މިއަހަރުގެ ފެބުރުއަރީ 7 އަދި 8 ވަނަ ދުވަހު އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ސަލާމަތީ ޚިދުމަތްތަކަށް ނިސްބަތްވާ ފަރާތްތަކުން އެކަށީގެން ނުވާ ބާރުގެ ބޭނުންކޮށް ލާއިންސާނީ އަނިޔާ ކުރި މައްސަލައާއި، ޤާނޫނާއި ޤަވައިދާއި ރައްޔިތުންގެ މަޖިލީހުގެ ޤަވައިދުގައި ވާގޮތާއި ޚިލާފަށް ހިފައި ހައްޔަރުކޮށް، ޖަލު ބަންދުގައި ބެހެއްޓި މައްސަލާގައި ހެކި ލިބިފައިވާތީ އެމައްސަލާގައި ކުއްވެރިވާ ފުލުހުންނާއި ސިފައިންނާއި މެދު ދަޢުވާ ކޮށްދެއްވުމަށް އެދި ޕްރޮސެކިޔުޓަރ ޖެނެރަލް އަށް ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒް ކޮމިޓީގެ އިއްތިފާޤުން މިއަދު ފާސްކޮށްފިއެވެ. މިގޮތަށް މިކޮމިޓީން ފާސްކުރިއިރު އިންޓަޕާލިމެންޓަރީ ޔޫނިއަން (އައިޕީޔޫ) ގެ ފަރާތުންވެސް ވަނީ އެމައްސަލަ ބެލުމަށް ރައްޔިތުންގެ މަޖިލީހަށް ގޮވާލާފައިވެއެވެ. އަދި މިމައްސަލައާއި ގުޅޭ އައިޕީޔޫގެ އިންސާނީ ޙައްޤުތަކާއި ބެހޭ ކޮމިޓީގެ 3ވަނަ ބައްދަލުވުން މިމަހުގެ 21-26 އަށް ކެނަޑާގައި އޮންނާނެއެވެ. މިބައްދަލުވުމަށް އިމްތިޔާޒް ކޮމިޓީން ކޮށްފައިވާ މަސައްކަތްތަކުގެ މަޢުލޫމާތު ފޮނުވައި ދިނުމަށްވެސް އައިޕީޔޫ އިން އެދިފައިވެއެވެ. މިބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް އެމްޑީޕީގެ ގަލޮޅު އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އީވާ ޢަބްދުﷲ މިއަދު ކެނަޑާއަށް ފުރާވަޑައިގަންނަވާނެއެވެ. މީގެ ކުރީގެ އައިޕީޔޫގެ މިކަމާއި ގުޅޭ ބައްދަލުވުންތަކުގައި އެކަމަނާއާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވަނީ ބައިވެރިވެ ވަޑައިގެން މައްސަލަތައް ހުށަހަޅައި އަދި މަޢުލޫމާތު ހިއްސާކުރައްވާފައެވެ.