މެމްބަރު އިބްރާހިމް ރަޝީދުގެ މައްޗަށް ވެސް ދަޢުވާކޮށްފި

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ލީޑަރ ޝިޕަށާއި، ޕާލިމެންޓްރީ ގްރޫޕްގެ މެމްބަރުންނަށް އަމާޒުކޮށްގެން ޕޮރެސެކިއުޓަރ ޖެނެރަލް ކުރައްވަމުން ގެންދަވާ ޖިނާޢީ ދަޢުވާތަކުގެ ސިލްސިލާގެ ތެރެއިން މިއަދު މާފަންނު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑާ)ގެ މައްޗަށް މިއަދު ދަޢުވާކޮށްފިއެވެ.

ކްރިމިނަލް ކޯޓުގައި މިއަދު އޮތް ޝަރީޢަތުގެ މަޖިލީހުގައި ބޮންޑާގެ މައްޗަށް އުފުލާފައިވަނީ ފުލުހުންގެ ދައުރު އަދާކުރި މީހަކަށް ހަމަލާދިނުމުގެ ދަޢުވާއެވެ. ދަޢުވާ އިއްވުމުން ބޮންޑާ ވަނީ ދަޢުވާއަށް އިންކާރުކޮށް ރާއްޖޭއިން ބޭރުން ވަކީލަކު ގެނައުމުގެ ފުރުސަތަކަށް އެދިވަޑައިގެންފައެވެ. އަދި މި ދަޢުވާއަކީ ސިޔާސީ ދަޢުވާއެއް ކަމަށާއި ދިވެހިރާއްޖޭގެ ޖިނާޢީ ޢަދުލުގެ ނިޒާމް ފުރިހަމަ ނުވާކަމަށް ވެސް ބޮންޑާ ވިދާޅުވިއެވެ.

މިއަދު ޝަރީޢަތުގެ މަޖިލީސް ނިންމަވާލެއްވީ ވަކީލަކު އައްޔަން ކުރެއްވުމަށް ބޮންޑާއަށް ތިން ދުވަހުގެ މުޙުލައްތެއް ދެއްވަމުންނެވެ.

ބޮންޑާއަކީ 7 ފެބްރުއަރީގަ އާއި އޭގެ ފަހުން ވެސް ފުލުހުން އެންމެ އަނިޔާކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެވެ. އެގޮތުން 7 ފެބްރުއަރީގައި ބޮންޑާ ބިންމައްޗަށް ވައްޓާލުމަށް ފަހު އެސްއޯ ފުލުހުންތަކެއް ވެގެން ވަނީ މުގުރުންނާއި ފައިން ތަޅާ ބޮންޑާއަށް ލާއިންސާނީ އަނިޔާ ކޮށްފައެވެ. އަދި އޭގެ ފަހުން ފުލުހެއް ވަނީ ބޮންޑާގެ ގައިކޮޅުގައި ދަތްއަޅާ ވަރަށް ބޮޑުވަރު ކޮށްފައެވެ. އެހެން ނަމަވެސް މީގެން އެއްވެސް މައްސަލައެއް ތަޙްޤީގް ނުކުރާނޭކަމަށް އަބްދުﷲ ރިޔާޒް ވިދާޅުވެފައިވާ އިރު، ޕްރޮސެކިއުޓަރ ޖެނެރަލް ވެސް ވަނީ މީގެން އެއްވެސް ފުލުހެއްގެ މައްޗަށް ދަޢުވާ ކުރުމަށް ނުކުޅެދިފައެވެ.