ކޮންމެ އިންތިޚާބަކަށް ވަކި ވޯޓު ފޮއްޓެއް ބެހެއްޓުމަށް އެމްޑީޕީން އިލެކްޝަންސް ކޮމިޝަނަށް ދަންނަވައިފި

ލިޔުނީ: ލުޝާން
އަޕްޑޭޓްކުރީ: ރާމިޒް

އިލެކްޝަންސް ކޮމިޝަންނުން ފަހަކަށް އައިސް ބާއްވަމުން ގެންދަވާ އިންތިޚާބްތަކުގައި ދެ ދާއިރާއެއް މެމްބަރުން ވޯޓުލުމަށް ވެސް އެއް ވޯޓު ފޮއްޓެއް ބަހައްޓަވަމުން ގެންދަވާތީ، ކުރިއަށް އޮތް އިންތިޚާބްތަކުގައި ކޮންމެ އިންތިޚާބަކަށް ވެސް ވަކި ވޯޓު ފޮއްޓެއް ބެހެއްޓުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ން އިލެކްޝަންސް ކޮމިޝަންގައި އެދެފިއެވެ.

އެމްޑީޕީގެ ޢަމީން ޢާންމުގެ ނައިބު އަހުމަދު އަކުރަމް ސޮއިކުރައްވައި އެ ކޮމިޝަނަށް މިއަދު ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ، އެއް ދުވަހެއްގައި އޮންނަ އިންތިޚާބުތަކުގެ ވޯޓުލުމަށް އެއްފޮށި ބަހައްޓަމުން ގެންދާތީ ތަފާތު އުނދަގޫތަކާއި އެކިއެކި މައްސަލަތައް ދިމާވާކަމަށް އެމްޑީޕީގެ ގިނަ މެމްބަރުން ފާހަގަކޮށްފައިވާ ކަމަށެވެ. އަދި ވޯޓު ފޮށިކައިރީގައި ތިބޭ އޮފިޝަލުންގެ އަތުން ވޯޓު ކަރުދާސް ކޮޅު އޮޅުމާއި އަދިވެސް ރައްޔިތުންގެ ހިތުގައި ވަޙުމް އުފެދޭ ފަދަ ގިނަ ކަންތައްތަކެއް ހިނގަމުން ދާކަމަށް ޕާޓީގެ ގިނަ މެމްބަރުންގެ ފަރާތުން ޝަކުވާ ލިބިފައިވާކަމަށް ވެސް އެ ސިޓީގައި އަކުރަމް ވިދާޅުވެފައިވެއެވެ.

އެހެންކަމުން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ބައި އިލެކްޝަނާއި އެހެނިހެން އިންތިޚާބުތައް ވީހާވެސް އިންސާފުވެރި ކަމާއި ދެފުށް ފެންނަ ގޮތަށް ގެންދިޔުމަށްޓަކައި ކޮންމެ އިންތިޚާބަކަށް ވަކި ފޮއްޓެއް ބެހެއްޓޭނެ ގޮތެއް އިންތިޒާމް ކުރުމަށް އެމްޑީޕީން ވަނީ އިލެކްޝަންސް ގައި އެދިފައެވެ..