މިސްކިތްތަކުން ކަރަންޓް ކަނޑާލާތީ ފުވައްމުލަކު އެމްޑީޕީ ކައުންސިލަރުންގެ އިސްނެގުމުގެ މަތިން އެރަށު ކައުންސިލަރުން ސަދަން ޔުޓިލިޓީސް ކައިރީގައި އިހުތިޖާޖުކޮށްފި

ފުވައްމުލަކު މިސްކިތްތަކުން ކަރަންޓް ކަނޑާލާތީ އެރަށު އެމްޑީޕީ ކައުންސިލަރުންގެ އިސްނެގުމުގެ މަތިން އެރަށު ކައުންސިލަރުން ސަދަން ޔުޓިލިޓީސް ކުރިމަތީގައި އިހުތިޖާޖުކޮށްފިއެވެ.

މިއަދު ހެނދުނުން ފެށިގެން ފުވައްމުލަކުގެ އެމްޑީޕީ ކައުންސިލަރުންގެ އިސްނެގުމުގެ މަތިން ކުރަމުންދާ މި އިހުތިޖާޖުގައި އެހެން ކައުންސިލަރުން ވެސް ބައިވެރިވާ އިރު، ކަރަންޓް ބިލްތަކަށް ސަދަން ޔުޓިލިޓީސް އަށް ދައްކަންޖެހޭ 7 ލައްކަ އަށްވުރެ ގިނަ ރުފިޔާގެ އައުޓްސްޓޭންޑިންގ އެބަހުރި ކަމަށް މާދަޑު ކައުންސިލް މެންބަރު މުޙައްމަދު ޔާމީން “އެމްޑީޕީ ވެބްސައިޓަށް”، ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ 7 ފެބްރުއަރީގައި ވެރިކަން ބަދަލުކުރި ފަހުން ފުވައްމުލަކު ކައުންސިލްތަކަށް ބަޖެޓް ނުލިބޭ ކަމަށާއި، ކުރީގެ ބަޖެޓް ވެސް ފިނޭންސުން ހިފަހައްޓާފައިވާ ކަމަށެވެ. އަދި ކުރިން އެއް އިދާރާއެއްގައި ހިންގަމުން އައި ކައުންސިލް އިދާރާގެ މަސައްކަތް ވަކި 8 އިދާރާއަށް ބަދަލުކުރި އިރު، އެރަށުގެ ހުރިހާ ކައުންސިލެއްގެ ކަރަންޓް ކޯޑު ވަނީ މާދަޑު ކައުންސިލަށް ބަދަލުކޮށްފައި ކަމަށާއި، އެހެން ކަމުން ހުރިހާ ކައުންސިލް އިދާރާތަކެއްގެ ބިލް ދައްކަންޖެހިފައިވަނީ މާދަޑު ކައުންސިލަށް ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ. މީގެ އިތުރުން މިސްކިތްތަކުންނާއި، ކައުންސިލްތަކުން ނާއި މަގުބައްތިތަކުން ކަރަންޓް ކަނޑާލުމަކީ އެކަމުގެ ގެއްލުން ހުރިހާ ރައްޔިތުންނަށް ކުރާނޭ ކަމަކަށް ވާތީ ޔުޓިލިޓީސް އާ ވާހަކަދައްކައިގެން އެކަމަށް ހައްލެއް ލިބޭތޯ މަސައްކަތް ކުރަމުންދާ ކަމަށް ޔާމީން ވިދާޅުވިއެވެ.

” އަޅުގަނޑުމެން ހެނދުނުއްސުރެ ހުރިހާ ކައުންސިލެއް ވެސް ހިމެނޭ ގޮތުން ޔުޓިލިޓީސްގެ މެނޭޖަރާ ބައްދަލުކޮށް، މި މަސައްކަތް ކުރަނީ ކަރަންޓް ކަނޑާނުލާނޭ ގޮތެއް ވޭތޯ. ކައުންސިލްތަކުންނާ މަގުބައްތިތަކާއި، މިސްކިތްތަކުން ކަރަންޓް ކަނޑާލައިފިނަމަ އެއީ މުޅި ފުވައްމުލަކުގެ ހުރިހާ ރައްޔިތުންނަށް ވެސް ލިބޭ ގެއްލުމެއް. އެކަމުގެ ސަބަބުން މާރާމާރީއާއި، ވައްކަން އިތުރުވެގެންދާނެ. އެމްޑީޕީގެ ކައުންސިލަރުންގެ އިސްނެގުމުގެ މަތިން އަޅުގަނޑުމެން މި މަސައްކަތްކުރަނީ މިކަމަށް އަވަސް ހައްލެއް ލިބޭތޯ.” ޔާމީން ވިދާޅުވިއެވެ.

ފުވައްމުލަކު ހޯދަޑުގެ މިސްކިތްތަކުން ކަރަންޓް ކަނޑާލާނެކަން ޔުޓިލިޓީސް އިން އެންގުމުން، މިސްކިތްތަކަށް ފާނޫޒާއި، ބައްތި އާއި ފުޅި ބައްތި އަދި އުއްބައްތި ހަދިޔާކުރުމަށް އެ ކައުންސިލުން މިދިޔަ ބުދަ ދުވަހު ވަނީ އާންމުކޮށް އިއުލާންކޮށްފައެވެ.