ނޫސް ބަޔާން
ސަދަން ޔުޓިލިޓީސް ގައި ވަޒީފާ އަދާ ކުރަމުން ދިޔަ ފުވައްމުލަކުގެ ގިނަ ޢަދަދެއްގެ ބަޔަކު އެއްވެސް ސަބަބަކާ ނުލައި ވަޒީފާއިން ވަކިކޮށްފައިވާތީ މި ނާތަހުޒީބު އަދި އަނިޔާވެރި ޢަމަލު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފުވައްމުލަކު ދާއިރާތަކުން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރަމެވެ. މި ޢަމަލަކީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ ގައި ކަށަވަރުކޮށްދީފައިވާ ރަައްޔިތުންގެ އަސާސީ ޙައްޤުތައް ނިގުޅައިގަނެވޭގޮތަށް، އަދި ވަޒީފާ އާއި ބެހޭ ޤާނޫނާއި ޤަވާއިދުތަކާއި ޚިލާފަށް ހިންގާފައިވާ ދަށުދަރަޖައިގެ ޢަމަލެކެވެ.
އެކަށީގެންވާ ސަބަބަކާ ލައިގެން މެނުވީ، ވަޒީފާ އަދާކުރަމުންދާ މުވައްޒަފަކު އޭނާގެ ވަޒީފާއިން ވަކިކޮށްގެން ނުވާނެކަމަށް ވަޒީފާއާއި ބެހޭ ޤާނޫނުގައި ބުނެފައިވާ ހިނދު، އަދި ސިޔާސީ ވިސްނުމާއި ފިކުރު ނިސްބަތްވާ ސިޔާސީ ޕާޓީ އަކީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ސަބަބެއްކަމުގައި ނުބެލެވޭނޭކަމަށް ވަޒީފާ އާއި ބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާއިރު، ސަދަން ޔުޓިލިޓީސް އިން ވަކިކުރި މުވައްޒަފުން ވަކިކޮށްފައި ވަނީ ސިޔާސީ ގޮތުން ވަކި ފިކުރެއް ގެންގުޅެ، އަދި ސިޔާސީ ވަކި ޕާޓީއަކަށް ނިސްބަތްވާތީ ކަމުގައި ދެކެމެވެ.
ސިޔާސީ ފިކުރުތަކުގައި، ޤާނޫނާއި ޤަވާއިދުތަކުގެ ބޭރުން، ކުއްލިގޮތަކަށް ގިނަ ޢަދަދެއްގެ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކުރުމުން، ފުވައްމުލަކުގައި ހުރި ސަރުކާރާ އަމިއްލަ އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެ މީހުންގެ ވަޒީފާ އާއި ދޭތެރޭގައި އޮތް އިތުބާރު ގެއްލި، ނަފްސާނީ ގޮތުން ވަނީ ބިރުވެރިކަމެއްގެ ތެރޭގައެވެ. އަދިހަމަ އެހެންމެ، މިފަދަކަންކަމުގެ ސަބަބުން އިތުރުވެގެންދާނީ ނުތަނަވަސްކަމާއި ހަމަނުޖެހުންތަކެވެ. ބައިބައިވުމާއި ޒާތީ ތަޢައްޞުބެވެ. ނިކަމެތިވެ، ގެއްލިގެން ދިއައީ އެތައް ތުއްތުކުދީންގެ އިންސާނީ ޙައްޤެވެ. އަދި ހަމަ އެތަކެއް ޢާއިލާއެއްގެ އިންސާނީ ކަރާމަތާއި ޝަރަފަށް ލިބިގެން އެދިއައީ އިންތިހާއީ ބޮޑު ގެއްލުމެކެވެ.
އެހެންކަމުން ސަދަން ޔުޓިލިޓީސްގެ މި ޢަމަލު ވަރަށް ބޮޑަށް ކުށްވެރިކޮށް މި ފަދަ ޢަމަލުތައް ތަކުރާރު ނުކުރުމަށާއި، ޤާނޫނާއި ޚިލާފަށް ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކަށް އަލުން އަނބުރާ ވަޒީފާ ދިނުމަށް އިލްތިމާސް ކުރަމެވެ. އަދި ހަމައެފަދައިން ދިވެހިޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގައި ދިވެހި ކޮންމެ ރައްޔިޔަކަށްމެ ކަށަވަރުކޮށްދީފައިވާ ހަމަހަމަކަމާއި، އިންސާފާއި އަދި އެހެނިހެން އަސާސީ ހައްޤުތަކާއި މިނިވަންކަން ކަށަވަރުކުުރުމަށް ކަމާބެހޭ އެންމެހާ މުއައްސަސާތަކަށް އަޅުގަނޑުމެން ގޮވާލަމެވެ. ވަކީން ޚާއްޞަކޮށް ފުވައްމުލަކުގެ ކައުންސިލްތަކާއި ހިއުމަންރައިޓްސް ކަމިޝަން އޮފް މޯލްޑިވްސް އާއި މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ހިއުމަންރައިޓްސްގެ ފަރާތުން މިކަން ވަގުތުންވަގުތަށް ބަލާ މިފަދަ ނާތަހުޒީބު އަނިޔާވެރި ޢަމަލެއް ހިންގި ބަޔަކު އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ގޮވާލަމެވެ.
16 އޮކްޓޯބަރ 2012
މުޙައްމަދު މުޞްތަފާ އަޙުމަދު
ދެކުނު ޕްރޮވިންސްގެ ރައީސް