މެންބަރުންގެ ޚިޔާލު: އަވަސް އިންތިޚާބެއް މުހިންމުބާ؟

ލިޔުނީ: ފުނަމާ
އަޕްޑޭޓްކުރީ: ރާމިޒް

ޝައްކެއްވެސް ނެތެވެ. މާދަމާ ރިޔާސީ އިންތިޚާބެއް ބާއްވަން އިއުލާނު ކުރިކަމުގައި ވިޔަސް އެމްޑީޕީން އެއޮތީ ވާންޖެހޭ ހުރިހައި ތައްޔާރީ ތަކެއް ވެނިންމައިގެންނެވެ. މިހިނދަށް ރާއްޖޭގެ ހުރިހައި ކަންކޮޅުތަކުން އިވެމުންދާ އަޑުތަކާއި ފެންނަ މަންޒަރުތަކުން ޔަގީނުންވެސް ރިޔާސީ އިންތިޚާބެއްގައި އެމްޑީޕީން އެންމެ ފުރަތަމަ ބުރުންވެސް ގޮނޑި ކަށަވަރުކުރާނީ ބޮޑު އިންސައްތަ އަކުންނެވެ. ނަމަވެސް މިކަމުގެ ސަބަބުން ލިބިދާނެ ފައިދާ އަކަށާއި ގެއްލުމަކަށް ވިސްނާލުމަކީވެސް މުހިންމު ކަމެކެވެ.

ރައީސް ނަޝީދު ކުރީންވެސް ވިދާޅުވަމުން ގެންދަވާފައިވަނީ ތިރީސް އަހަރުގެ ޚުދުމުޚުތާރު ވެރިކަން ނިންމާ ލެވުނުއިރު ގައުމުގެ ކޮންމެ ކަމެއް އޮތީ އޮޅިފައިވާ ކަންވާރު ބޮޅެއް ފަދައިން ކަމުގައެވެ. މިއަދު މިއޮތް ސަރުކާރުން މިހާރު ހާވަމުންދާ ހަޑިތަކުގެ ސަބަބުން ގައިމުވެސް މިހާރު ގައުމުގެ ހާލަތު ނުވަތަ، ކަންކަން އޮތްގޮތަކީ ” ހެއްރަބޭގެ ފަށުވިބޮޅާ އެއްގޮތް ” ހާލަތެއްގައެވެ. އެކޮޅެއް މިކޮޅެއް މެދެއް ނޭނގެއެވެ. ސަރުކާރުގެ މުއައްޒަފުންނަށް މުސާރަ ދެވޭނެ ފަދައެއް މިއަދު މިގައުމުގައި ނެތިގެން ފިނޭންސް މިނިސްޓަރު އެހެރަ ރޮއެ ހޭރެނީއެވެ. ދައުލަތުގެ ރިޒާވުގައި ހުރީ ނާޅިއެއް ކަމެއް ބައިނާޅިއެއް ކަމެއް އެނގޭ މީހަކު ނެތެވެ. މުއައްޒަފުންގެ ޕެންޝަން ސްކީމްއެޅި ކޮތަޅުގަނޑުވެސް ނުވިއްކާ ކަމެއް ނޭނގެއެވެ. ސިޔާސީ އަރާރުމާއި ބާރުގެ ވާދައިގައި އެބުނާ އިއްތިހާދެއްގެ އެކަކު އަނެކަކު އެދަނީ ކަރުގައި ހިފަމުންނެވެ. ލަދެއް ހަޔާތެއް އަގަލެއް ، ކުލުނެއް އަމުދުން ނެތިއެވެ.

