އެމްޑީޕީގެ 6 ދާއިރާއެއްގެ ޕްރައިމަރީސް އަންނަ ހުކުރު ދުވަހު އޮންނާނެ

އެމްޑީޕީގެ ޕްރައިމަރީސްގެ ތިން ވަނަ ބުރުގެ ވޯޓުލުން 6 އިންތިހާބީ ދާއިރާއާއެކު އަންނަ ހުކުރު ދުވަހުގެ މެންދުރުފަހު 2:30 އިން ރޭގަނޑު 8:00 އަށް މާލޭ ޣިޔާސުއްދީން ސްކޫލުގަޔާއި ރާއްޖޭގެ ޖުމުލަ 18 ރަށެއްގައި އޮންނާނެއެވެ.
މިފަހަރު ޕްރައިމަރީސް ބޭއްވުމަށް ހަމަޖައްސާފައިވާ ދާއިރާތަކަކީ ހދ4، ހދ5، މ1، ތ3، ގއ3 އަދި މާލެ މއ2 އެވެ.
އެމްޑީޕީގެ ޓިކެޓް ކޮމެޓީން ވިދާޅުވީ އެމްޑީޕީން ޕްރައިމަރީސްތަކަކީ ވަރަށް ވާދަވެރިކޮށް ހިންގާ ޕްރައިމަރީސްތަކެއް ކަމަށާއި އެހެންކަމުން މިޕްރައިމަރީސްތައް ބާއްވަމުން ގެންދަވަނީވެސް ވަރަށް ބޮޑަށް ތައްޔާރުވެގެން ކަމަށެވެ.
އަދި އެމްޑީޕީން ބާއްވާ ޕްރައިމަރީސްތަކަކީ ދެފުށް ފެންނަ، ވަރަށް ހާމަކަން ބޮޑު ހުޅުވިފައިވާ މާހައުލެއްގައި ބާއްވަމުންދާ ޕްރައިމަރީސްތަކެއް ކަމަށްވެސް އެކޮމެޓީން މައުލޫމާތުދެއެވެ.
އެމްޑީޕީން މިހާތަނަށް ދެ ޕްރައިމަރީސްއެއް ބާއްވާފައިވާއިރު، 53 ކެންޑިޑޭޓުންނަށް ޕާޓީ ޓިކެޓް ލިބިފައިވެއެވެ. މީގެއިތުރުން މިރޭ އޮންނަ އެމްޑީޕީގެ ގައުމީ މަޖިލިސްގައި 13 ކެންޑިޑޭޓުން އެންޑޯސް ކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެކޮމެޓީން މައުލޫމާތުދެއެވެ.