ފުވައްމުލަކު ހޯދަޑާއި ދިގުވާނޑު ގައި އެމްޑީޕީގެ ޖަގަހަ ހުޅުވައިފި

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ފުވައްމުލަކު ހޯދަޑާއި ދިގުވާނޑުގައި އެމްޑީޕީގެ 2 މިއަދު ހުޅުއްވައިދެއްވައިފިއެވެ.

މިއަދު ހަވީރު ރައީސް ނަޝީދު ފުރަތަމަ ހުޅުއްވައިދެއްވީ ހޯދަނޑު އެމްޑީޕީ ޖަގަހައެވެ. އެ ޖަގަހަ ހުޅުއްވައިދެއްވައި ޖަގަހައިގައި ގައުމީ ދިދަ ނަންގަވައިދެއްވީ ރައީސް މުހަންމަދު ނަޝީދެވެ. އެމްޑީޕީގެ ދިދަ ނަންގަވައިދެއްވީ ހޯދަޑު އަވަށުގެ އެމްޑީޕީ އިސް މެންބަރެއް ކަމަށްވާ ހޯދަޑު އަވަށު ވެލިދޫ މުޙައްމަދު އިބްރާހީމް އެވެ. އަދި އެ ޖަގަހައިގެ ކުރިމަތީގައި ރައީސް ނަޝީދު ވަނީ ހިރުނދުގަހެއް ވެސް އިންދަވައިދެއްވާފައެވެ.

ހޯދަޑު އެމްޑީޕީ ޖަގަހަ ހުޅުއްވައިދެއްވުމަށް ފަހު ދިގުވާނޑަށް ވަޑައިގެން އެ އަވަށުގައި “އެމްޑީޕީ ސިޔާސީ މާލަމް”ގެ ނަމުގައި ހަދާފައިވާ ޖަގަހަ ރައީސް ނަޝީދު ހުޅުއްވައިދެއްވިއެވެ.

ހޯދަޑާއި ދިގުވާނޑަކީ ފުވައްމުލަކުގެ 8 އަވަށުގެ ތެރެއިން މިހާތަނަށް އެމްޑީޕީގެ ޖަގަހަ ހުޅުވާފައިނުވާ ހަމައެކަނި 2 އަވަށެވެ. އެހެން ކަމުން މި 2 އަވަށުގައި ޖަގަހަ ހުޅުވުމުން ފުވައްމުލަކުގެ ހުރިހާ އަވަށެއްގައި އެމްޑީޕީގެ ޖަގަހަ ހުޅުވުނީއެވެ.

އެމްޑީޕީ ފުވައްމުލަކު ދާއިރާތަކުން އިންތިޒާމްކޮށްގެން ފުވައްމުލަކު އަތޮޅު ތައުލީމީ މަރުކަޒުގައި މިރޭ ބާއްވާ ޖަލްސާގައި ރައީސް ނަޝީދު ވާހަކަފުޅު ދައްކަވާނެއެވެ.