ނޫސްބަޔާން: ރައީސް ނަޝީދު ހައްޔަރުކުރުމާއި ގުޅިގެން ކިނބިދޫ ދާއިރާއިން ނެރޭ ނޫސްބަޔާން

ދިވެހިރާއްޖޭގެ އިންތިޚާބީ ރައީސް އަދި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ހިފާ ހައްޔަރުކޮށްގެން ޤާނޫނުގައި ނުއުފަންނަ “ހުޅުމާލޭ ކޯޓްކަމަށް ބުނާ ކޯޓަކަށް ޙާޟިރުކުރުމަށް އެކޯޓުން ދިވެހި ފުލުހުންގެ ޚިދުމަތުގެ މައްޗަށްކޮށްފައިވާ އަމުރަކީ ކިނބިދޫ އެމްޑީޕީގެ ގޮފިތަކާއި އެންމެހާ މެމްބަރުން އަދި ޑިމޮކްރަސީއަށް މަސައްކަތްކުރާ ކިނބިދޫގެ އެންމެހާ ފަރާތްތަކުން އިންތިހާއަށް ކަންބޮޑުވާ ކަމެއްކަމުގައި ދަންނަވަމެވެ.

“ހުޅުމާލޭ ކޯޓު” ގެ ޤާނޫނީ ސައްޙަކަމާ މެދު ސުވާލު އުފެދި، އެއުފެދުނު އުފެދުން ދުސްތޫރީ ކޯޓަށް ހުށަހަޅާ، “ހުޅުމާލޭ ކޯޓުގެ” ސައްޙަކަން ޤާއިމުކުރުމުގެ މައްސަލަ ދުސްތޫރީކޯޓުގައި ހިނގަމުންދާ ހިނދު ދިވެހި ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު ސިޔާސީ ޕާރޓީގެ ރިޔާސީ ކެންޑިޑޭޓް ހިފާ ހައްޔަރުކޮށްގެން “ހުޅުމާލޭ ކޯޓަށް” ޙާޟިރުކުރުމަށްޓަކައި މަސައްކަތްކުރަމުންގެންދާ އެންމެހާ ފަރާތްތަކުން ކުރަމުންގެންދާ މަސައްކަތް ވަގުތުން ވަގުތަށް ހުއްޓާލުމަށް ގޮވާލަމެވެ.

ދިވެހިރާއްޖޭގައި 30 އަހަރުވީ ދިގު އަނިޔާޥެރި ވެރިކަމެއް މުލުންލުހެލައި، 2008 ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިޚާބުގައި ދިވެހިރާއްޖޭގެ ރައްޔިތުންގެ %50 އަށްވުރެ މަތިން ތާޢީދު ލިބިވަޑައިގެން ރައީސުލް ޖުމްހޫރިއްޔާކަމުގެ މަޤާމަށް އިންތިޚާބުވެ ވަޑައިގެންނެވި ފަހުން ފާއިތުވެދިޔަ ކުރު 3 އަހަރުގައި ދިވެހިރާއްޖޭގެ ރައްޔިތުންނަށް ނުހަނު ގިނަގުނަ ޚިދްމަތްތަކެއް ވަރަށް އިޚްލާޞްތެރިކަމާއެކު ކޮށްދެއްވާފައިވާކަން ޑިމޮކްރެސީއާއި، ހަމަހަމަކަމަށް ލޯބިކުރައްވާނެ އެންމެހާ ރައްޔިތުން ޤަބޫލުކުރާނެކަން ޔަޤީނެވެ.

ރައީސް ނަޝީދު ހިފާ ހައްޔަރުކުރުމަކީ ކިނބިދޫ އެމްޑީޕީގެ މެމްބަރުންގެ އިތުރުން ދިވެހި ޑިމޮކްރަސީއަށް މަސައްކަތްކުރާ އެއްވެސް ފަރުދަކު ބަލައިގަންނާނޭ ކަމެއް ނޫނެވެ. އަދި ވަކި މީހެއްގެ މައްސަލަ ބެލުމަށް މުޅި ޝަރުޢީ ދާއިރާ “ހޭލާ” ތިބެގެން ކުރަމުންގެންދާ ނާތަހުޒީބު ޢަމަލުގެ ސަބަބުން ގެއްލިގެންދާނީ ފަށްފަށްކޮށް ވެސް ޝަރުޢީ ދާއިރާގެ އިތުބާރާއި އަދުލު އިންސާފުގެ ހަމަހަމަކަން ކަމުގައިވެސް މި ދާއިރާއިން ދެކެމެވެ.

މިފުރުޞަތުގައި، މިފަދަ ނާތަހުޒީބު ފިނޑި ޢަމަލުތައް ނުކުރުމަށް ރާއްޖޭގެ ކަމާއިބެހޭ އެންމެހާ ފަރާތްތަކަށް ކިނބިދޫގެ އެމްޑީޕީގެ ގޮފިތަކުން ގޮވާލަމެވެ.