ރައީސް ނަޝީދުގެ ޤާނޫނީ ޓީމުން ނެންގެވި އިޖުރާޢީ ނުކުތާތައް ހައިކޯޓުގައި އިސްތިޢުނާފްކޮށްފި

ލިޔުނީ: ލުޝާން
އަޕްޑޭޓްކުރީ: ރާމިޒް

ދިވެހިރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދުގެ މައްޗަށް ހުޅުމާލޭ ކޯޓޭ ކިޔާތަނެއްގައި ދަޢުލަތުންކޮށްފައިވާ ދަޢުވާގެ ޝަރީޢަތުގެ މަޖިލީހުގައި އެމަނިކުފާނުގެ ޤާނޫނީ ވަކީލުންގެ ޓީމުން ނެންގެވި އިޖުރާޢީ ނުކުތާތައް ހައިކޯޓުގައި މިއަދު އިސްތިޢުނާފް ކޮށްފިއެވެ.

ރައީސް ނަޝީދުގެ ފަރާތްޕުޅުން ހުޅުމާލޭ ކޯޓޭ ކިޔާތަނުގައި ނެގި އިޖްރާއީ ނުކުތާތަކަކީ ހުޅުމާލޭ ކޯޓު ކަމަށް ބުނާ ތަނުގެ ގާނޫނީ ސައްޙަކަމާއި މެދު ނެންގެވި ނުކުތާއާއި ހުޅުމާލޭ ކޯޓު ކަމަށް ބުނާ ތަނުގެ ޝަރީއަތެއް މާލޭގައި ކުރިއަށް ގެންދެވިދާނެތޯ ބެލުމަށް ހުށަހެޅި ނުކުތާގެ އާއި ކޯޓަށް މީހުން ޚާޒިރު ކުރުމާއި ބެހޭ ޤަވާޢިދާއި ޚިލާފަށް އެމަނިކުފާނު ކޯޓަށް ހާޒިރުވުމަށް އަމުރު ފޮނުވާފައިވާތީ ނެންގެވި ނުކުތާއެވެ.

މި މައްސަލާގައި މިއަދު ކޯޓުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދުގެ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގަންނަވާ، ހިސާން ހުސައިން ވިދާޅުވީ، ހައި ކޯޓަށް ހުށަހެޅިފައިވާ މައްސަލަ ނިމުމުގެ ކުރިން ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން މައްސަލަ ކުރިއަށް ގެންގޮސް ދައުވާލިބޭ ފަރާތުގެ މައްޗަށް ކުށް ސާބިތުވެ އަދަބު ކަނޑައަޅާ އެ އަދަބު ތަންފީޒުކޮށްފި ނަމަ އެއީ ހައި ކޯޓަށް ހުށަހެޅިފައިވާ މައްސަލަ ނިމޭގޮތަކުން އިއާދަނުކުރެވޭނެ ވަރުގެ ގެއްލުމެއް ލިބިދާނެފަދަ ކަމެއްކަމުން، މި މައްސަލަ ނިމެންދެން ހުޅުމާލޭ ކޯޓުގައި ކުރިއަށްދާ މައްސަލަ ކުރިއަށް ނުގެންދިއުމުގެ ވަގުތީ އަމުރަކަށް އެދޭކަމަށެވެ.

މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން ފަނޑިޔާރު ވިދާޅުވީ ދެން ބާއްވާ މި މައްސަލައިގެ އެޑުއެހުމެއްގައި ވަގުތީ އަމުރާމެދު ގޮތެއް ނިންމަވާނެ ކަމަށެވެ.