ނޫސްބަޔާން: މިނިސްޓަރ އޮފް ހޯމް އެފެއަޒް ޑޮކްޓަރ މުހައްމަދު ޖަމީލް އަހްމަދު ގެ މައްޗަށް ހުށަހަޅާ އިތުބާރުނެތް ކަމުގެ މައްސަލަ

ރާއްޖޭގެ ރައްޔިތުން މިނިވަންކަމާއިއެކު މަގުތަކަށް ނިކުމެ އާންމު ހާލަތުގައި އުޅެވޭނެ މާހައުލެއް ގާއިމުކޮށްދީ ރާއްޖޭގެ އާންމު މާހައުލަކީ ކޮންމެ މީހަކަށްމެ، މިނިވަން ކަމާއެކު ދިރިއުޅެވޭނެ ރައްކާތެރި މާހައުލެއްކަން ޔަގީން ކޮށްދިނުމަކީ މިނިސްޓަރ އޮފް ހޯމްއެފެއަރޒް ގެ މަސްޢޫލިއްޔަތުގެ ދަށުގައިވާ މޯލްޑިވެސް ޕޮލިސް ސަރވިސް މަސްޢޫލިއްޔަތެއްކަމަށްވެފައި، ކޮންމެ ވުޒާރާއެއްވެސް ހިންގަންވާނީ ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާނެ ވަޒީރަކު ހުރެގެން ކަމަށްވީހިނދު،

ކޮންމެ ވަޒީރަކީ ވެސް ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާންޖެހޭނެ ފަރާތަކަށްވާއިރު، ދިވެހިރާއްޖޭގެ ޖުމްހޫރިޔާގެ ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީހައްގުތައް ހިމާޔަތްކޮށްދީ އެ ހައްގުތައް ބޭނުންކުރުމުން ގަސްތުގައި ރައްޔިތުންނަށް އަނިޔާކުރުން އިންތިހާއަށް ހައްދުފަހަނައަޅައި ދިއުމުންވެސް އެކަންކަން ހުއްޓުވުމަށް އެއްވެސް މަސައްކަތެއް ކުރައްވާފައި ނުވާހިނދު،

ރާއްޖޭގެ މަގުތަކަކީ ރައްޔިތުންނަށް އަމާން ރައްކާތެރި މާހައުލެއްކަން ކަށަވަރުކޮށްދިނުމުގެ، ޒިންމާއަކީ ހޯމް މިނިސްޓަރ ޑޮކްޓަރ މުހައްމަދު ޖަމީލް އަހްމަދު ސީދާ އުފުލަންޖެހޭ ޒިންމާއެއް ކަމަށްވެފައި، ނަމަވެސް އެ ޒިންމާ ނުނެގުމުގެ ސަބަބުން ރޯމާދުވާލު ގެ ވަގުތުގައި ގަސްތުގައި މީހުންމަރަމުންދިއުމާއި، މާރާމާރީއާއި ކުށެއްނެތް އެތަކެއް ދިވެހި ދަރީންނެއް މި ދުނިޔެ ދޫކުރަން ޖެހިފައިވަނީ މަގުތަކުގެ އަމާންކަން ގާއިމުނުކުރެވި މާރާމާރީ އާއި ކުއްކުރަމުން ދިއުން ނުހުއްޓުވުމުން ހިނގާފައިވާ ކަންކަން ކަމުގައިވީހިނދު،

ހޯމް މިނިސްޓަރ ކަމުގެ މަޤާމަށް ޑޮކްޓަރ މުހައްމަދު ޖަމީލް އަހްމަދު އަންޔަނުކުރުމަށް ފަހު މި ފާއިތުވެދިޔަ، މުއްދަތުގައި އަމަލީގޮތުން ކަންކަން ކުރެއްވުމުގެ ބަދަލުގައި ސިޔާސީގޮތުން މީހުން ހައްޔަރުކުރާނެކަމުގައި އަޑުހަރުކޮށް ބޮޑެތި ބަސްތައް ބުނުންފިޔަވާ އެކަންކަން ހުއްޓުވުމަށް ކުރެވިފައިވާ މާބޮޑެތި މަސައްކަތްތަކެއް ނެތްކަން ހާމަވަނީ ފުލުފުލުގައި މީހުން މަރަމުންގޮސް އާންމު ރައްޔިތުން ހިސާބުން ފެށިގެން ގޮސް ޤާނޫނީ ވަކީލުން ފެށިގެން އެންމެ ފަހުން ރައްޔިތުންގެ

މަޖިލީހުގެ އިއްޒަތްތެރި މެންބަރަކާ ހަމަޔަށް ދިޔައިރު މިވަނީ 7 ވަނަ މަރާ ކުރިމަތިލިއިރު މިކަމަށް ހުއްޓުވުމަށް ކުރެވުނު އެއްވެސް އެކަށޭނެ މަސައްކަތެއް ނެތްހިނދު

މި ހިނގާ 2012 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 1 ވަނަ ދުވަހުގެރޭ އިންސާނިއްޔަތާއި އިންސާނީ ކަރާމަތް ގެއްލިދާގޮތަށް ބަޔަކު ހިންގި އަނިޔާވެރި ގަތުލުއާންމެއްގައި، ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ އިއްޒަތްތެރި މެންބަރު ޑޮކްޓަރ އަފްރާޝީމް އަވަހާރަ ކޮށްލުމުން މުޅިގައުމު މިވަނީ ހާސްކަމާއި ކަންބޮޑުވުން ކަމަށްވާއިރު، މި ފާއިތުވެދިޔަ މުއްދަތުގައި ހޯމް މިނިސްޓަރ މުހައްމަދު ޖަމީލް އަހްމަދު ނަގަންޖެހޭ އެއްވެސް ޒިންމާއެއް ނަންގަވާފައި ނުވާތީވެ، އޭނާ އެ މަގާމުން ވަކިކުރުމުގެ މައްސަލަ ހުށަހަޅަމެވެ.

ބަޔާން ނެރުނީ: އެމްޑީޕީ ޕާލަމެންޓަރީ ގުރޫޕު
9 އޮކުޓޫބަރ 2012