ނޫސްބަޔާން: ރައީސް ނަޝީދު ހައްޔަރު ކުރި ކުރުމާމެދުގެ އެމް.ޑީ.ޕީ ނ.ލަންދޫ ގޮފިތަކުން ކަންބޮޑުވުން ފާޅުކުރުން

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) ގެ ރިޔާސީ ކެންޑިޑޭޓް މުޙައްމަދު ނަޝީދު ހައްޔަރުކޮށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުކަމަށް ބުނާ ތަނަކަށް ޙާޟިރު ކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހައްޔަރުކޮށް ގެންދާ ގެންދިޔުން ނ . ލަންދޫ އެމް.ޑީ.ޕީ މެންބަރުން އެންމެ ހަރުކަށި އިބާރާތުން ކުއްވެރި ކުރަމެވެ.

ހުޅުމާލެ މެޖިސްޓްރޭޓް ކޯޓްކަމަށް ބުނާ ތަނަކީ އެތަނުގެ ޤާނޫނީ ޞައްޙަކަމާމެދު ސުވާލު އުފެދި އެކަން ކަނޑައެޅުމަށް މީގެ ކުރިންވެސް ސުޕްރީމް ކޯޓަށް ހުށައަޅައި އެމައްސަލައާމެދު އަދި ވަކިގޮތެއް ނިންމާފައިވެސް ނުވާ ތަނެކެވެ.

އަދި ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުކަމަށް ބުނާ ތަނުގެ ޤާނޫނީ ޞައްޙަކަމާމެދު ހައިކޯޓުގައި ރައީސް ނަޝީދުގެ ފަރާތްޕުޅުންވެސް ގޮތެއް ކަނޑައެޅުމަށް މައްސަލަ ހުށައަޅައި އިސްތިއުނާފުގެ މަރުޙަލާ ހިނގަމުންދެއެވެ.

މީގެ އިތުރުން އެމް.ޑީ.ޕީގެ ފަރާތުން ދުރާލައި ރާވައި އިންތިޒާމްކޮށް، އަދި އާންމުކޮށް އިޢުލާންކޮށްގެން ދެކުނުގެ އަތޮޅުތަކަށް ރައްޔިތުންގެ ބޮޑު ތަރުހީބާއެކު ރައީސް ނަޝީދު ކުރައްވާ ދަތުރަށް “ވަޢުދުގެ ދަތުރު” ހުރަސް އެޅުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުކަމަށް ބުނާ ތަނުން ތަކުރާރުކޮށް މަސައްކަތްކުރާކަން ނ. ލަންދޫ އެމް.ޑީ.ޕީ މެންބަރުން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ. އެގޮތުން ރައީސް ނަޝީދު ހިފާ ހައްޔަރުކޮށްގެން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުކަމަށް ބުނާ ތަނަށް ޙާޟިރުކުރުމަށް މޯލްޑިވުސް ޕޮލިސް ސަރވިސްއިން ގެންދިޔަ ގެންދިޔުން މިރަށުގެ އެންމެހާ އެމް.ޑީ.ޕީ މެންބަރުން އެއްގޮތަކަށްވެސް ބަލައިގަންނާނެ ކަމެއް ނޫނެވެ. އެމް.ޑީ.ޕީއަށް ނިސްބަތްވާ ގިނަ މެމްބަރުންނާއި އަދި މިޕާޓީއާށް ތާއީދު ކުރާ އެތައް ބަޔަކާއެކު ރައީސް ނަޝީދު ރިޔާސީ ކެމްޕޭންގެ ދަތުރުކުރައްވަމުން ގެންދަވަނިކޮށް ހައްޔަރުކޮށްގެން ގެންދާ ގެންދިއުމަކީ އެންމެ މަސްލަހަތު އޮތްގޮތް ކަމުގައި އަޅުގަނޑުމެންނުދެކެމެވެ.

މަތީގައިވާ ކަންކަމަށް ރިޢާޔަތްކޮށް އެމް.ޑީ.ޕީގެއެންމެހައި މެމްބަރުންނާއި މިޕާޓީއަށް ހެޔޮއެދޭ އެންމެހައި ފަރާތްތަކުން، މި ޕާޓީގެ ޤައުމީ ހިންގާ ކޮމެޓީން މީގެކުރިން ނިންމާފައިވާ ނިންމުމާ އެއްގޮތްވާގޮތުގެމަތިން ފުޅާދާއިރާއެއްގައި އެބަޔަކު ތިބިތަނަކުން އިޙްތިޖާޖުކުރުމަށް ގޮވާލަމެވެ.