
އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީގެ 129 ވަނަ ބައްދަލުވުން މިއަދު ބާއްވައިފިއެވެ.
މިއަދުގެ ބައްދަލުވުމުގައި އެމްޑީޕީން މިމަހުގެ 1 ން ފެށިގެން 14 ވަނަ ދުވަހުގެ ނިޔަލަށް ކުރި އާދަޔާ ޚިލާފް އަދި ކާމިޔާބު ކެމްޕެއިން ދަތުރު ކަމަށްވާ “ވަޢުދުގެ ދަތުރު”ގެ މަޢުލޫމާތު ގައުމީ ހިންގާ ކޮމިޓީގެ މެންބަރުންނާ ހިއްސާކުރިއެވެ. ވައުދުގެ ދަތުރުގެ މައުލޫމާތު އެރުއްވީ އެމްޑީޕީގެ ޗެއާރޕާސަންގެ ނައިބު އިދާރީ އަލީ ޝިޔާމް އެވެ. މީގެ އިތުރުން އުތުރުގެ ވައުދުގެ ދަތުރާއި ބެހޭގޮތުން ވެސް މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކޮށްފައިވެއެވެ.
މި ބައްދަލުވުމުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ފަރާތުން މައުލޫމާތު އެރުއްވީ އެ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދެވެ. 7 މެންބަރުންގެ ކޮމިޓީން މައުލޫމާތު ހިއްސާކުރެއްވީ އެ ކޮމިޓީގެ މުގައްރިރު، އެމްޑީޕީ ސަރުކާރުގެ ފިނޭންސް މިނިސްޓަރ މުޙައްމަދު ޝިހާބެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަށާއި މަޖިލިސް މެމްބަރުންނަށާއި އަދި އެހެނިހެން މެމްބަރުންނަށް ދައުވާ ކުރަމުންދާ މައްސަލަތަކުގެ މައުލޫމާތު ވެސް މިއަދުގެ ބައްދަލުވުމުގައި ގައުމީ ހިންގާ ކޮމިޓީގެ މެންބަރުންނާ ހިއްސާކުރެއްވިއެވެ. މި މައުލޫމާތު ހިއްސާކުރެއްވީ އެމްޑީޕީގެ ލީގަލް ޑައިރެކްޓަރ އަލްއުސްތާޛާ ޙިސާން ޙުސައިން އެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ދާއިރާތަކުގެ ތެރެއިން މަޖިލިހުގައި އެމްޑީޕީ ތަމްސީލް ނުކުރާ ދާއިރާތަކުގެ ޕްރައިމަރީ ބޭއްވުމާއި ބެހޭގޮތުން ވެސް މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކޮށްފައިވެއެވެ.
އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ އެޕާޓީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކެވެ.