ސަރުކާރުން ނައިޓް ކާފިއު ހިންގައި ދައުލަތާއި ރައްޔިތުންގެ ހައްގުތައް ނިގުޅަމުންދާތީ އެކަން ކުށްވެރިކުރުން
ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީން ލިބިދީފައިވާ އަސާސީ ހައްގުތަކާއި މަދަނީ މިނިވަންކަމާއި ހިލާފަށް ސަރުކާރުން ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތައް ރޭގަނޑު އެކަކާއި ފަތިހު ފަހަކާއި ދެމެދު އެއްވެސް ސަބަބެއްނެތި ރައްޔިތުން ހުއްޓުވާ ސުވާލުކޮށް، ރޭގަނޑު އެކެއްގެ ފަހުން ރައްޔިތުން ގޭ ބަންދުކޮށްފައި ވާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށް އެކަން ވަގުތުން ވަގުތައް ހުއްޓާލުމަށް ގޮވާލަމެވެ.
މާލެއާއި އަތޮޅުތެރޭގައި 24 ގަޑިއިރު ހުޅުވާފައިވާ ފިހާރަތަކާއި، ހޮޓާތަކާއި އެހެނިހެން ވިޔަފާރިތައް ކުއްލި ގޮތަކަށް އެއްވެސް ނޯޓިސްއެއް ދިނުމެއް ނެތި ބަންދު ކުރަން އެއްގުމާއި ގުޅިގެން ދިވެހިންގެ ތެރެއިން އެތައް ހާސް ބައެއްގެ ވަޒީފާ ވަނީ ގެއްލިގެން ގޮސްފައެވެ. އަދި މިކަމުގެ ޝަކުވާތައް ކެނޑިނޭޅި ދަނީ ކުރަމުންނެވެ. ވިޔަފާރިވެރިން އިންވެސްޓް ކޮށްފައިވާ ފައިސާއަކީ ބޭންކުތަކާއި އަމިއްލަ ފަރާތްތަކުން ނަގާފައިވާ ލޯނާއި މުދާކަމަށްވާހިދު، އެފައިސާ އަބުރާދެއްކޭނެ އިންތިޒާމެއް ނެތި ވިޔަފާރިވެރިޔާ ހުރީ ކަންބޮޑުވުމެއްގެ ތެރޭގައެވެ. މިއީ ވަރުގަދަވެ، ފުޅާވަމުން އަންނަ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިން ނައްތާލަށް ހިންގަމުންދާ އަމަލެއް ކަމުގައި ދެކެމެވެ. އަދި މިކަމުގައި މިއަދު ވިޔަފާރިވެރިންގެ ޖަމިއްޔާގެ ބަހެއް ނެތުމަކީ ހިތާމަކުރަން ޖެހޭ ކަމެކެވެ.
ދައުލަތް ހިގަމުންދަނީ ރައްޔިތުންއަތުން ނަގަމުންދާ ޖީއެސްޓީއާއި ވިޔަފާރިވެރިން އަތުން ނަނގާ ވިޔަފާރި ފައިދާއާއި އެހެނިހެން ޓެކްސް ކަމުގައި ވީހިދު ކުއްލި ގޮތަކަށް ވިސްނުމެއް ނެތި ސަރުކާރުން އެޅި ފިޔަވަޅުގެ ސަބަބުން ދައުލަތަށް ލިބޭ އާމްދަނީން އެތައް ގުނައަކުން ކުޑަވެ، މުޅި ދައުލަތް ބަނގުރޫޓުވެދާނެ ކަމުގެ ބިރު ވަނީ ރައްޔިތުންގެ ހިތުގައި އުފެދިފައެވެ. އަދި މި ގެއްލެމުން މިދާ ފައިސާއަކީ އޭގެ ބޭނުންކޮށްގެން މަސްދުވަހުގެ ތެރޭގައި ފޫޓަކުން ފޫޓަކުން މާލޭގައި ވަށައިގެން ސީސީ ޓީވީއާއި ކެމެރާތައް ހަރުކޮށް މާލެ އަމާންތަނަކަށް ހެދޭނެ ހާ ފައިސާކަންވެސް މިފުރުސަތުގައި ފާހަގަކޮށްލަމެވެ. މީގެ އިތުރަށް ރާއްޖޭގައި ނައިޓް ކާފިއު ހިންގުމާއި ގުޅިގެން ރާއްޖެއަށް ފަތުރުވެރިން އަންނަމުންދާ ގިނަ ގައުމުތަކުގެ ޓުއަރ އޮޕަރޭޓަރުން މިކަން ބަލައިގެންފައިވަނީ ރާއްޖެއަކީ ނާމާން ބިރުވެރިތަނެއްގެ ގޮތުގައެވެ. އަދި ކުރިން މިފަދަ ކަންކަމުގައި އަޑުއުފުލަމުން ދިޔަ ބައެއް ޖަމިއްޔާތައް ހަރަކާތްތެރި ނުވާކަންވެސް ފާހަގަކުރެވެއެވެ.