ރައްޔިތުންނަށް އެމްޑީޕީގެ ސަރުކާރުން ފޯރުކޮށްދޭންފެށި އިޖުތިމާއީ ރައްކާތެރިކަމުގެ މުޅިދާގަނޑު ފުނޑުފުނޑު ކޮށް އުކާލައިފިއެވެ. އެކަނިވެރި މައިންނާއި ، ބަފައިން މަގުމަތި ވެއްޖެއެވެ. އާސަންދަ ސަންދޯކުއަޅައި ވަޅުލައި ނިމެނީއެވެ. ފެށިހައި ޕުރޮޖެކްޓުތައް މިއަދު އެހެރީ ބެލެނި ވެރިޔަކު ނެތިފައެވެ. ދައުލަތުގެ މިނިސްޓްރީ ތަކެކޭ ” ބަލަހައްޓާެނެ މީހަކުނެތް ބަކަރި އައިނެކޭ ” އެއްގޮތެވެ. ކޮރަޕްޝަން އިންތިހާއަށް މަތިވެއްޖެއެވެ. މުދަލުގެ އަގުބޮޑުވެ އަތްނުފޯރާ ފަށަށް އަރައިފިއެވެ. އެމްޑީޕީ ސަރުކާރުން ތައާރަފުކުރި ޓެކްސްގެ ނިޒާމުން ރައްޔިތުންނަށް ލިބެންޖެހޭ އެއްވެސް ފައިދާއެއް މިއަދަކު ލިބެމަކުން ނުދެއެވެ. މުއްސަނދީން އިތުރަށް މުއްސަނދިވެ ފަގީރުން އިތުރަށް ނިކަމެތިވަމުން މިއޮއްގެން ދަނީއެވެ.

މިހާލަތުގައި ގައުމުއޮތްއިރު ވީއެންމެ އަވަހަކަށް ގައުމު ސަލާމަތް ކުރުމަކީ ކޮންމެހެން ކުރާންޖެހޭނެ ކަމެއް ކަމުގައި ދެބަސްވާކަށް ނެތީމެވެ. އަވަސް އިންތިޚާބެއް ބާއްވައިގެން ނަމަވެސް އަލުން އަބުރައި ވެރިކަން ކުރާން އެނގޭފަދަ ބަޔަކު މިގައުމާ ހަވާލުވާން އެބަޖެހެއެވެ. މަޖިލީހުގެ ކޮންމެ މެންބަރަކު ބޮޑާހާކާލާއިރަށް އޭނާގެ އަނބިދަރީންނަށް މިނިސްޓްރީ އުފައްދައި ހެދުމުންނާއި ބޮޑުލޯނު ދިނުމުން ގައުމު ސަލާމަތް ކުރާން އެބަޖެހޭވެސް މެއެވެ.
ނަމަވެސް ސިޔާސީ ގޮތުން ބަލާއިރު މިއަދު ގައުމުގައި މިއޮތް ވެއްޓަކީ އެންމެ ފުރިހަމަ ވެށިކަމުގައި ބުނެވޭކަށް ނެތެވެ. މީހުންގެ ވިސްނުމާއި ފިކުރު މުޅިއަކުން މިހުރީ އެންމެ ފުރިހަމަ ގޮތުގައި ކަމުގައި ދެންނެވޭކަށް ނެތެވެ. މީގެކުރީން އެމްޑީޕީގެ ސަރުކާރުން ތައާރަފުކުރި ކޮންމެ ކަމަކަށް ޖޯކުޖަހައި މަލާމާތް ކުރުމާއި ދަތިކުރުމުގައި ތިބިމީހުން އަދިވެސް އެބަތިއްބެވެ. މިއަދު ގައުމު ފުނޑިގެން މިދާއިރުވެސް އެމީހުންގެ ޚިޔާލާ ފިކުރު ބަދަލު ކުރުމުގެ ބޭނުމެއް އޮތް ކަމުގައި އެމީހުން ނުދެކެތެވެ. ކޮށިވިސްނުމުގައި ގައުމު ފަސާދަވެ އަވަދިވެ ދިއުމަށް ދޫކޮށްލައިގެން އެމީހުން އެތިބެނީ ގައިމުވެސް އެމީހުންނަށް ލިބެމުންދާ ވަގުތީ ފައިދާކޮޅަކާއި މަންފާއެއްގެ ދަހިވެތި ކަމުގައެވެ. އަމިއްލަ ނަފުސުވެސް ވިއްކާލައި ގައުމު ލިސާރު ކުރުމުގައި އެމީހުން އެތިބީ ރައްޔިތުންގެ ރުއިމާއި އާދޭހުގެ އެއްވެސް އަޑެއް ނީވޭހާވަރަށް މަސްތުވެ ބީރުވެފައެވެ.

