ރައީސް ނަޝީދު މިއަދު މީމު އަތޮޅަށް ވަޑައިގަންނަވާނެ

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު މިއަދު މީމު އަތޮޅަށް ވަޑައިގަންނަވާނެ އެވެ.

ރައީސް ނަޝީދުގެ މި ދަތުރުފުޅަކީ މ.އަތޮޅު ކައުންސިލުން ހުސްވެފައިވާ މުލަކު ދާއިރާގެ ބައި އިލެކްޝަން ގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ މ.މުލައް، ހެޕީނާސް އިބްރާހީމް ލަތީފަށް ތާއީދު ހޯއްދެވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި މިރޭ މުލަކުގައި ބާއްވާ ޖަލްސާގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާނެއެވެ.

ރައީސް ނަޝީދު މީމު އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީ އާއި، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

ފ.ބިލެތްދޫ ކައުންސިލުންނާއި، ލ.މާބައިދޫ ކައުންސިލް އަދި މ.އަތޮޅު ކައުންސިލް (މުލަކު ދާއިރާ) އިން ހުސްވެފައިވާ ގޮނޑިއަށް މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން، 2012 އޮކްޓޯބަރ 29 ވާ ހޯމަ ދުވަހު ބާއްވާގޮތަށް އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސާފައިވާ އިރު، ފ.ބިލެތްދޫ ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާނީ ފ.ބިލެތްދޫ ޗާންދަނީވިލާ ރަމްޒީނާ އަފީފް އެވެ. ލ.މާބައިދޫ ކައުންސިލުން ހުސްވެފައިވާ މެންބަރު ކަމަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނީ ލ.މާބައިދޫ ފިނިހިޔާގޭ އަބްދުﷲ ރަޝީދު އެވެ.