މާލެއާއި އަތޮޅުތަކުން ބޭސް ހުސްވެފައިވާ މައްސަލަ ވަގުތުން ހައްލު ކުރުމަށް އެދި ބޮންޑެ ކުއްލި މައްސަލައެއް ހުށަހަޅުއްވައިފި

މާލެއާއި އަތޮޅުތެރޭގެ ރައްޔިތުންނަށް ހިދުމަތް ދިނުމަށް ސަރުކާރުން އަޅާފައިވާ ހޮސްޕިޓާތަކުގައި ކޮންމެހެން ހުންނަން ޖެހޭނެ ބައެއް ބޭސްތައް ހުސްވެ، ކުއްލި ހާލަތުގައި ރައްޔިތުންނަށް ދޭ ފަރުވާއާއި އާންމު ބަލިތަކުގައި ލިބެންޖެހޭ ފަރުވާ ލިބެމުންނުދާތީ ކުއްލިއަކަށް އެތައް ބައެއްގެ ފުރާނަ ގެއްލިގެންދާނެ ކަމުގެ ބިރު އޮތުމުން، އެކަން ވަގުތުން ހައްލުކޮށް ފިޔަވަޅު އެޅުމަށް އެދި މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވައިފިއެވެ.

މިއަދު މަޖިލީހަށް ހާޒިރުވެވަޑައިގެން ތިއްބެވި 37 މެމްބަރުންގެ ތެރެއިން 27 މެމްބަރުންގެ ތާއީދާއެކު މަޖިލީހަށް ބަލައިގަތް މި މައްސަލަ ހުށަހަޅުއްވަމުން ބޮންޑޭ ވިދާޅުވީ ކޮންމެހެން ބޭނުންވާ ބައެއް ކަހަލަ ބޭސްތައް ހުސްވަމުންދަނީ ބޭސް އެތެރެ ކުރާ ފަރާތްތަކާއި އެތަކެތި ވިއްކާ ފަރާތްތަކުން ގުޅިގެން މަސައްކަތް ނުކުރާތީ ކަމަށެވެ

“އައިޖީއެމްއެޗަށާއި އަތޮޅުތެރޭގެ ހޮސްޕިޓާތަކަށާއި މަރުކަޒުތަކަށް ސަރުކާރުން ބޭސް ފޯރުކޮށްދޭން ޖެހޭ ހިނދު، ކުޑަކުދިންނަށް ކޮންމެހެން ބޭނުންވާ ބައެއް ބޭސްތައް ވަނީ މުޅިންހެން ހުސްވެފައެވެ. އަދި އެންމެ މުހިއްމު ބޭސް ކަމުގައިވާ ކުއްލި ހާލަތުގައި ފުރާނަ ސަލާމަތްކުރަން ބޭނުންވާ (ލައިފް ސޭވިންގ ޑްރަގް) ލިބޭނެ ގޮތް ނެތި، އާންމުކޮށް ބޭނުންކުރާ މޯފިން ފަދަ ބޭސްވެސް މިހާރު މާލެއާއި އަތޮޅު ތެރޭގައި ސަރުކާރުން ހިންގާ ހޮސްޕިޓާތަކުންވެސް ލިބޭނެ ފަދައެއް ނެތެވެ. ކުއްލި ހާލަތުގައި މި ގޮތައް ފަރުވާ ދެވެން ނެތުމުން ބައެއްގެ ފުރާނަ ދަނީ ގެއްލެމުން ނެވެ.” ބޮންޑެ ހުށަހެޅުއްވި ކުއްލި މައްސަލައިގައިވެއެވެ.

ރާއްޖެއަށް ދިމާވެފައިވާ ބޭހުގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ކުރެވޭނެ ކަމެއް ނެތް ކަމަށް ވިދާޅުވެ، އެކަމުގެ ޒިންމާ ނަންގަވަން ނުޖެހޭނެ ކަމަށް ވިދާޅުވާ ހިނދު އޭގެ ޒިންމާ ކޮންމެވެސް އެއްބަޔަކު ނަގަން ޖެހޭނެ ކަމަށް ގަބޫލު ކުރެއްވޭ ކަމަށާއި، އާސަންދައަށް ގެނެވުނު ބަދަލުގެ ސަބަބުން ދުވާލަކު 6 ލައްކަ ރުފިޔާ ފައިދާ ވަމުންދާ ކަމަށް ބުނަމުންދާއިރު، ދިވެހި ރައްޔިތުންނަށް ބޭސްފަރުވާކޮށްދިނުމަކީ އަސާސީ ހިދުމަތެއްގެ ބަދަލުގައި ސަރުކާރުން ވިޔަފާރިއެއް ކަމަށް ދެކި ފައިދާއަށް ލިބޭ 6 ލައްކަ ރުފިޔާއަށް ގައުމުން ބޭރަށް އެކިވަރުވަރުގެ ދަތުރުތައް ކުރަމުންދާ ކަމަށް ވެސް ބޮންޑެ ތުހުމަތުކުރައްވާފައިވެއެވެ.

އެހެންކަމުން މާލެއާއި އަތޮޅުތަކުން ބޭސް ހުސްވެފައިވާ މައްސަލަ ރައްޔިތުންގެ ސަމާލުކަމަށް ގެނެސް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ފިޔަވަޅު އެޅޭނެ ގޮތެއް ހޯދުމަށާއި، އެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުން ހާއްސަ ކޮމެޓީއެއް އުފައްދައި ރައްޔިތުން ހިއްސާކުރާ ގޮތަށް އެ މައްސަލަތައް ބަލާ ދިރާސާކޮށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ވެސް ބޮންޑެ ހުށަހަޅުއްވާފައިވެއެވެ.