މާލޭގައި ހިނގާ މާރާމާރީތައް ހުއްޓުވުމަށް އަކަކިލޯމީޓަރެއް ފަދަ ކުޑަ ތަނެއްގައި ކެމެރާތައް ބަހައްޓައިގެން މާލެ ބެލެހެއްޓުމަކީ އުދަނގޫ ކަމަކަށް ނުވާއިރު، ރައްޔިތުންގެ ސަލާމަތްތެރި ކަމާއި ރައްކާތެރިކަމަށް ސަމާލުކަމެއް ދިނުމެއް ނެތި ދިވެހި ފުލުހުނަކީ ހަމައެކަނި ސިޔާސީ މީހުންގެ ފަހަތުންދުވާ ބައެއްކަމަށް ދެކެމެވެ. އަދި މާލޭގައި ހިނގާ މާރާމާރީ ތަކަކީ ފުލުހުންގެ މުއައްސަސާ ފެއިލްވެފައިވާ ކަމުގެ ހެއްކެއް ކަމަށާއި މިކަން ހުއްޓުވުމަށް މިއަހަރުތެރޭގައި އެދެވޭފަދަ ފިޔަވަޅެއް އެޅިފައެއްނުވެއެވެ. އަދި މިއަހަރުގެ މިހާތަނަށް މާރާމާރީގައި ދިވެހި 9 ރައްޔިތެއްގެ ފުރާނަ ގުރުބާންކޮށް، ރައްޔިތުންގެ މުދާފޭރުމާއި ފިހާރަފެޅުމާއި އަންހެން ބޭފުޅުންގެ އިއްފަތްތެރިކަން ފޭރުން އާންމުކަމަކަށް ވަމުން ދިއުމަކީ އަޅުގަނޑުމެންވެސް ކަންބޮޑުވާ ކަމަށްވާއިރު މިކަން ހައްލު ކުރުމަށް ރައްޔިތުންނަށް ލިބިފައިވާ ހައްގުތަކުން މަހުރޫމު ނުކޮށް ގިނަ ފިޔަވަޅުތަކެއް އެޅެން ހުރިކަންވެސް މިފުރުސަތުގައި ފާހަގަ ކުރަމެވެ.
ރާއްޖެއަކީ ފަގީރު ގައުމުތަކުގެ ލިސްޓުން އުނިކޮށް މެދުފަންތީގެ ގައުމުތަކުގެ ލިސްޓުގައި ހިމަނާފައިވާ ގައުމަކަށް ވާހިދު، މިފަދަ ހިދުމަތްތަކަކީ ކޮންމެހެން ދޭންޖެހޭ ހިދުމަތަކަށްވާއިރު ގާނޫނު އަސާސީއާއި ހިލާފަށް ރައްޔިތުންގެ މައްޗަށް ސަރުކާރުން ކޮށްފައިވާ މިއަމުރަކީ ރައްޔިތުން އެކަމަށް ތަބާވާން ނުޖެހޭ ޢައިރު ގާނޫނީ އަމުރެއް ކަމަށް އަޅުގަނޑުމެން ދެކެވެ.
ނޫސްބަޔާން ނެރުނީ:
އިބްރާހިމް ރަޝީދު (މާފަންނު ދެކުނު ދާއިރާ)
ހާމިދު އަބުދުލް ޣަފޫރު (ހެންވޭރު ދެކުނު ދާއިރާ)
މޫސާ މަނިކު (ހުޅުހެންވޭރު ދާއިރާ)
މުހައްމަދު ރަޝީދު (މައްޗަންގޯޅި ދެކުނު ދާއިރާ)
މުހައްމަދު ގަސަމް (ތިނަދޫ ދާއިރާ)
މުހައްމަދު ޝިފާޒު (ބާރަށު ދާއިރާ)
މުހައްމަދު ތޯރިގް (މަނަދޫ ދާއިރާ)