ނޫސްބަޔާން: ކ. ކާށިދޫ ދާއިރާއިން ނެރޭ ނޫސް ބަޔާން

އެމްޑީޕީ ކާށިދޫ ދާއިރާގެ ނޫސް ބަޔާން
8 އޮކްޓޫބްރ 2012

އަދުލު އިންސާފަކީ އަމިއްލަ އެދުމާ ނަފްރަތުގެ ވަޞީލަތަކަށް ނުވަތަ ސިޔާސީ ހަތިޔާރަކަށް ނުހެއްދެވުމަށާ ފުލުހުންގެ އަނިޔާވެރިކަން ހުއްޓާލުމަށް އެމްޑީޕީގެ ކާށިދޫ ދާއިރާއިން ގޮވާލައިފި

ހަމައެކަނި ލޯފެންނަގޮތަށް މޫނު ނިވާކޮށްގެން ތިބި ނިސްބަތުން ގިނަ އަދަދެއްގެ ފުލުހުންގެ ބަޔަކު، ރަޔަޓް ބަޑިޔާ ކަރުނަގޭހާ މުގުރާއި ޝީލްޑްފަދަ ހަތިޔާރު ހިފައިގެން، 08 އޮކްޓޯބަރ2012 ވީ ދުވަހު ގދ. ފަރެސް މާތޮޑާއަށް އަރައި، ރަށު ތެރޭގައި ބިރުވެރިކަމާ ހާސްކަން އުފެދޭ ފަދަ ގޮތަކަށް އަމަލުކޮށް ރައީސް ނަޝީދު ގެ ކެބިނެޓްގެ ހައުސިންގް އެންޑް އެންވަޔަރަންމެންޓް މިނިސްޓަރ މުހައްމަދު އަސްލަމް ގެ ބައްޕަގެ ގެކޮޅަށް ގޮސް، އެއްވެސްމީހަކު ދެކޮޅުވެރިވުމެއް ނުވަތަ އަމުރަށް ނުކިޔަމަންތެރިކަމެއް ނުދައްކަނީސް ބާރުގެ ބޭނުންކޮށްގެން އެގެކޮޅަށް އެތައް ގެއްލުމެއްދީ، ދިވެހިރާއްޖޭގެ އިންތިޚާބީ ރައީސް މުހައްމަދު ނަޝީދު ހުންނެވި ކޮޓަރިކޮޅަށް ވަދެގަނެ، ހަޑިހުތުރު އައުގުރާނައާއި ނަފްރަތުގެ ބަސްތައް ގޮވަމުން އެމަނިކުފާނަށް ހާނީއްކަވާގޮތަށް ގައިކޮޅަށް އަރައިގަނެ، ޕެޕާ ސްޕްރޭ ޖަހައި ގިނަ އަދަދެއްގެ ފުލުހުން ވަށާލައިގެންތިބެ އެމަނިކުފާނު ވަނީ ހައްޔަރުކޮށްގެން ގެންގޮސްފައެވެ.

އެމްޑީޕީ ގެ ކާށިދޫ ދާއިރާގެ ހުރިހާ ރައްޔިތުންގެ ނަމުގައި ވަރަށް ދަށު ދަރަޖައިގެ ފިނޑި އަދި ނާތަހުޒީބު މިއަމަލުތައް އެންމެ މަތީ ދަރަޖައަށް ކުށްވެރިކުރަމެވެ.

މިކަންކަމުގައި ފުލުހުންގެ އަމަލުތައް ހުރި އަނިޔާވެރި އަގަލުކުޑަ ގޮތުން ފަރެސްމާތޮޑާގެ ލޮބުވެތި ގިނަ ރައްޔިތުން ތިއްބެވީ ބިރުވެރިކަމާ ހާސްކަމެއްގެ ތެރޭގައި ކަމާ އަދި ޚާއްސަކޮށް ކުޑަކުދިންނާ އުމުރުން ދުވަސްވީ ފަރާތްތަކަށް މިކަމުގެ ސަބަބުންވަނީ ވަރަށް ނޭދެވޭ ނަފްސާނީ އަސަރުތަކެއް ކޮށްފައިކަން ވަނީ ފާހަގަވެފައެވެ. އަދި 2008 ވަނަ އަހަރުވެސް ރައީސް އަލްއުސްތާޒު މައުމޫނު ޢަބްދުލްޤައްޔޫމް ގެ ސަރުކާރުން ފަރެސްމާތޮޑާގެ ރައްޔިތުންނަށް ވަނީ މިފަދަ ބިރުވެރިކަމާ އަނިޔާވެރިކަމާ އެތަކެއް ދަތިތަކާ ހިތްދަތިކަން ކުރިމަތިކުރައްވާފަކަމުން، ފަރެސްމާތޮޑާ ރައްޔިތުންގެ ގަދަ ހިތްވަރު ދަމަހައްޓަވައި ކެތްތެރިކަން އިތުރުވެގެން ދިއުމާ އެންމެހާ މުޞީބާތުން އެރައްޔިތުން ސަލާމަތްކޮށްދެއްވުންއެދި އެދި ﷲ ތަޢާލާގެ ހަޟްރަތުގައި ދުޢާ ދަންނަވަމެވެ.

