ނޫސް ބަޔާން
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ހިފާ ހައްޔަރުކޮށްގެން ޤާނޫނުގައި ނުއުފަންނަ “ހުޅުމާލޭ” ކޯޓަށް ޙާޟިރުކުރުމަށް އެކޯޓުން ދިވެހި ފުލުހުންގެ ޚިދުމަތުގެ މައްޗަށްކޮށްފައިވާ އަމުރަކީ މިދާއިރާގެ އެންމެހާ މެމްބަރުންނާއި އަދި ދިވެހިރާއްޖޭގެ ޑިމޮކްރަސީއަށް މަސައްކަތްކުރާ އެންމެހާ ފަރާތްތަކުން އިންތިހާއަށް ކަންބޮޑުވާ ކަމެއްކަމުގައި ދަންނަވަމެވެ.
“ހުޅުމާލޭ ކޯޓު” ގެ ޤާނޫނީ ސައްޙަކަމާ މެދު ސުވާލު އުފެދި، އެއުފެދުނު އުފެދުން ދުސްތޫރީ ކޯޓަށް ހުށަހަޅާ، “ހުޅުމާލޭ ކޯޓުގެ” ސައްޙަކަން ޤާއިމުކުރުމުގެ މައްސަލަ ދުސްތޫރީކޯޓުގައި ހިނގަމުންދާ ހިނދު ދިވެހި ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު ސިޔާސީ ޕާރޓީގެ ރިޔާސީ ކެންޑިޑޭޓް ހިފާ ހައްޔަރުކޮށްގެން “ހުޅުމާލޭ ކޯޓަށް” ޙާޟިރުކުރުމަށްޓަކައި މަސައްކަތްކުރަމުންގެންދާ އެންމެހާ ފަރާތްތަކުން ކުރަމުންގެންދާ މަސައްކަތް ވަގުތުން ވަގުތަށް ހުއްޓާލުމަށް ގޮވާލަމެވެ.
ޢަދުލު އިންސާފު ޤާއިމުކުރުމުގެ ބާރުން ޒާތީ ތަޢައްޞުބުން ފުރިގެން، ދިވެހިރާއްޖޭގެ ދާޚިލީ ހަމަޖެހުމާއި ސުލްޙަ މަސަލަސްކަން ނަގާލުމަށް ރާވައިގެންކުރަމުން ގެންދާ މަސައްކަތާއި އަދި ދިވެހިރާއްޖޭގެ ޑިމޮކްރަސީ ހަލާކުރުމަށް ކެނޑިނޭޅިކުރަމުން ގެންދާ މަސައްކަތް މި ދާއިރާގެ ފަރާތުން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް އެކަންކަން ވަގުތުން ހުއްޓާލާ، ހުރިހާ ރައްޔިތުންގެ މެދުގައި ހަމަހަމަ ޢަދުލުވެރި ޝަރީޢަތުގެ ނިޒާމެއް ޤާއިމުކުރުމަށް އަވަސްވެގަތުމަށް ވެސް ގޮވާލަމެވެ.
ރައީސް ނަޝީދު ހިފާ ހައްޔަރުކުރުމަކީ މިދާއިރާގެ އިތުރުން ދިވެހި ޑިމޮކްރަސީއަށް މަސައްކަތްކުރާ އެއްވެސް ފަރުދަކު ބަލައިގަންނާނޭ ކަމެއް ނޫނެވެ. އަދި ވަކި މީހެއްގެ މައްސަލަ ބެލުމަށް މުޅި ޝަރުޢީ ދާއިރާ “ހޭލާ” ތިބެގެން ކުރަމުންގެންދާ ނާތަހުޒީބު ޢަމަލުގެ ސަބަބުން ގެއްލިގެންދާނީ ފަށްފަށްކޮށް ވެސް ޝަރުޢީ ދާއިރާގެ އިތުބާރާއި އަދުލު އިންސާފުގެ ހަމަހަމަކަން ކަމުގައިވެސް މި ދާއިރާއިން ދެކެމެވެ.
މި ފުރުޞަތުގައި މިޕާރޓީގެ ރިޔާސީ ކެންޑިޑޭޓް ހިފާ ހައްޔަރުކުރުމަކުން މިޕާރޓީގެ އެއްވެސް ޙަރަކާތަކަށް، އަދި ވަކިން ޚާއްޞަކޮށް ވަޢުދުގެ ދަތުރުގެ އެއެވެސް ކަމަކަށް ކުޑަވެސް ހީނަރުކަމެއް ނާންނާނެކަމުގެ ކަށަވަރުކަން މިދާއިރާގެ ފަރާތުން ދެމެވެ. އަދި ރާއްޖޭގެ ސިޔާސީ، ޝަރުޢީ ނިޒާމުގެ ތެރެއިން ފެންނަމުން މިދާ ހަޑިމުޑުދާރު ތަޢައްޞުބީ ޢަމަލުތަކުން މިޕާރޓީގެ އަދި ރާއްޖޭގެ އިންސާފަށް ލޯބިކުރާ އެއްވެސް ރައްޔިތެއްގެ ރޫޙަކަށް އަދި ޖޯޝަކަށް ފަސްޖެހުމެއް ނާންނާނެކަމުގެ ޔަޤީންކަން އަރުވަމެވެ. މިދާއިރާގެ ފަރާތުން ދިވެހި ރާއްޖޭގައި ޢަދުލުވެރި، އިންސާފުވެރި އަދި ވަކިން ޚާއްޞަކޮށް ޑިމޮކްރަސީއަށް ކުރަމުން މިގެންދާ ވަރުބަލިވުމެތް ނެތް މަސައްކަތުގައި އިހުނަށްވުރެ ވަރުގަދަ ޢަޒުމަކާއެކު ޘާބިތުވެ ދެމިތިބޭނެކަމުގެ ޔަޤީންކަންވެސް އަރުވަމެވެ.
08 އޮކްޓޯބަރު 2012