ރައީސް މުޙައްމަދު ނަޝީދަށް ދައުލަތުން ދަޢުވާކޮށްފައިވަނީ މިހާރު ޢަމަލުކުރެވެމުންދާ “ޤަދީމީ އަދި ފުރިހަމަނޫން” ޤާނޫނުލްޤުޤޫބާތުގެ ދަށުންކަމަށް އެމްޑީޕީން ބުނެފި

އެމް.ޑީ.ޕީ ގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދަށް ދައުލަތުން ދަޢުވާކޮށްފައިވަނީ މިހާރު ޢަމަލުކުރެވެމުންދާ “ޤަދީމީ އަދި ފުރިހަމަނޫން” ޤާނޫނުލްޤުޤޫބާތުގެ ދަށުންކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ން ބަޔާންކުރެއެވެ. އަދި މިޤާނޫނުލްޢުޤޫބާތަކީ 2008 ގައި ރާއްޖެ ފެށި ޑިމޮކްރެޓިކް ބަދަލުތަކާ ނުބައްދަލު އެއްޗަކަށްވާއިރު، ރައީސް ނަޝީދަށް ދަޢުވާކޮށްފައިވަނީ ސިޔާސީ މަޤްޞަދުތަކަކަށް ކަމަށް ބަޔާންކޮށް އެމްޑީޕީން އުފުލާ އަޑު ތަކުރާރުކުރެއެވެ.

މިހާރުގެ ޤާނޫނުލްޢުޤޫބާތް އެތައް ގޮތަކުން އުނިވެފައި އޮތަތީ، އާ ޑްރާފްޓް ޤާނޫނުލްޢުޤޫބާތް ރައްޔިތުންގެ މަޖިލީހުން ހުށަހަޅާފައިވާއިރު، އެބިލު ފާސްވުމަށްދާންދެން، މިހާރުގެ ޤާނޫނުލްޢުޤޫބާތު ތަޠްބީޤުކުރުން ވަގުތީ ގޮތުން މަޑުޖައްސާލުމަށް 2009 ގައި އެމްޑީޕީ ސަރުކާރުން ގޮވާލާފައިވާނެއެވެ. ހިތާމައަކީ އަދިއަދަށްވެސް އާ ޤާނޫނުލްޢުޤޫބާތް މަޖިލީހުން ފާސްކޮށްފައި ނުވާކަމެވެ.

ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދަށް ދަޢުވާކޮށްފައިވަނީ “ދައުލަތުގެ މުއައްޒަފަކަށް ލިބިފައިވާ ބާރަކުން ކުށްނުކުރާ މީހުން ހިފުމާއި ހައްޔަރު ކުރުމުގެ” ކުށް ބަޔާންކުރާ ޤާނޫނުލްއުޤޫބާތުގެ 81 ވަނަ މާއްދާއިންނެވެ. މިމާއްދާ ރައީސް ނަޝީދުގެ މައްޗަށް ސާބިތުވެއްޖެނަމަ، ރިޔާސީ އިންތިޚާބުގައި ކުރިމަތިލުމަށް އެމަނިކުފާނުގެ ޝަރުޠު ހަމަނުވާކަމަށް ކަނޑައެޅުމުގެ ޖާގަ އެބަ އޮތެވެ.

1960 ގެ އަހަރުތަކުގައި އެކުލަވާލާފައިވާ މިހާރުގެ ޤާނޫނުލްޢުޤޫބާތް އިސްލާހުކުރުމުގެ ބޭނުންތެރިކަމާމެދު ބައިނަލްއަޤްވާމީ މުޖްތަމަޢުއިންނާއި ފުންނާބުއުސް ޤާނޫނީ މާހިރުން ދިވެހި ސަރުކާރަށް ތަކުރާރުކޮށް ބާރުއަޅާފައިވާކަން ފާހަގަކުރެވެއެވެ.
2006 ވަނަ އަހަރު، އެމެރިކާގެ ޔުނިވާސިޓީ އޮފް ޕެންސިލްވޭނިޔާގެ ޤާނޫނާބެހޭ ކުއްލިއްޔާގެ ޕްރޮފެސަރ، ޑރ ޕޯލް ރޮބިންސަން ވަނީ، ޔޫ.އެން.ޑީ.ޕީގެ އެދެމުގެ މަތިން އާ ޤާނޫނުލްއުޤޫބާތެއް ރާއްޖެއަށް އެކުލަވާލައްވާފައެވެ. މިޤާނޫނުލްއުޤޫބާތުގެ މުޤައްދިމާގައި، މިހާރުގެ ޤާނޫނުލްޢުޤޫބާތުގެ އުނި ސިފަތައް ބަޔާންކުރައްވަމުން، އެޤާނޫނު މިހާރުން މިހާރަށް އިޞްލާހުކުރުމުގެ މުހިންމުކަމަށް ޑރ ރޮބިންސަން އަލިއަޅުވާލައްވާފައި ވެއެވެ.