ހަމަ އެހެންމެ، ރާއްޖޭގެ އިންތިޚާބީ ރައީސް މުހަންމަދު ނަޝީދު ހައްޔަރު ކުރުމުގައި އަމަލުކޮށްފައިވާ ގޮތާމެދު ކާށިދޫ ދާއިރާގެ އެންމެހާ ރައްޔިތުންގެ ފަރާތުންނާ އަޅުގަނޑުގެ އަމިއްލަ ހައިސިއްޔަތުން ނުރުހުން ފާޅުކޮށް ވަގުތުން އެމަނިކުފާނު ދޫކޮށްލުމަށް ގޮވާލަމެވެ.

އަދުލު އިންސާފު ގާއިމްކުރުމުގައި ހަމަހަމަކަމެއް ނެތުމާ ، އަދުލު އިންސާފު ގާއިމް ކުރެވިއްޖެކަން އެއީ ރައްޔިތުންނަށް ފެނި ގަބޫލު ކުރެވެން ޖެހޭ ކަމަކަށް ވާއިރު، ސިޔާސީ ބޭނުންތަކަށް ފަނޑިޔާރުން ހިތުހުރި ގޮތަކަށް އަމަލު ކުރައްވާކަމީ އިންސާފު ގާއިމްކުރެއްވުން ކަމުގައި ރައްޔިތުންނަށް ނުދެކެވޭނެތީ، މިދާއިރާއިން އެކަންކަން އެންމެ މަތީ ދަރަޖައަށް ކުށްވެރިކުރަމެވެ.

އިންތިޚާބީ ރައީސް މުހަންމަދު ނަޝީދު ހައްޔަރުކުރުމުގައި ކޯޓު އަމުރު ނެރެފައިވަނީވެސް އަދި ފުލުހުން އަމަލުކޮށްފައިވަނީވެސް އެމަނިކފާނުގެ ސަޕޯޓަރުން ރުޅިއެރުވުމާ މުޖުތަމަޢުގައި ހަމަނުޖެހުން އުފެއްދުމަށާއި އިންސާފުން އެއްކިބާވެގެންކަން ފާހަގަކޮށް އެކަންކަންވެސް އިންތިހާއަށް ކުށްވެރިކުރަމެވެ.

ރައީސް މުހަންމަދު ނަޝީދު ހައްޔަރު ކޮށްގެން ކުޑަ ލޯންޗަކުން ބޮޑު ލޯންޗަކަށް ބަދަލުކޮށްގެން ހުވަދޫ ކަނޑު ހުރަސްކޮށް ފުލުހުން އެގެންދިޔައީ، ވަރަށް ކައިރީގައި އެއރޕޯޓެއް އޮއްވާކަމާ، ފުލުހުން އަންގައިފިނަމަ ވައިގެ މަގުން ގަޑިއެއްހާއިރު ތެރޭ މާލެ ވަޑައިގަންނަވާނެކަމުގައި ވަކީލުން މެދުވެރިކުރައްވައި ރަސްމީކޮށް ރައީސް ނަޝީދު ވިދާޅުވެފައި ވާއިރު، ކަނޑުމަގުން ފުލުހުން އެމަނިކުފާނު އެގެންދިޔައީ ކަނޑައެޅިގެން ސިޔާސީ ހަތުރުވެރިކަމާއި، ނަފްރަތާއި ނަފްސާނީ އަނިޔާ އިސްކޮށްގެން ކަމުގައި ދެކެމެވެ.

މިފުރުޞަތުގައި، ކޯޓުތަކާ ފުލުހުންގެ އަމަލުތައް އިންސާފާ، ހަމަހަމަކަމާ، ޤާނޫނާ ޤަވާއިދާ އެއްގޮތަށް އިސްލާހުކުރައްވައި އަދުލު އިންސާފަކީ އަމިއްލަ އެދުމާ ނަފްރަތުގެ ވަޞީލަތަކަށް ނުވަތަ ސިޔާސީ ހަތިޔާރަކަށް ނުހެއްދެވުމަށް ގޮވާލަމެވެ. އަދި ރައްޔިތުންނަށް މިފަދަ އަނިޔާއާ ހާސްކަމާ ބިރުވެރިކަން ކުރިމަތި ނުކުރުމަށާ އިންސާފުން އެއްކިބާނުވުމަށާ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓަށް ކުރިމަތިކުރުވަމުންގެންދާ ދަތިތައް ވަގުތުން ވަގުތަށް ހުއްޓާލުމަށް ގޮވާލަމެވެ.

ބަޔާން ނެރުނީ: އަހްމަދު ޙަލީމް
ކާށިދޫ ދާއިރާގެ ރައީސް