މިފަދަ ހާލެއްގައި ގައުމު މިހެން އޮއްވައި އަވަސް އިންތިޚާބަކުން އަށެއްކަ މަހުގެ ދައުރެއްގެ ބާކީކޮޅެއް ހިފައިގެން އަންނަ ބަޔަކަށް ރައްޔިތުންގެ އުންމީދުތައް ފުއްދައި ދެވުމަކީވެސް ނުކުރެވޭނެ ކަމެކޭ ދަންނަވާކަށް ހަމަ ނުކެރޭނެއެވެ. އެހެނީ އެމްޑީޕީގެ ސަރުކާރުން އެވަނީ އެންމެ ތިންއަހަރުގެ ތެރޭގައި ކުރީގެ ތިރީސް އަހަރުގެ ހުރިހައި ކަމަކަށް ގޮންޖަހައި ކުރިއެރުން ހޯދާފައެވެ. އެހެންކަމުން އެންމެ އަށެއްކަ މަސްދުވަހުގެ ތެރޭގައިވެސް ރައީސް ނަޝީދުގެ ހިކުމަތު އަމަލީގެ ސަބަބުން ރައްޔިތުންނާއިގެން މިގައުމު އާހަރުފަތް ތަކަކަށް ވާސިލުވެ ވަޑައިގެން ފާނެކަމުގައި ދަންނަވާން ޖެހެއެވެ. އެހެން ނަމަވެސް ތެޅިފޮޅި ގަނެގެން ކަންކަން ކުރާން އުޅޭއިރު މިއަދުވެސް ރައްޔިތުންގެ މަޖިލިސް އޮތްގޮތުންނާއި އިދިކޮޅު މީހުން އަރާ ފިއްތާލާނެ މިންވަރު ކުރީގެ ތަޖުރިބާއިން ޔަގީންވާހިނދު ނެރޭން ބޭނުންވާ އެންމެ ރަނގަޅު ނަތީޖާ ނުނެރެވި ދާނެ ކަމުގެ ބިރުއެބައޮތެވެ. އޭގެ ސަބަބުން ދެހާސް ތޭރައިގެ ބޮޑު އިންތިޚާބަށް ހިޔަނި އަޅުވާލަން އިދިކޮޅު ފަރާތްތަކުން އިންތިހާއަށް ފައިވިއްދާނެތާއެވެ.

މީގެކުރީން މިގައުމުގައި އޮތީ ނުފޫޒުގަދަ ދެޕާޓީއެވެ. އެއީ އެމްޑީޕީއާއި، ޑީއާރުޕީއެވެ. އެހެނަސް ޑީއާރުޕީގެ ވިސްނުމުގެ ކޮށިކަމުން ނަމަވެސް މިއަދު ޕީޕީއެމް އެވަނީ ދެވަނަ ބާރެއްގެ ގޮތުގައި ހަމަޖެހިލައިގެންނެވެ. ޑީއާރުޕީގެ މެންބަރުންގެ ބޮޑުއަދަދެއް މިއަދު ފެންނަމުން އެދަނީ ޕީޕީ ލައްވަމުން ކުރިއަރާދާތަނެވެ. އެހެނަސް މިއަދުވެސް ސިޔާސީގޮތުން ހަރުދަނާ ފިޔަވަޅެއް އެޅުމަށް ޑީއާރުޕީ އޮތީ ނުކުޅެދިފައެވެ. ވިސްނުން ހުރީ ގައިމުވެސް ވެރިކަމުގެ ގޮނޑިއާއި ދިމާލަށެވެ. ގައުމު ފަސާދަވެ ދިޔައިރު، ގައުމަށް ބޮޑު ބަޣާވާތެއް ގެނައިއިރު ނޭނގި ނަމަވެސް ޑީއާރުޕީއަށްވެސް ތިބެވުނީ ނުއަތު ފަޅީގައެވެ. ގައުމަށް ފައިދާބޮޑީ ސިޔާސީ ވާދަވެރިކަމުގައި އަރާރުންވުން އެކަނި ކަމުގައި ދެކިގެން ކުރިމަސައްކަތުގައި ޑީއާރުޕީއަށް އެމީހުންގެ އަމިއްލަ ހަލާކާއި ދިމާލަށް ދެވުނުއިރުވެސް ރޭކާއެއް ނުލިއެވެ. މިއަދުވެސް އެމްޑީޕީއާއި ޑީއާރުޕީ ގުޅިގެން ނުކުމެ ރުކުރުވާލައިފިނަމަ މިގައުމު ހަމަޔަކަށް އަޅުވާލުމުގެ ފުރިހަމަ ބާރު އިންތިޚާބަކާ ނުލައިވެސް ލިބިގެން ހިނގައި ދާނެކަން ޑީއާރުޕީއަށްވެސް އެނގި ކަށަވަރުވާނެއެވެ. އެހެން ނަމަވެސް ސިޔާސީ ޒުވާބުގައި ދެބައި މީހުންނަށް މޭޒުގެ ދެފަރާތުގައި އިށީނދެ ނުތިބެވޭހާ މިންވަރަށް ބެހެވިދިއުމުގެ ސަބަބުން އެތިބީ ނަގަންވީ ފިޔަވަޅު އޮޅިފައެވެ. އެކަމަކު ގައުމު މިއަދު ހަލާކުގެ މަގުގައި ރޫޅެމުން ރައްޔިތުން ބިކަވަމުން ދާކަމުގެ އިހުސާސު އެންމެ ރަނގަޅަށް ކުރެވޭނެ އެއްޕާޓީއަކީވެސް އެމްޑީޕީ ފިޔަވައި ޑީއާރުޕީއެވެ.

