ފުވައްމުލަކު ތަރައްގީއާ ބެހޭ ގޮތުން ބޭއްވި ބައްދަލުވުމެއްގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގެންފި

ފުވައްމުލަކު ތަރައްގީއާ ބެހޭ ގޮތުން ބޭއްވި ބައްދަލުވުމެއްގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ބައިވެރިވެވަޑައިގެންފިއެވެ.

ޏ.އަތޮޅު ތައުލީމީ މަރުކަޒުގައި ބޭއްވި މި ބައްދަލުވުމުގައި ފުވައްމުލަކުގެ ތަރައްގީއަށް އެމްޑީޕީގެ ސަރުކާރުގެ 3 އަހަރު ދުވަހުގެ ތެރޭގައި ކޮށްދެވިފައިވާ ކަންތަކާއި، ކުރަން ރާވާފައިވާ އެހެން ނަމަވެސް އެމްޑީޕީ ސަރުކާރުގެ 5 އަހަރުގެ ދައުރު ހަމަނުވަނީސް ވެރިކަން ބަދަލުވުމާ އެކު ވެރިކަމާ ހަވާލުވި ފަރާތްތަކުން ހުއްޓާލާފައިވާ ތަރައްގީގެ މަޝްރޫއުތަކާއި، ފުވައްމުލަކަށް އިތުރަށް ބޭނުންވާ ތަރައްގީގެ މަޝްރޫއުތަކާ ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ބަދަލުކުރެވުނެވެ.

މި ބައްދަލުވުމުގައި ރައީސް ނަޝީދު ވަނީ ދެން އެންމެ އަވަހަށް ބޭއްވޭ ރިޔާސީ އިންތިޚާބެއް ފުރަތަމަ ބުރުން ފަސޭހަ ކަމާ އެކު ކާމިޔާބުކުރައްވައި، ފުވައްމުލަކުގެ ތަރައްގީއަށް ކުރަންޖެހޭ އެންމެހާ ކަމެއް ބާރަށް ކުރިޔަށް ގެންދާނޭ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

މިއަދުގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ޏ.އަތޮޅުގެ ކުރީގެ މެންބަރު އިބްރާހީމް މުޙައްމަދު ދީދީ (މޮޑީ) އާއި، އެމްޑީޕީއަށް ނިސްބަތްވާ ފުވައްމުލަކު އަތޮޅު ކައުންސިލަރުންނާއި، ރަށު ކައުންސިލަރުންގެ އިތުރުން ފުވައްމުލަކުގެ އެމްޑީޕީ ދާއިރާތަކުގެ ރައީސުންނާއި، ފުވައްމުލަކުގައި އިސްކޮށް ހަރަކާތްތެރިވެލައްވާ އެމްޑީޕީގެ މެންބަރުން ބައިވެރިވެލެއްވިއެވެ.