އަންނަ އަހަރު ދޭ ޒައިދު ފިއުޗާ އެނަޖީ އިނާމު ލިބޭ ފަރާތްތައް ހޮވުމަށް އެކުލަވާލާފައިވާ ފަނޑިޔާރުންގެ ޕެނަލްގައި ހިމެނިވަޑައިގަންނަވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެނޑިޑޭޓް މުޙައްމަދު ނަޝީދު މިރޭ އަބޫދާބީ އަށް ފުރާވަޑައިގަންނަވާނެއެވެ.
އިޔާދަކުރަވަނި ހަކަތައިގެ ދާއިރާއިން ފާހަގަކޮށްލެވޭ ފަރާތް ދޭ މި ޚާއްސަ އެވޯޑްގެ ފަނޑިޔާރުންގެ ޕެނަލްގައި އެމަނިކުފާނު ހިމެނިވަޑައިގެންނެވި މީ ދެވަނަ ފަހަރެއެވެ.
ރައީސް ނަޝީދުގެ މައްޗަށް ދަޢުލަތުން ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓޭ ކިޔާތަނެއްގައި ކޮށްފައިވާ ދަޢުވާއާއި ގުޅިގެން އެ ކޯޓުން ވަނީ ރައީސް ނަޝީދަށް ބޭރަށް ފުރާވަޑައި ނުގަނެވޭނޭގޮތަށް ޕާސްޕޯޓް ހިފެހެއްޓުމަށް އެމިގްރޭޝަނަށް އަމުރުކޮށްފައެވެ. ނަމަވެސް ފަހުން އެމަނިކުފާނަށް ފުރުމުގެ ހުއްދަ އިމިގްރޭޝަނުން ދެއްވީ، ކޯޓުން އަންގަވާފައިވާތީކަމަށް ބައެއް މީޑިޔާތަކުގެ ވެބްސައިޓްގައިވެއެވެ.