އެހެން ސިޔާސީ ޕާޓީތަކަށް ބަލާލާއިރު އެމީހުން އެތިބީ ވަޖިދެއްގައެވެ. ބަދަލު ހިފުމާއި ދަވާލުމުގެ އަވައިގައިޖެހި ވެރިކަން މެނުވީ އެހެން އެއްޗެއް ނުފެންނަވަރަށް ކަނުވެފައެވެ. އެކަކު އަނެކަކާ ތަޅާފޮޅައި ދުވާލަކު އެއްފަހަރު ޕާޓީ ބަދަލުކުރަމުން ނުކުމެ ހިނގާމީހުން ގިނަވެފައެވެ. ސިޔާސީ ގޮތުން ފަށްކެނޑުމަކީ ޖާއިޒު ކަމެއް ކަމުގައި ދެކިގެން އެމަގުގައެވެ. ދައުލަތުގެ މުއްސަނދިކަން ޖީބަށް ލެވޭތީވެ ” ދަތް މައްޗަށް ތުންނާރާފައެވެ.”

ކަންމިހެން ހުރުމާއެކު މިވަގުތު މުހިންމީ ދައުރެއްގެ ބައިކުޅަ ބަޔަށް އިންތިޚާބެއް ބޭއްވުންތޯ ނުވަތަ ސިޔާސީ ގޮތުން ގައުމު ހަމަލޭނަކަށް އަޅުވައި ފުރިހަމަ ދައުރެއްގެ އިންތިޚާބަކަށް ދިއުންތޯ މިއީ ވިސްނާލުން ރަނގަޅު ކަމެކެވެ. ގައުމަށް ފައިދާ ބޮޑުވާނީ ކޮންގޮތެއްގައިތޯ ބަލައިގެން މެނުވީ ގައިމުވެސް އެމްޑީޕީން ފިޔަވަޅެއް ނާޅާނެކަން ޔަގީނެވެ. ވެރިކަމުގެ ދަހިވެތި ކަމުގައި ތެޅިފޮޅިގަނެގެން އެމްޑީޕީއަކުން ގައިމުވެސް ނުދުވާނެއެވެ. އެވިސްނުން ގެންގުޅޭ ބަޔަކާ ނުވެސް ގުޅޭނެކަން ކަށަވަރެވެ. ބަޔަކާ ނުގުޅިވެސް މިގައުމު ހަމަމަގަށް ގެނައުމުގައި ވާންޖެހޭ ކޮންމެ ގުރުބާނީއެއް ރައްޔިތުންގެ ހައްގުގައި އެމްޑީޕީން ވާނެއެވެ. މިއީ މިޕާޓީގެ ކޮންމެ މެންބަރަކަށްވެސް އޮންނާނެ ޔަގީންކަމެކެވެ.