ފުވައްމުލަކުގައި ހައިސްކޫލެއް އުފެއްދުމަކީ އެމްޑީޕީގެ ވައުދެއް ކަމުގައި އޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މިރޭ ޏ.އަތޮޅު ތައުލީމީ މަރުކަޒުގައި ބޭއްވި އެމްޑީޕީގެ ޖަލްސާ ގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ފުވައްމުލަކަކީ ތައުލީމީ ރަށެއް ކަމަށާއި، އެރަށުގައި ހައިސްކޫލެއް ގާއިމްކޮށް، އެ ރަށުގައި ތިބެގެން ހައިސްކޫލް ތައުލީމު ދިނުމަކީ އެމަނިކުފާނުވެ ވަޑައިގަންނަވާ ވައުދެއް ކަމަށެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ކިޔެވޭނީ ދުޅހެޔޮ ސިއްހަތެއްގައި ތިބެގެން ކަމަށެވެ. އަދި ބައެއް ކުދިން ހެނދުނުގެ ނާސްތާނުކޮށް ސްކޫލަށް ދިއުމުގެ ސަބަބުން އަނބުރައިގަތުން ފަދަ ތަފާތު ސިއްހީ މައްސަލަތައް ކުރިމަތިވާ ކަމަށާއި، އެހެން ކަމުން އެމްޑީޕީގެ ސަރުކާރެއްގައި ކޮންމެ ކުއްޖަކަށް ވެސް ސްކޫލުން “ކިރު ތައްޓަކާއި، ދޮންކެޔޮވަކެއް” ލިބޭނޭ އިންތިޒާމް ހަމަޖައްސަވައިދެއްވާނޭ ކަމަށެވެ.
ފުވައްމުލަކަކީ ވަކިން އޮންނަ ރަށަކަށް ވާތީ ޚާއްސަ ގޮތެއްގައި އެރަށާ މެދު ވިސްނަންޖެހިފައިވާ ކަމަށާއި، އެރަށުގެ ގުދުރަތީ މުއްސަނދި ކަމަކީ މުޅި ރާއްޖެއަށް އޭގެ ލާބައާއި މަންފާކުރާނޭ ކަމެއް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. މި މޭރުމުން ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ފުވައްމުލަކާއި މެދު އެމްޑީޕީން ގެންގުޅޭ ތަސައްވުރެއްވާ ކަމަށާއި، އެރަށާ މެދު ދެކޭ ހުވަފެންތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ފުވައްމުލަކު ގައި އެއަރޕޯޓު އެޅުމަކީ ކަމެއްގެ ނިމުން ނޫން ނޫން ކަމަށާއި، އެއީ ކަމެއްގެ ފެށުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި މަސްވެރިކަމާއި، ދަނޑުވެރިކަމާއި، ޓުއަރިޒަމް ފަދަ ސިނާއަތްތައް ފުވައްމުލަކުގައި ފުޅާކޮށް، އެ ސިނާއަތްތައް ކުރިއެރވުމަށް މަސައްކަތްކުރުމަކީ “އެއަރޕޯޓުގެ މަންފާ އާއި ގުޅޭ ގޮތުން،” ކުރާނޭ ކަމެއް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. މީގެ އިތުރުން ފުވައްމުލަކުގައި ހޮޓަލެއް އެޅުމުގެ މަަސައްކަތް އެމްޑީޕީގެ ސަރުކާރުން ކުރިޔަށް ގެންދަނިކޮށް ބަޣާވާތް ކުރި ފަރާތްތަކުން އެ މަޝްރޫއު ހުއްޓާލާފައިވާ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެމްޑީޕީ ސަރުކާރު އަލުން އަނބުރާ ވެރިކަމަށް އަންނާނޭ ކަަމަށާއި، ފުވައްމުލަކުގައި އަޅަން އެމްޑީޕީން ހަމަޖައްސާފައިވާ ސިޓީ ހޮޓާ ވެސް އަޅުއްވާނޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕް (ޕީޕީޕީ) ގެ ދަށުން ތަރައްގީގެ މަޝްރޫއުތައް ހިންގުމުގެ ފައިދާގެ މައްޗަށާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ތަރައްގީކުރުމުގެ މުހިންމު ކަމުގެ މައްޗަށާއި، މި ސަރުކާރުން އެމަނިކުފާނު ހައްޔަރުކުރުމަށް ކުރަމުންދާ މަސައްކަތާ ބެހޭ ގޮތުން ވެސް ރޭގެ ޖަލްސާ ގައި ރައީސް ނަޝީދު ވާހަކަފުޅު ދެއްކެވިއެވެ. އަދި ޖީއެމްއާރު ވެސް ފޮނުވައި ނުލެވޭނޭ ކަމަށާއި، އެމަނިކުފާނު ޖަލަށް ވެސް ނުލެވޭނޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރޭގެ ޖަލްސާ ގައި ރައްޔިތުންގެ މމަޖލީހާއި ރައްޔިތުންގެ ޚާއްސަ މަޖިލީހުގައި އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި މަސައްކަތްކުރެއްވި މުޙައްމަދު އިބްރާހީމް ދީދީ (މޮޑީ) ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.
އެމްޑީޕީއަށް އަލުން ސޮއިކުރެއްވުމަށް ފަހު މޮޑީ ވިދާޅުވީ އެމްޑީޕީއަށް އަލުން ސޮއިކުރެއްވީ ރާއްޖޭގައި އޮތް ހަމައެކަނި ޑިމޮކްރެޓިކް ޕާޓީގެ މެންބަރަކަށް އަލުން ވުމަށްޓަކައި ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ މޮޑީއަކީ އެމްޑީޕީ ވުޖޫދަށް ގެނައުމަށް ބުރަކޮށް މަސައްކަތްކުރެއްވި ބޭފުޅެއް ކަމަށާއި، މޮޑީއަށް އެމަނިކުފާނު މަރުހަބާ ވިދާޅުވަނީ “އުފަލާއި، ހިނިތުންވުމާއި އެކު،” ކަމަށެވެ.