ރައީސް ނަޝީދު އަބޫދާބީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މާލެ ވަޑައިގަތުމުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔައިފި

އަންނަ އަހަރު ދޭ ޒައިދު ފިއުޗާ އެނަޖީ އިނާމު ލިބޭ ފަރާތްތައް ހޮވުމަށް އެކުލަވާލާފައިވާ ފަނޑިޔާރުންގެ ޕެނަލްގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު އަބޫދާބީ އަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މާލެ ވަޑައިގަތުމުން އެމަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

ރައީސް ނަޝީދު އަބޫދާބީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިއަދު މެންދުރުފަހު، މާލެ ވަޑައިގެންނެވި އިރު އެމްޑީޕީގެ ލީޑަރޝިޕާއި، އެޕާޓީގެ މެންބަރުންނާ އެކު މަނިކުފާނަށް ތާއީދުކުރާ އެތައް ހާސް ބަޔަކު ވަނީ 4 ނަންބަރު ޖެޓީން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

ރައީސް ނަޝީދުގެ މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ޝާމްސް ޕަވަރ ކޮމްޕެނީން އަބޫދާބީ ގައި ގާއިމްކޮށްފައިވާ ރިނީވަބްލް އެނާރޖީ ސައިޓަށް ވެސް ޒިޔާރަތްކުރައްވާފައެވެ.


އިޔާދަކުރަވަނި ހަކަތައިގެ ދާއިރާއިން ފާހަގަކޮށްލެވޭ ފަރާތްތަކަށް ދޭ ޒައިދު ފިއުޗާ އެނަޖީ އެވޯޑްގެ ފަނޑިޔާރުންގެ ޕެނަލްގައި ރައީސް ނަޝީދު ހިމެނިވަޑައިގެންނެވި މީ ދެވަނަ ފަހަރެވެ.