އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ދޫނިދޫގައި ހުންނެވީ ހިތްޕުޅުހަމަޖެހިވަޑައިގެން ނޫން ކަމަށް އެމަނިކުފާނުގެ އާއިލާގެ ބޭފުޅުން ވިދާޅުވެއްޖެއެވެ.
ރޭ ރައީސް ނަޝީދާއި ބައްދަލުކުރައްވަން ދޫނިދޫއަށް ވަޑައިގަތުމަށް ފަހު ރައީސް ނަޝީދުގެ އާއިލާގެ ބޭފުޅުން ވިދާޅުވީ އެމަނިކުފާނާއި އެކަހެރިކޮށް ބައްދަލުކުރާނޭ ވަގުތެއް ފުލުހުން ދީފައިނުވާ ކަމަށާއި، ފުލުހުން އަބަދުވެސް އެމަނިކުފާނު ކައިރީގައި ތިބޭ ކަމަށެވެ. އަދި އެމަނިކުފާނު ހުންނެވި ކޮޓަރިކޮޅު އެއަރކޮންޑިޝަން ކޮށްފައި ހުރި ނަމަވެސް އެ ކޮޓަރީގައި ހުރީ އެނދެއްގެ އިތުރުން އަރިމަތީ މޭޒެއް ކަމަށް ވެސް އާއިލާއިން މައުލޫމާތު ދެއެވެ.
ރައީސް ނަޝީދުގެ އަނބިކަނބަލުން ލައިލާ އަލީ އާއި، އެމަނިކުފާނުގެ ގާނޫނީ ޓީމުން ރައީސް ނަޝީދާއި ބައްދަލުކޮށްފައިވާއިރު، ހިއުމަންރައިޓްސް ކޮމިޝަނުން އެމަނިކުފާނާއި ބައްދަލުކުރަން ހުށަހެޅިހުށަހެޅުން އެމަނިކުފާނު ވަނީ ގަބޫލުފުޅު ނުކުރައްވާފައެވެ.
މީގެ ކުޑައިރުކޮޅެއް ކުރިން އެމްޑީޕީގެ ޗެއަރޕާސަން މޫސާ މަނިކާއި ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް މުޙައްމަދު ޞޯލިޙް އިބޫ ވެސް ވަނީ ރައީސް ނަޝީދާ ބައްދަލުކުރައްވާފައެވެ.