ހިތާއި ވިންދާ ގުޅުނީމާ ނޫނީ ހަގީގީ ތަރައްގީއެއް ނުގެނެވޭނެ- ރައީސް ނަޝީދު

ހިތާއި ވިންދާ ގުޅުނީމާ ނޫނީ ހަގީގީ ތަރައްގީ ނުގެނެވޭނޭ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ވައުދުގެ ދަތުރުގައި ފުވައްމުލަކަށް ވަޑައިގެން އެމްޑީޕީ ދެކުނު ޕްރޮވިންސް އޮފީސް ހުޅުއްވައިދެއްވުމަށްފަހު ފުވައްމުލަކު އެމްޑީޕީގެ އިސް ފަރާތްތަކާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ފުވައްމުލަކުގައި އެއަރޕޯޓެއް އެޅުމަކީ އިޤްތިސާދީ ގޮތުން ފޫނުނބެދޭ ވަރުގެ ގެއްލުމެއް ކުރިމަތިވާނޭ ކަމެއް ކަމަށް ކުރީގެ ސަރުކާރުތަކުން ހެދި ދިރާސާތަކުން ދައްކާ ކަމަށާއި، އެހެން ނަމަވެސް އެމަނިކުފާނު އެ އެއަރޕޯޓު އަޅުއްވައިދެއްވީ ފުވައްމުލަކު އެއަރޕޯޓަކީ އެރަށު ރައްޔިތުންގެ ހިތާއި ވިންދާ ގުޅިފައިވާ ކަމަކަށް ވާތީ ކަމަށެވެ. އަދި ކިތަންމެ ގިނަ ދިރާސާތަކެއް ހެދި ނަމަވެސް އެރަށެއްގެ ރައްޔިތުންގެ ހިތާއި ވިންދާއި ގުޅިފައިނުވާ ޕްރޮޖެކްޓެއްގެ އެކަށީގެންވާ ފައިދާ ރައްޔިތުންނަށް ކުރަމުން ނުދާނޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. މިސާލެއްގެ ގޮތުން އެމަނިކުފާނު ނެންގެވީ އެތައް ދިރާސާތަކެއް ކުރުމަށްފަހު އދ. އިން ރާއްޖޭގައި ފަށާފައިވާ ބައެއް ޕްރޮޖެކްޓްތައް ހުއްޓި އެ ޕްރޮޖެކްޓްތައް ހިންގުމަށް ހަދާފައިވާ އިމާރާތްތައް ފަޅުވެ ވީރާނާވެފައިވާ ކަން ރައީސް ފާހަގަކުރެއްވިއެވެ.

ޕްރޮވިންސް އޮފީސް ހުޅުއްވައިދެއްވުމަށް ފަހު ވެސް ރައީސް ނަޝީދު ފުވައްމުލަކު ރައްޔިތުންނާ މުޚާތަބުކުރެއްވިއެވެ. ރައީސް ނަޝީދު ވިދާޅުވީ ވެރިކަމުގެ ނިޒާމުގެ އެންމެ މުހިންމު މަސްދަރަކީ ސިޔާސީ ޕާޓީކަމަށެވެ. އަދި ސިޔާސީ ޕާޓީތަކުގެ ހަރަކާތްތައް އިންތިޒާމް ކުރުމުގައި ލާމަރުކަޒުކުރުމުގެ މުހިންމު ކަމުގެ މައްޗަށް ވެސް ރައީސް ނަޝީދުގެ ވާހަކަފުޅުގައި ބައްލަވާލެއްވިއެވެ. މީގެ އިތުރުން ފުވައްމުލަކު ގައި މިއަދު މި ހުޅުވި ޕްރޮވިންސް އޮފީހުގެ އެހީތެރިކަން ފުވައްމުލަކާއި، ކައިރިރަށްރަށުގެ އެމްޑީޕީ މެންބަރުންނަށް ލިބިގެންދާނޭ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ މި ދަތުރުފުޅުގައި ހޯދަޑު އަދި ދިގުވާނޑުގައި އެމްޑީޕީގެ ޖަގަހަ ހުޅުވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި ފުވައްމުލަކުގެ ތަރައްގީގެ ތަސައްވުރާއި ބެހޭ މަޝްވަރާ ބައްދަލުވުމުގައާއި، މިރޭ ޏ.އަތޮޅު ތައުލީމީ މަރުކަޒުގައި ބާއްވާ އެމްޑީޕީގެ ޚާއްސަ ޖަލްސާ ގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާނެއެވެ.

ރައީސް ނަޝީދަށް ފުވައްމުލަކުން ވަރަށް ހޫނު މަރުހަބާއެއް ކިޔާފައިވާކަން ފާހަގަކުރެވެއެވެ. އެގޮތުން އެތައް ސަތޭކަ ބަޔަކު އެމަނިކުފާނަށް މަރުހަބާ ކިޔުމަށް ބަނދަރު ސަރަހައްދަށް އެއްވެފައިވާކަން ފާހަގަކުރެވެއެވެ.