ރައީސް ނަޝީދު މިނިވަންކުރަންދެން އެމްޑީޕީން މުޒާހަރާ ކުރަނީ

މިއަދު ގދ.ފަރެސްމާތޮޑާ ގައި އެމްޑީޕީގެ ވައުދުގެ ދަތުރުގައި އުޅުއްވަނިކޮށް ފުލުހުން ހައްޔަރުކޮށްގެން ގެންގޮސްފައިވާ، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު މިނިވަންކުރަންދެން އިޙްތތިޖާޖުކުރުމަށް އެމްޑީޕީން ނިންމައިފިއެވެ.

އެމްޑީޕީން މިއަދު އުސްފަސްގަނޑުގައި ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާ ގައި ފާސްކުރި ނިންމުމުގައި ބުނެފައިވަނީ، ސަރުކާރު ބަދަލުވި ގޮތް ބެލުމަށް އެމްޑީޕީން އުފައްދާފައިވާ ހަތް މެމްބަރުންގެ ކޮމިޓީން ނިންމާ ގޮތަކަށް މިކަމާ ދެކޮޅަށް ކުރާ އިހްތިޖާޖު ކުރިއަށް ގެންދިއުމަށެވެ.އަދި އެމްޑީޕީގެ މެންބަރުންނާއި ދިވެހިރައްޔިތުންގެ ލޯތްބާއި އިހުތިރާމް ލިބިފައިވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ނަޝީދުގެ ހައްޔަރުކުރުމާގުޅޭ ހުރިހާ މައުލޫމާތެއް އެއްކޮށް އެ މައުލޫމާތާއި އިހްތިޖާޖުކުރަން ނިންމާ ގޮތެއް މިރޭ އެމްޑީޕީގެ މެމްބަރުންނަށް އެ ކޮމިޓީން ހާމަކުރުމަށެވެ.

މަނަދޫ ދާއިރާގެ މެމްބަރު މުހައްމަދު ތޯރިގު ހުށަހެޅުއްވި މި ހުށަހެޅުން ފާސްވީ އެ ޖަލްސާއަށް ވަޑައިގެންނެވި 34 މެމްބަރުންގެ އިއްތިފާގުންނެވެ.

އެމްޑީޕީން މިގޮތަށް ނިންމާފައިވާއިރު، އައްޑޫ ސިޓީ އާއި ފުވައްމުލަކުގައި މިއަދު ހަވީރު ވަނީ މުޒާހަރާ ފަށާފައެވެ. އަދި މިރޭގެ އިޝާ ނަމާދަށް ފަހު ތިނަދޫ އާއި މާލޭގައި މުޒާހަރާ ފެށެނެއެވެ.