މިގޮތުން “މިހާރުގެ ޤާނޫނުލްއުޤޫބާތް މެދުވެރިކޮށް އިންސާފުން ޝަރީއަތްކުރަން ދައުރީގޮތުން ފޭލިވެފައިވާކަމަށާއި، އޭގެން ނިޔާކަނޑައެޅުމުގެ ނަތީޖާއަކަށްވަނީ އަނިޔާވެރިކަން” ޤާއިމުވުންކަމަށް ޑރ ރޮބިންސަން ބަޔާންކުރައްވައެވެ. މިކަން މިގޮތަށް ހިނގަނީ މިހާރުގެ ޤާނޫނުލްޢުޤޫބާތުގައި ވަކިވަކި ޤާނޫނީ މަފްހޫމުތަކާއި އިޖްރާއާތުތަކާއި ކުށްތައް މާނަކޮށްފައި ނުވާތީކަމަށް ޑރ ރޮބިންސަން ވިދާޅުވެފައިވެއެވެ. މިހެންކަމުން އެޤާނޫނަށް ޢަމަލުކުރުމުގައި ފުށުއެރުންތައް ކުރިމަތިވާތީ އެއަށް ބިނާކޮށް ޤާނޫނީ މަބްދައު ކަނޑައެޅުންވެސް އޮތީ ތަދުކަމަކަށް ވެފައިކަމަށް ޑރ ރޮބިންސަން ބަޔާންކުރައްވާފައިވެއެވެ.

މިއާއެކު، 2008 ވަނަ އަހަރު ޤާއިމުކޮށްފައިވާ ޖޫޑިޝަލް ސާވިސަސް ކޮމިޝަން (ޖޭ.އެސް.ސީ)ގެ މައިގަނޑު ވާޖިބަކީ ފަނޑިޔާރުކަމުގައި ތިއްބަވައިގެން ފަނޑިޔާރުން ކުރަން އެކަށީގެންނުވާ ކަންކަން ނުކުރޭތޯ ބަލައި ފާރަލުންކަމަށްވާއިރު، ޤާނޫނު އަސާސީގެ 149 މާއްދާކަމަށްވާ ފަނޑިޔާރުންގައި ހުރުން ލާޒިމު ޝަރުޠުތަކާ ޚިލާފަށް، ފަނޑިޔާރުންގެ މަޤާމަށް ބޭނުންވާ ފެންވަރާއި ތަޢުލީމާއި ސުލޫކީ މިންގަނޑާ ޚިލާފުވާ ފަނޑިޔާރުންނަށް ފިޔަވަޅު އެޅުމަށް، ޤާނޫނު އަސާސީ ބަޔާންކުރާ އިންތިޤާލީ މަރުޙަލާގައި، ޖޭ.އެސް.ސީ އިން ވަނީ ނުކުޅެދިފައެވެ.

މިކަން މިހެން ހުރުމުން “ޖޭ.އެސް.ސީ އިން ވަނީ، ފުދޭވަރާގާތް ގޮތެއްގައިވެސް، އެމުއައްސަސާގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް، ހާމަކަންބޮޑު، ދަނޑިވަޅާ ބައްދަލު އަދި ވަކިފަރާތަކަށްނުޖޭ ބީދައިން ކުރިއަށް ގެންދަން ނުކުޅެދިފައިކަމަށް” އިންޓަނޭޝަނަލް ކޮމިޝަން އޮފް ޖޫރިސްޓްސް އިން 2011 ގައި ބަޔާންކޮށްފައިވެއެވެ.

މިއާއެކު “ރާއްޖޭގެ އަދުލުއިންސާފުގެ ދާއިރާގެ ޙާލަތާމެދު އިންތިހާއަށް ކަންބޮޑުވާ” ކަމަށާއި “އެދާއިރާއަށް ބޮޑެތި ބަދަލުތަކަކަށް ބޭނުންޖެހިފައި” ވާކަމަށް ޔުނައިޓެޑް ނޭޝަންސް ހިޔުމަން ރައިޓްސް ކޮމިޓީ (ޔޫ.އެން.އެޗް.ސީ) އިން ޖުލައި 2012 ގައި ހާމަކޮށްފައިވެއެވެ.

ވީމާ މިޤަޟިއްޔާގައި ޕޮރޮސެކިއުޓަރ ޖެނެރަލް އެކުރިއަށް ގެންދަވާ ގޮތުން، މިޤަޟިއްޔާގެ ޝަރީއަތް އިންސާފުނެތްތާ ޤާނޫނީ ގޮތުން ޙަލާލުވާނެކަމާމެދުވެސް އެމްޑީޕީން ކަންބޮޑުން ފާޅުކުރެއެވެ. ރައީސް ނަޝީދާ ދެކޮޅަށް ދަޢުވާ އުފުލާފައިވަނީ އެއާމެދު މީސްތަކުންގެ މަލާމާތް ރައްދުވާފަދަ ޤާނޫނެއްގެ ދަށުންކަމާއި، މި އެއްޗަކީ ރާއްޖެއަށް އުފަންކުރުވާފައިވާ ޑިމޮކްރެޓިކް ޤާނޫނުއަސާސީއާ ލާއިގުނޫން އެއްޗެއްކަމާއި އަދި މި ޝަރީއަތް ކުރިއަށްދަނީ ސިޔާސީ ބަހަނާތަކެއްގެ ދަށުންކަމަށް ހާމިދު އަބްދުލްޣަފޫރު ފާހަގަކުރަމެވެ.