ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދަށް އައްޑޫ ސިޓީން ވަރަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
މިއަދު ހެނދުނު ވައުދުގެ ދަތުރުގެ ބައިވެރިންނާ އެކު ދަތުރުކުރަމުންދިޔަ ދޯނިތައް އައްޑު އަތޮޅު އެތެރެވަރިއަށް ވަން އިރު، އައްޑޫ ސިޓީގެ 6 ދޯންޏެއް ރައީސް ނަޝީދާއި، ވައުދުގެ ދަތުރުގެ ބައިވެރިންނަށް މަރުހަބާ ކިޔުމަށް ކަނޑުއޮޅި ކައިރިއަށް އައިސްފައިވެއެވެ.
އައްޑޫ ސިޓީގެ ހުޅުމީދޫއަށް ފައިބައިވަޑައިގެންނެވުމުގެ ކުރިން ރައީސް ނަޝީދު ވަނީ އައްޑޫ ކަނޑުއޮޅި ކައިރީގައި އޮންނަ ގާމަތީ ކުޑަ ފިނޮޅެއްގައި އެމްޑީޕީގެ ދިދަ ނަންގަވައިދެއްވާފައެވެ. މި ރަސްމިއްޔާތުގައި ވައުދުގެ ދަތުރާ މިއަދު ގުޅިވަޑައިގެންނެވި އެމްޑީޕީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކާއި އައްޑޫ ސިޓީގެ ކައުންސިލަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސް ނަޝީދު ހުޅުމީދޫއަށް ވަޑައިގެންނެވުމުން އެރަށުން ވެސް އެމަނިކުފާނަށް ވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. އެގޮތުން އެރަށުގެ އެތައްސަތޭކަ ބަޔަކު އެމަނިކުފާނަށް މަރުހަބާ ކިޔުމަށް އެއްވެފައިވާކަން ފާހަގަކުރެވެއެވެ.
ރައީސް ނަޝީދު ހުޅުމީދޫއަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ހުޅުމީދޫގެ 2 އަވަށުގެ ރައްޔިތުންނާ ވަކިވަކިން ބައްދަލުކުރައްވައި، އެރަށު ރައްޔިތުންގެ ހާލުއަހުވާލު ބައްލަވާލައްވާފައެވެ.
ހުޅުމީދޫއަށް ފަހު މިއަދު ހަވީރު އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ފެއްޓެވި ދަތުރުފުޅުގައި ފުރަތަމަ ވަޑައިގެންނެވީ ފޭދޫއަށެވެ. ފޭދޫ އިން ވެސް އެމަނިކުފާނަށް މަރުހަބާ ކިޔުމަށް އެތައްހާސް ސަޕޯޓަރުން އެއްވެފައިވާކަން ފާހަގަކުރެވެއެވެ.