ގާނޫނީ ގޮތުން ސުވާލުތައް އުފެދިފައިވާ ހުޅުމާލޭ ކޯޓް ވަގުތުން އުވާލެއްވުމަށް އެމްޑީޕީގެ ކެޔޮދޫ ދާއިރާއިން ގޮވާލައިފި
ގާނޫނީ ގޮތުން ސުވާލުތައް އުފެދިފައިވާ ހުޅުމާލޭ ކޯޓް ވަގުތުން އުވާލެއްވުމަށާ ޝަރުއީ ދާއިރާއިން އެމްޑީޕީގެ އިސް ބޭފުޅުންނަށް ހުރަސް އެޅުއްވުން ވަގުތުން ހުއްޓަވާލެއްވުމަށް އެމްޑީޕީގެ ކެޔޮދޫ ދާއިރާގެ ރައްޔިތުންގެ ނަމުގައި ޖުޑިޝަލް ސަރވިސަސް ކަމިޝަނަށާއި ކަމާއި ބެހޭ އެންމެހާ އިދާރާތަކަށް ގޮވާލަމެވެ.
ކޯޓް އަމުރެއްގެ ދަށުން ކަމުގައި ބުނެ 08 އޮކްޓޯބަރ2012 ވީ ދުވަހު ގދ. ފަރެސް މާތޮޑާއަށް އަރައި، ރަށު ތެރޭގައި ބިރުވެރިކަމާ ހާސްކަން އުފެދޭ ފަދަ ގޮތަކަށް އަމަލުކޮށް އެއްވެސްމީހަކު ދެކޮޅުވެރިވުމެއް ނުވަތަ އަމުރަށް ނުކިޔަމަންތެރިކަމެއް ނުދައްކަނީސް ބާރުގެ ބޭނުންކޮށްގެން އެރަށުގެ ކަމުވޮށި ދުވަސްވީ ބޭކަލެއްގެ ގެކޮޅަށް އެތައް ގެއްލުމެއްދީ، ދިވެހިރާއްޖޭގެ އިންތިޚާބީ ރައީސް މުހައްމަދު ނަޝީދު އެވަގުތު ހުންނެވި ކޮޓަރިކޮޅަށް ވަދެގަނެ، ހަޑިހުތުރު އައުގުރާނައާއި ނަފްރަތުގެ ބަސްތައް ގޮވަމުން އެމަނިކުފާނަށް ހާނީއްކަވާގޮތަށް ގައިކޮޅަށް އަރައިގަނެ، ގިނަ އަދަދެއްގެ ފުލުހުން ވަށާލައިގެންތިބެ އެމަނިކުފާނު ވަނީ ހައްޔަރުކޮށްގެން ގެންގޮސްފައެވެ.
ޝަރުޢީ ދާއިރާ އާއި ހަވާލާދީ ފުލުހުން ހިންގި މި އަނިޔާވެރި ޢަމަލުތަކަކީ ވަރަށް ދަށު ދަރަޖައިގެ ފިނޑި އަދި ނާތަހުޒީބު އަމަލުތަކެއްކަމުގައި ދެކި އެމްޑީޕީ ގެ ކެޔޮދޫ ދާއިރާގެ ހުރިހާ ރައްޔިތުންގެ ނަމުގައި އެކަންކަން އެންމެ މަތީ ދަރަޖައަށް ކުށްވެރިކުރަމެވެ
މި އަނިޔާވެރި ޢަމަލުތައް ހިންގުމުގައި ފުލުހުން އިސްކުރި އަގަލުކުޑަ ގޮތްތަކުން ފަރެސްމާތޮޑާގެ ލޮބުވެތި ގިނަ ރައްޔިތުން ތިއްބެވީ ބިރުވެރިކަމާ ހާސްކަމެއްގެ ތެރޭގައި ކަމާއި، 2008 ވަނަ އަހަރުވެސް ރައީސް އަލްއުސްތާޒު މައުމޫނު ޢަބްދުލްޤައްޔޫމް ގެ ސަރުކާރުން ފަރެސްމާތޮޑާގެ ރައްޔިތުންނަށް މިފަދަ ބިރުވެރިކަމާ އަނިޔާވެރިކަމާ އެތަކެއް ދަތިތަކާ ހިތްދަތިކަން ކުރިމަތިކުރައްވާފަވާކަން ފާހަގަކޮށް، ކެޔޮދޫ ދާއިރާ ގެ ރައްޔިތުން މިފަދަ ކޮންމެ ދަނޑިވަޅެއްގައި ތިއްބަވާނީ ފަރެސްމާތޮޑާ ރައްޔިތުންނާ އަދި އެފަދަ ކަމެއް މެދުވެރިވާ މިރާއްޖޭގެ ކޮންމެ ރަށެއްގެ ވެސް ރައްޔިތުންނާ އެކުގައި ކަމަށް ދަންނަވަމެވެ.
