އެމްޑީޕީ ދެކުނުގެ ޕްރޮވިންސްގެ ރައީސަށް އަވަސް ޝިފާއަކަށް އެދެން – ރީކޯ މޫސަ

މިރޭ އިރު އޮއްސުނު އިރު ފުވައްމުލަކުގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި އެމްޑީޕީ ދެކުނު ޕްރޮވިންސްގެ ރައީސް މުޙައްމަދު މުސްތަފާއަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވާ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ފުވައްމުލަކު މިސްކިތްމަގު އަވަށުގައި އޮންނަ ފުޓުބޯޅަ ދަނޑު (މައިލޯ ދަނޑު) ކައިރިން ޖަމާލުއްދީން ނައިބު ތުއްތު މަގުގައި 2 ސައިކަލެއް ޖެހި ހިނގި މި އެކްސިޑެންޓްގައި މުސްތަފާގެ ވާތު ކޮނޑުހުޅު ބިންދައިގެން ގޮސް މޫނުގެ ވާތުފަޅިއަށް ވެސް އެކިވަރުގެ ޒަޚަމްތައް ލިބިފައިވާ ކަމަށް އެމްޑީޕީ ވެބްސައިޓަށް ވަނީ މައުލޫމާތު ލިބިފައެވެ.

މޫސަ ވިދާޅުވީ މުސްތަފާ އަކީ އެމްޑީޕީގެ ވަރަށް ޚިދުމަތްތެރި މެންބަރެއް ކަމަށާއި، ވައުދުގެ ދަތުރުގައި ވެސް މުސްތަފާގެ ހިންގުންތެރިކަމާއި، އެހީތެރިކަން ވަރަށް ބޮޑަށް ފާހަގަކުރެވިގެން ދިޔަ ކަމަށެވެ. އަދި މުސްތަފާ އެކްސިޑެންޓްވި ޚަބަރު އެއްސެވީ ވަރަށް ފުން ހިތާމަޔާ އެކު ކަމަށާއި، އެމްޑީޕީގެ އެންމެ އިސް ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދާއި، އެމްޑީޕީގެ ލީޑަރޝިޕްގެ އެހެން ބޭފުޅުންނާއި ގައުމީ މަޖިލީހުގެ މެންބަރުންނާއި، އާންމު މެންބަރުންގެ ނަމުގައި މުސްތަފާއަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވާ ކަމަށެވެ.