ކޮންމެ މަޅިއެއް ވެ މިދަނީ ހަގީގަތުގައި މާފައްޗަކަށް – ރައީސް ނަޝީދު

އެމްޑީޕީއާއި ރައީސް މުޙަންމަދު ނަޝީދުއާ ދެކޮޅަށް ޖަހާ ކޮންމެ މަޅިއެއް ވެ މިދަނީ މާފައްޗަކަށް ކަމަށް އެމަނިކުފާނު މިރޭ ވިދާޅުވެއްޖެއެވެ.

މިރޭ ގދ.ގައްދޫ އެމްޑީޕީ ހަރުގޭގައި ބޭއްވި ޖަލްސާ ގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީއަށް ގެއްލުން ދިނުމަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން ކުރާ ކޮންމެ ކަމެއް “ނިމި މިދަނީ އިރާދަފުޅުން ޖަވާހިރެއްގެ ގޮތުގައި”، ކަމަށެވެ. މީގެ އިތުރުން އެމްޑީޕީން “މިއަދު ވެސް، މިރޭ ވެސ،ް މާދަމާ ވެސް އެނބުރި އަންނާނޭ” ކަމަށާއި، އެމަނިކުފާނު ކުރިން ވެސް ވިދާޅުވިހެން އިއްތިހާދެއް އަޔަސް ފަސޭހަ ކަމާއެކު ކިހިލި ޖަހައިގެން އެއްބުރުން ބަލިކުރައްވާނޭ ކަމަށެވެ.

އެމްޑީޕީއަކީ ސިޔާސީ ނިޒާމް ބިނާކުރި، އަދި އެނިޒާމް ހިންގަން އިނގޭ ހަމައެކަނި ޕާޓީ ކަމަށް ވެސް ރޭގެ ޖަލްސާ ގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ބަޣާވާތަކުން ވެރިކަން ފޭރިގަތް މީހުންނަށް ސަރުކާރު ހިންގަން ނޭނގިގެން އުޅޭ މަންޒަރު ފެންނަ ކަމަށެވެ.
“ބަޣާވާތަކުން ވެރިކަން ފޭރިގަތް މީހުން އެއުޅެނީ ސަރުކާރު ހިންގަން ނޭނގިގެން. މުވައްޒަފުންނަށް މުސާރައެއް ނުދެވޭ. ތަރައްގީގެ މަޝްރޫއެއް ކުރިޔަކަށް ނުގެންދެވޭ. އަލަށް މަޝްރޫއެއް ނުފެށޭ. ވަޒީރެއް ހުރިއްޔާ އެދަނީ އިތުބާރު ނެތް ކަމަށް ނަގަމުން. އެންމެ ފަހުން ވަހީދުގެ މައްޗަށް ވެސް އެ ވަނީ އިތުބާރު ނެތް ކަމަށް ހުށަހަޅާފަ.” ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ ވެރިކަން ފެށިގެން އައީ ވެރިކަމުގެ ލައްޒަތާއި އިއްޒަތާއި ޖާހަށްޓަކައި ނޫން ކަމަށާއި، އެމްޑީޕީން ވެރިކަން ކުރަމުން ގެންދިޔައީ އަދި ކުރިޔަށް އޮތްތާނގައި ވެސް ބެރިކަން ކުރަމުން ގެންދާނީ ރައްޔިތުންނަށް ޚިދުމަތްކުރުމަށް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ގައްދޫއާ މެދު އެމްޑީޕީން ގެންގުޅޭ ތަސައްވަރެއް އެބައޮތް ކަމަށާއި، ގައްދޫގެ ބަނދަރު ހެދުމާއި، އެއްދަންފަޅިއަށް ސްކޫލުގެ ކިޔެވުން ބަދަލުކުރުމަށް އިތުރު ކްލާސްރޫމްތައް އެޅުމާއި، ނަރުދަމާއާއި ބޯފެން ފޯރުކޮށްދިނުމާއި، ބަނދަރުމަތި ތަރައްގީކުރުމާއި، ގައްދޫއާއި އިންވެގެން އޮންނަ ގަމަކީ ދަނޑުވެރި ރަށަކަށް ވާތީ އެރަށުގެ ފައިދާ އެންމެ ފައިދާހުރި ގޮތުގައި ގައްދޫގެ ރައްޔިތުންނަށް ފޯރުކޮށްދިނުމާއި، ވަޒީފާނެތް މީހުންގެ ނިސްބަތް މަދުކުރުން އެ ތަސައްވުރުގެ ތެރޭގައި ހިމެނޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އުފެއްދުންތެރިކަން އިތުރުކޮށް، ވަޒީފާތައް އުފައްދައި، ވަޒީފާ ނެތް މީހުންގެ ނިސްބަތް މަދުކުރުމަކީ އެމަނިކުފާނުގެ އިންތިޚާބީ ވައުދެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އިދިކޮޅު ސިޔާސީ ޕާޓީތަކަށް ފާޑުވިދާޅުވަމުން ރައީސް ނަޝީދު ރޭ ވިދާޅުވީ ސިޔާސީ ޕާޓީ ހިންގަން އިނގެނީ އެމްޑީޕީއަށް ކަމަށާއި، އެހެން ޕާޓީތަކުން އެމްޑީޕީ ކޮޕީކުރަނީ ކަމަށެވެ. އެގޮތުން ގޮފި ހެދުމާއި، އެތެރޭގެ އިންތިޚާބު ބޭއްވުމާއި، ހަރުގެއާއި ޖަގަހަ ހެދުމާއި، ކެމްޕެއިން ކުރުމަކީ ވެސް އަދި ސިޔާސީ ގޮތުން އެމްޑީޕީ ބޭނުންކުރާ ބަސްތަކަކީ ވެސް އެމްޑީޕީގެ ފަރާތުން އިދިކޮޅު ފަރާތްތަކުން ކޮޕީކުރި ކަންތައް ކަމަށް ވިދާޅުވެ، މިކަންކަމުގެ “އޮރިޖިނަލް ބޭނުން ނުވާނީ ކޮންބައެއްތޯ”، އެމަނިކުފާނު ސުވާލުއުފެއްދެވިއެވެ.

