައިގަންނަވާ ޖޭއެސްސީން ގޮތެއް ނިންމަވަންދެން ތިއްބަވަންޖެހިވަޑައިގަންނަވަނީ ކަމުގައި ވިދާޅުވާ ވިދާޅުވުންތަކަކީ އެއްވެސް ހަމައެއްނެތް ސަބަބުތަކެއްކަމުގައި ވެސް ފާހަގަކުރެވެއެވެ.

އެހެންކަމުން ދަންނަވާފައި އެވާ ގާޒީން މަޖިލީހުގެ ކޮމިޓީއަށް ހާޒިރުވެލެއްވުމަށް ދެންއަޅުއްވަން އޮތް ފިޔަވަޅަކީ އެކަމަށް ގާނޫނީ އަމުރެއް ނެރުން ކަމުގައި މި ޕާޓީއަށް ފާހަގަކުރެވެއެވެ.

ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް