ނޫސްބަޔާން: ރައީސް ނަޝީދުގެ ފަރާތްޕުޅުން އެދިވަޑައިގަތް ވަގުތީ އަމުރުގެ މައްސަލައިގައި ހައިކޯޓުން މިއަދު ނިންމެވި ނިންމެވުމާ މެދު ކަންބޮޑުވުން ފާޅުކުރުން

އަޕްޑޭޓްކުރީ: ރާމިޒް


ވަގުތުން ނެރުމަށް
MDP-2012-PR-ނަންބަރު: 121
ތާރީޚް: 22 އޮކްޓޯބަރު 2012 (ހޯމަ)

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ދައުލަތުން ހުޅުމާލޭ މަޖިސްޓްރޭޓް ކޯޓް ކަމަށް ބުނާ ތަނަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން ރައީސް ނަޝީދުގެ ފަރާތްޕުޅުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅުއްވާފައިވާ އިސްތިއުނާފުގެ މައްސަލައިގެ އަޑުއެހުމެއް މިއަދު ހައިކޯޓުގައި ބާއްވަވާފައިވާއިރު، އެ މައްސަލައާ ގުޅިގެން ރައީސް ނަޝީދުގެ ފަރާތްޕުޅުން އެދިވަޑައިގެންފައިވާ ވަގުތީ އަމުރު ހައިކޯޓުން ނެރެދެއްވާފައިނުވާތީއާއި އަދި އެ ވަގުތީ އަމުރާމެދު ގޮތެއް ނިންމަވާނީ އަންނަ ނޮވެމްބަރ މަހުގެ 4 ވަނަ ދުވަހުގައިކަމަށް ހައިކޯޓުން މިއަދު ކަނޑައަޅުއްވާފައިވާތީ އެކަމާ އެމް.ޑީ.ޕީން ނުހަނު ކަންބޮޑުވުން ފާޅުކުރަމެވެ.

އެ ވަގުތީ އަމުރާމެދު ނޮވެމްބަރ 4 ގައި ހައިކޯޓުން ގޮތެއް ކަނޑައެޅުއްވުމަށް މިއަދު ނިންމެވިއިރު އެ ތާރީޚަކީ ރައީސް ނަޝީދުގެ މައްޗަށް ހުޅުމާލޭ މަޖިސްޓްރޭޓް ކޯޓް ކަމަށް ބުނާ ތަނަށް ހުށަހަޅާފައިވާ އަސްލު މައްސަލައިގެ އަޑުއެހުން އެ “މެޖިސްޓްރޭޓް ކޯޓް” ގައި ބޭއްވުމަށް ވެސް ކަނޑައަޅާފައިވާ ތާރީޚެވެ. މިދެމައްސަލަ އެއްދުވަހެއްގައި ބޭއްވުމުގެ ނަތީޖާއަކަށްވާނީ “ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓް” ގައި ބޭއްވޭ އަސްލު މައްސަލާގައި ދިފާއީ ވަކީލުން ތައްޔާރުވެވަޑައިގަތުމުގެ ފުރުސަތު ގެއްލިދިއުންކަމަށް މި ޕާރޓީން ދެކެމެވެ. އެހެނީ އަސްލު މައްސަލައިގެ ކުރިން ދިފާއީ ވަކީލުން ފުރިހަމަކުރައްވަމުން އެގެންދަވަނީ އެމައްސަލާގައި ރައީސް ނަޝީދަށް ޤާނޫނީ ގޮތުން ލިބިވަޑައިގެންވާ އިޖްރާއީ މައްސަލައަށް ގޮތެއް ނިންމުމުގެ ޕްރޮސެސްއެއްކަމާއި، އަސްލު މައްސަލައަށް ޖަވާބުދާރީވެ ވަޑައިގަންނަވަންޖެހެނީ އެ ޕްރޮސެސް ފުރިހަމަވުމަށްފަހު ނިންމޭ ގޮތެއްގެ މައްޗަށް ބިނާކޮށްގެންކަމަށް މި ޕާރޓީން ޤަބޫލުކުރަމެވެ. އަދި އެ ޕްރޮސެސްއަށްފަހު ޖަވާބުދާރީވެވަޑައިގަންނަވަންޖެހޭނަމަ އެގޮތުން ޖަވާބުދާރީވެވަޑައިގަތުމަށްޓަކައި ޤާނޫނު އަސާސީގައި ބުނާފަދައިން އެކަށީގެންވާ ފުރުސަތު ލިބިދޭންޖެހޭނޭކަމަށް ވެސް ދެކެމެވެ. ނަމަވެސް ހައިކޯޓުން މިއަދު ނިންމެވި ނިންމެވުމުގެ ސަބަބުން އެފުރުސަތު ގެއްލި، ރައީސް ނަޝީދަށް އިންސާފުވެރި ޝަރީޢަތެއް ލިބިވަޑައިނުގަންނަވާގޮތްވެގެންދާކަމަށް ދެކެމެވެ. އެހެނީ “ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓް” ގައި ހިނގާ މައްސަލާގައި ޖަވާބުދާރީވެވަޑައިގަންނަވަން ޖެހިވަޑައިގެންފައިވަނީ ހައިކޯޓުގެ މައްސަލައަށް އިންތިޒާރުކުރެވޭ ދުވަހުގައެވެ.

ރައީސް ނަޝީދުގެ މައްސަލާގައި ހައިކޯޓުން މިއަދު އެ ނިންމުން ނިންމެވިއިރު، މީގެކުރިން އެހެން ބައެއް މައްސަލަތަކުގައި ހައިކޯޓުން ރޭގަނޑުގެ ވަގުތުތަކުގައާއި ރަސްމީ ބަންދު ހުކުރު ދުވަސްފަދަ ދުވަސްތަކުގައި ވެސް މައްސަލަ ހިންގަވައި ވަގުތީ އަމުރު ނެރެދެއްވާފައިކަން ވެސް މިޕާރޓީން ފާހަގަކުރަމެވެ. ނަމަވެސް ރައީސް ނަޝީދުގެ ފަރާތްޕުޅުން ހައިކޯޓަށް ހުށަހެޅުއްވި އިސްތިއުނާފުގެ މައްސަލައާއި ވަގުތީ އަމުރުގެ މައްސަލަ ހުށަހެޅުއްވިފަހުން މިހާރު އެއް ހަފުތާ ފާއިތުވެ ގޮސް އަދި އެ މައްސަލައިގެ އަޑުއެހުމެއް މިއަދު ބާއްވަވާފައިވާއިރު، ވަގުތީ އަމުރާމެދު ގޮތެއް ނިންމަވާނީ “ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓް” ގައި ބޭއްވޭ އަސްލު މައްސަލަ އޮންނަ ދުވަހުގައިކަމަށް ކަނޑައަޅުއްވާފައިވާތީ، އެކަމަކީ ހަމަހަމަ އަދި އިންސާފުވެރި ގޮތެއް ނޫންކަމަށް މި ޕާރޓިން ދެކެމެވެ.

މިދެންނެވި ފަދައިން ހައިކޯޓުން މައްސަލަ ލަސްކުރައްވާފައިވާއިރު، ރައީސް ނަޝީދުގެ އިތުރު ޙައްޤުތަކެއް މިހާރުވެސް ހިފެހެއްޓިފައިވާކަމާއި އެގޮތުން އެމަނިކުފާނަށް މާލެއިން ބޭރަށާއި ރާއްޖެއިން ބޭރަށް ފުރައިވަޑައިނުގަނެވޭނޭގޮތް ހަދާފައިވާކަމާއި އަދި ވަގުތީ އަމުރު ނެރެދެއްވުމާމެދު ޕްރޮސިކިޔުޓާރ ޖެނެރަލްގެ ފަރާތްޕުޅުން ވެސް އިޢުތިރާޟެއް ނެތްކަމަށް ވިދާޅުވެފައިވާއިރުއާއި، އަދި ވަގުތީ އަމުރުގެ މައްސަލަ އަވަސްކޮށްދެއްވުމަށް ރައީސް ނަޝީދުގެ ފަރާތްޕުޅުން މިއަދު ސިޓީއަކުން ވެސް ހައިކޯޓުގައި އެދިވަޑައިގަންފައިވާއިރު، ހައިކޯޓުން އެކަންކަމަށް ރިއާއަތްކުރައްވާފައި ނުވާކަން ވެސް އެމް.ޑީ.ޕީން ފާހަގަކުރަމެވެ.

ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް