އަޅުގަނޑު ބޭނުންވި ފޮޓޯ އަކީ މިރާއްޖޭގެ މުވައްސަސާތަކުން ރައްޔިތުންނާ މެދު އަމަލުކުރާ ގޮތުގެ ފޮޓޯ – ރައީސް ނަޝީދު

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ނަޝީދު ބޭނުންފުޅުވި ފޮޓޯ އަކީ ރާއްޖޭގެ މުޥައްސަސާތަކުން ރައްޔިތުންނާ މެދު އަމަލުކުރަމުންދާ ގޮތުގެ ފޮޓޯ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ސިޔާސީ ހަރަކާތް ހިންގާ އުސްފަސްގަނޑުގައި މިރޭ ބޭއްވި އެ ޕާޓީގެ ޚާއްސަ ޖަލްސާއެއް ގައި، ފުލުހުން އިއްޔެ އެމަނިކުފާނު އެމްޑީޕީގެ ވައުދުގެ ދަތުރުގައި ގދ.ފަރެސްމާތޮޑާ ގައި އުޅުއްވަނިކޮށް ހައްޔަރުކޮށްގެން ގެންދިޔަ ގެންދިއުމަށް އިޝާރާތް ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅުވީ ރާއްޖޭގެ މުޥައްސަސާތަކުން ރައްޔިތުންނާ މެދު އަމަލުކުރަމުންދާ ގޮތުގެ ފޮޓޯ ކަމަށާއި، އެ ފޮޓޯ އިއްޔެ ލިބިވަޑައިގެންފި ކަމަށެވެ.

މިރޭގެ ޖަލްސާ ގައި ރައީސް ނަޝީދު އިތުރަށް ވިދާޅުވީ މާދަމާ އެމަނިކުފާނު އެނބުރި ވައުދުގެ ދަތުރަށް ނިކުމެވަޑައިގަންނަވާނޭ ކަމަށާއި، “ބައެއް ފަހަރު ވެއްޓޭނޭ”، ކަމަށާއި އެހެން ނަމަވެސް “އެއަށްވުރެ ބާރަށް ތެދުވާނޭ”، ކަމަށެވެ. އަދި ކިތަންމެ ގުންފައި ޖަހާފައި އަޔަސް ފުލުހުންނާއި ކުރިމަތިލެވިދާނޭ ކަމަށާއި، އެހެން ނަމަވެސް އެމްޑީޕީން ނިކުމެގެން އުޅެނީ ފުލުހުންނާއި ކުރިމަތިލުމަށް ނޫން ކަމަށާއި، އެމްޑީޕީން ވައުދުގެ ދަތުރުގައި މިހާރު ކުރަމުން އެދާ މަސައްކަތަކީ ދިވެހިރައްޔިތުންނަށް ރަގަޅުގޮތެއް ހޯދައިދޭން ކުރަމުންދާ މަސައްކަތް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ފުލުހުންގެ މުޥައްސަސާގައި ވެސް އަދި ސިފައިންގެ ތެރޭގައި ވެސް ގައުމީ ރޫހުގައި މަސައްކަތްކުރައްވާ ފަރާތްތައް އެބަތިއްބެވި ކަމަށާއި، ފުލުހުންނާއި ސިފައިންގެ ފަރާތުން ބައެއް ފަހަރު ހަރުކަށިކަން ފެންނަނީ މަތިން އަންގައިގެން ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ފުލުހުންނާއި ސިފައިންގެ ތެރެއިން ވަރަށް ގިނަ އަދަދެއްގެ ބަޔަކު އެމަނިކުފާނަށް ވޯޓުދެއްވާނޭ ކަމަށް ވިދާޅުވާ ކަމަށް ވެސް އެމަނިކުފާނު މިރޭ ވިދާޅުވިއެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ އެމަނިކުފާނާއި މެދު ޕްރޮސެކިއުޓަރ ޖެނެރަލް ކުރައްވާފައި ވަނީ ސިޔާސީ ނަޒަރަކުން ކުރާ ދައުވާ އެއް ކަމަށާއި، ސިޔާސީ ނަޒަރިއްޔާތާއި ސިޔާސީ ވިސްނުން މުޅި ޝަރީއަތަށް އައިސްފައިވާ ކަމަށެވެ. އަދި، ޖިނާޢީ އަދުލުގެ ނިޒާމާއި، ޝަރުއީ ނިޒާމާއި، ދައުލަތް ހިމާޔަތް ކުރުމަކީ ރައީސުލް ޖުމްހޫރިއްޔާގެ ހައިސިއްޔަތުން އެމަނިކުފާނުގެ މަސްއޫލިއްޔަތެއް ކަމަށާއި، އެ މަސްއޫލިއްޔަތުއަދާކުރެއްވުމަށް ގާނޫނުގައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން އަމަލު ކުރެއްވިކަން އެމަނިކުފާނުގެ ވަކީލުން ސާބިތުކޮށްދެއްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި ރާއްޖެއަށް ބަޣާވާތެއް ގެނެވުނީ ޖިނާއީ އަދުލުގެ ނިޒާމް ރަގަޅުކުރުމަށް އެޅުނު ފިޔަވަޅު ކުޑަކަމުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެމްޑީޕީގެ އެތައް ސަތޭކަ ސަޕޯޓަރުންނާ މުޚާތަބުކުރައްވައި ރައީސް ނަޝީދު މިރޭ ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ފުރަތަމަ ބުރުން އިދިކޮޅު ފަރާތްތައް ބަލިކުރައްވާނޭ ކަމަށެވެ. މީގެ އިތުރުން ކެމްޕެއިންކުރުމަކީ ލޯންޗެއްގައި ހައެއްކަ މީހުން ގޮވައިގެން ގޮސް ކުރާ ކަމެއް ނޫން ކަމަށާއި، ކެމްޕެއިން ކުރުމަކީ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ދެނެގަނެ ރައްޔިތުންގެ ބޭނުންތައް ބެލުމަށް އެމްޑީޕީން ކުރަމުންދާ ވައުދުގެ ދަތުރު ގޮތަށް ކުރަންޖެހޭ ކަމެއްކަން މިހާރު އިދިކޮޅު ސިޔާސީ ފަރާތްތަކަށް އެނގިފައިވާނޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

“ހިއްވަރެއް ހުރިއްޔާ ނިކުންނަވާ. ކިހިލިޖަހައިގެން ތިޔަބޭފުޅުން ބަލިކުރާނަން. ފުރަތަމަ ބުރުން ބަލިކުރާނަން.” ރައީސް ނަޝީދު ވިދާޅުވިއެވެ.