އަދުލު އިންސާފު ގާއިމް ކުރެވިއްޖެކަން އެއީ ރައްޔިތުންނަށް ފެނި ގަބޫލު ކުރެވެން ޖެހޭ ކަމަކަށް ވާއިރު، ސިޔާސީ ބޭނުންތަކަށް ފަނޑިޔާރުން ހިތުހުރި ގޮތަކަށް އަމަލު ކުރައްވާކަމީ އިންސާފު ގާއިމްކުރެއްވުން ކަމުގައި ރައްޔިތުންނަށް ނުދެކެވޭނެތީ، މިދާއިރާއިން އެކަންކަން އެންމެ މަތީ ދަރަޖައަށް ކުށްވެރިކުރަމެވެ.
އިންތިޚާބީ ރައީސް މުހަންމަދު ނަޝީދު ހައްޔަރުކުރުމުގައި ކޯޓު އަމުރު ނެރެފައިވަނީވެސް އަދި ފުލުހުން އަމަލުކޮށްފައިވަނީވެސް އެމަނިކފާނުގެ ސަޕޯޓަރުން ރުޅިއެރުވުމާ މުޖުތަމަޢުގައި ހަމަނުޖެހުން އުފެއްދުމަށާއި އިންސާފުން އެއްކިބާވެގެންކަން ފާހަގަކޮށް އެކަންކަންވެސް އިންތިހާއަށް ކުށްވެރިކުރަމެވެ.
މިފުރުޞަތުގައި، ކޯޓުތަކާ ފުލުހުންގެ އަމަލުތައް އިންސާފާ، ހަމަހަމަކަމާ، ޤާނޫނާ ޤަވާއިދާ އެއްގޮތަށް އިސްލާހުކުރައްވައި އަދުލު އިންސާފަކީ އަމިއްލަ އެދުމާ ނަފްރަތުގެ ވަޞީލަތަކަށް ނުވަތަ ސިޔާސީ ހަތިޔާރަކަށް ނުހެއްދެވުމަށް ގޮވާލަމެވެ. އަދި ރައްޔިތުންނަށް މިފަދަ އަނިޔާއާ ހާސްކަމާ ބިރުވެރިކަން ކުރިމަތި ނުކުރުމަށާ އިންސާފުން އެއްކިބާނުވުމަށާ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓަށް ކުރިމަތިކުރުވަމުންގެންދާ ދަތިތައް ވަގުތުން ވަގުތަށް ހުއްޓާލުމަށް ގޮވާލަމެވެ
މި ރާއްޖޭގެ ޝަރުޢީ ދާއިރާ އިޞްލާާާހުކުރެއްވުމަށް އެމްޑީޕީ އިން ނާއި މިޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު ކުރައްވަމުން ގެންދަވާ ހިންމަތާއި މިންނަތުގައި ބަރަކާތާއި ކާމިޔާބީ ލެއްވެވުން އެދި ﷲ ތަޢާލާގެ ހަޟްރަތުގައި ދުޢާ ދަންނަވަމެވެ.
ބަޔާން ނެރުނީ: އިސްމާއީލް ޝަފީޢު
އެމްޑީޕީ ކެޔޮދޫ ދާއިރާގެ ރައީސް