ރޭގެ ޖަލްސާގައި ވެސް ރައީސް ނަޝީދު ވަނީ ޖިނާއީ އަދުލުގެ ނިޒާމް ރަގަޅުކުރުމަށް އެމަނިކުފާނު ކުރަމުންދާ މަސައްކަތް ކުރިޔަށް ގެންދަވާނޭ ކަމަށް ވިދާޅުވެ، ރާއްޖޭގެ ޝަރުއީ ދާއިރާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެމަނިކުފާނުގެ އިތުރުން މަޑަވެލި ދާއިރާގެ މެންބަރު ނާޒިމް ވެސް ވިދާޅުވީ އެމްޑީޕީން އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދީފި ކަމަށާއި، އެހެން ނަމަވެސް އިޖުތިމާއީ އަދާލަތު ގާއިމްނުކުރެވޭހާ ހިނދަކު އިޖުތިމާއީ ރައްކާތެރިކަން ވެސް ދެމި ނޯންނާނޭ ކަމަށެވެ.

އެމްޑީޕީ ގައްދޫ ދާއިރާގެ ރައީސް އަހުމަދު ޒާހިރު އާއި، އެރަށުގެ ބައެއް ބޭފުޅުން ވެސް ޖޯޝުގައި ވާހަކަދެއްކެވި މި ޖަލްސާގައި މުނިފޫހިފިލުވުމުގެ ބައެއް އައިޓަމްތައް ވެސް ކުރިޔަށް ގެންދިޔައެވެ. އެގޮތުން ނެށުމަކާއި، ވައުދުގެ ދަތުރަށް ޚާއްސަކޮށް ހަދާފައިވާ ލަވަ “ތިކުރެއްވި ވައުދުގެ ދަތުރުންނޭ މުޅި ރާއްޖެ ގުގުމާލީ” ލަވަ އާއި ހުވަދު އަތޮޅުގެ މަޝްހޫރު “އަތޮޅަ ވައްޓާ” ރޭގެ ޖަލްސާގައި ގައްދޫގެ އެމްޑީޕީ އަންހެން މެންބަރުން ހުށަހެޅުއްވިއެވެ. މީގެ އިތުރުން ގައްދޫގައި ހުންނަ ގދ.އަތޮޅު މަދަރުސާއަށް ވެސް ސަހީހް މުސްލިމް ހަދީސް ފޮތުގެ ދިވެހި ތަރުޖަމާ ރައީސް ނަޝީދު ހަދިޔާކުރެއްވިއެވެ.