ރައީސް ނަޝީދުގެ ނަންފުޅު ވޯޓު ކަރުދާސްކޮޅުގައި ބޭއްވުމަށް ވާންޖެހުނު ކޮންމެ ގުރުބާނީއެއް ވާނަން – ގައިސް

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ކަން ކަށަވަރުކުރައްވާފައިވާ ރައީސް މުޙަންމަދު ނަޝީދުގެ ނަންފުޅު ދެން އަންނަ ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާސްކޮޅުގައި ބޭއްވުމަށް ވާންޖެހުނު ކޮންމެ ގުރުބާނީއެއް އެމްޑީޕީ ތިނަދޫ ދާއިރާއިން ވާނޭ ކަމަށް ގދ.އަތޮޅު ކައުންސިލް މެންބަރު އަހުމަދު ގައިސް ވިދާޅުވެއްޖެއެވެ.

މިރޭ ތިނަދޫ އެމްޑީޕީ ހަރުގޭގައި ބޭއްވި ޖަލްސާއެއް ގައި ވާހަކަދައްކަވަމުން ގައިސް ވިދާޅުވީ އެމްޑީޕީގެ ވައުދުގެ ދަތުރަށް އިދިކޮޅު ފަރާތްތަކުން އަޅާފައިވާ ހުރަސްތަކުންނާއި، ކޮށްފައިވާ ދުއްތުރާތަކުން، ކުރިޔަށް އޮތް ރިޔާސީ އިންތިޚާބު ފަސޭހަކަމާއެކު ރައީސް ނަޝީދު ކާމިޔާބު ކުރައްވާނެތީ އިދިކޮޅު ފަރާތްތަކުން މޭކަރާވަރު އެނގިގެން ހިނގައްޖެ ކަމަށާއި، ރައީސް ނަޝީދުގެ ނަންފުޅު ވޯޓުކަރުދާހުގައި ބޭއްވުމަކީ އެމަނިކުފާނުގެ އިންތިޚާބީ ފުރަތަމަ ވައުދު ކަމަށްވުމާއެކު، އެމަނިކުފާނުގެ ނަންފުޅު ވޯޓުކަރުދާހުގައި ބޭއްވުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކޮށް، ވާން ޖެހުނު ކޮންމެ ގުރުބާނީއެއް އެމްޑީޕީ ތިނަދޫ ދާއިރާއިން ވާނޭ ކަމަށެވެ.

މި ޖަލްސާ ގައި ގައިސް އިތުރަށް ވިދާޅުވީ ވައުދުގެ ދަތުރުގެ ސަބަބުން އެމްޑީޕީ ތިނަދޫ ދާއިރާ އިތުރަށް ހަރަކާތްތެރިކުރެވިއްޖެ ކަމަށާއި، ތިނަދޫ އިން އިތުރު މެންބަރުން ވެސް އެމްޑީޕީ އާއި ގުޅިއްޖެ ކަމަށެވެ. އަދި ރިޔާސީ އިންތިޚާބުގައި ތިނަދޫއިން ރައީސް ނަޝީދަށް 70 އިންސައްތަ ވޯޓު ލިބިވަޑައިގަންނަވާނޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ވައުދުގެ ދަތުރުގެ ބައިވެރިންނާ މެދު ތިނަދޫގެ ރައްޔިތުން ބެހެއްޓި ގާތް ކަމާއި އަދާކުރި މެހުމާންދާރީއަށް އެމްޑީޕީ ތިނަދޫ ދާއިރާގެ ހުރިހާ މެންބަރުންނަށް ގައިސް ޝުކުރުއަދާކުރެއްވިއެވެ.

އެމްޑީޕީ ތިނަދޫ ހަރުގެ ތަރައްގީކޮށް މަލްޓިޕާރޕޯސް ހޯލަކަށް ބަދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށާއި، އެ ހަރުގެއަކީ ތިނަދޫ އާއި އެހެން ހިސާބުތަކުގެ އަމިއްލަ ފަރުދުންގެ ދީލަތި އެހީތެރިކަމާއެކު އިމާރާތްކޮށްފައިވާ ހަރުގެއެއް ކަމަށާއި، އެ ހަރުގެ ނަމޫނާ އަކަށް ބަލައިގެން ކޮންމެ ދާއިރާއެއް ގައި ވެސް ހަރުގެއެއް އިމާރާތްކުރުމަށް މަސައްކަތްކުރުމަށް އެމްޑީޕީ ދާއިރާ ރައީސުންނަށް ގައިސް ގޮވާލެއްވިއެވެ.

ސަރުކާރު ބަދަލުވުމަށް ފަހު ތިނަދޫގެ އެކި މުޥައްސަސާތަކުގައި ވަޒީފާއަދާކުރަމުން ދިޔަ އެމްޑީޕީ ފިކުރުގެ 30 ވަރަކަށް މުޥައްޒަފުން ވަޒީފާއިން ވަކިކޮށްފައިވާކަން ވެސް ގައިސްގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ. އަދި އެކަމާ ފުޅާދާއިރާއެއްގައި އިހުތިޖާޖުކުރާނޭ ކަމަށް ވެސް ގައިސް ވިދާޅުވިއެވެ. މީގެ އިތުރުން އެމްޑީޕީ ސަރުކާރުގެ 3 އަހަރުގެ ތެރޭގައި ތިނަދޫގައި އެތައް ވަޒިފާއެއް އުފެއްދި ކަމަށާއި، ވަކި ފިކުރަކަށް ތަބާވާތީ ތިނަދޫގައި މަސައްކަތްކުރާ އެއްވެސް މުޥައްޒަފަކު އެމްޑީޕީގެ ސަރުކާރުން ވަޒީފާއިން ވަކިކޮށްފައި ނުވާ ކަމަށް ވެސް ގައިސް ވިދާޅުވިއެވެ.
އިއްޔެ ފަރެސްމާތޮޑާ ގައި ހުންނަވަނިކޮށް ރައީސް ނަޝީދު ހައްޔަރުކޮށްގެން ފުލުހުން ގެންދިޔަ ގައިސް ވެސް ވަނީ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.