ރައީސް ނަޝީދުގެ މައްޗަށް ޑިފެންސް މިނިސްޓަރުކަމުގެ މަޤާމްގައި ހުންނެވި އަޙްމަދް ނާޒިމް ކުރެއްވި ދަޢުވާއަށް އެމަނިކުފާނު އިންކާރު ކުރައްވައިފި!

“ބާޢީ ނާޒިމް”އޭ ގޮވިކަމަށް ބުނެ ޑިފެންސް މިނިސްޓަރުކަމުގައި ހުންނެވި އަޙްމަދު ނާޒިމް ކުރައްވާފައިވާ “ތިން މިލިއަން ރުފިޔާގެ އަބުރު” ގެ ދަޢުވާއަށް ރައީސް ނަޝީދު އިންކާރު ކުރައްވައިފިއެވެ.

ސިވިލް ކޯޓްގައި މިއަދު ބޭއްވެވި ޝަރީޢަތުގެ މަޖިލީހުގައި ރައީސް ނަޝީދުގެ ޤާނޫނީ ވަކީލު އަލްއުސްތާޒް ހަސަން ލަތީފް ވިދާޅުވީ، “ރައީސް މުޙައްމަދު ނަޝީދު ދަޢުވާއަށް އިންކާރު ކުރައްވާ” ކަމަށެވެ. އަދި ނާޒިމަކީ “ބާޢީ” އެކޭގޮވައި ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅަކީ ދޮގު ވާހަކައެއް ނޫންކަމަށާއި އެކަން ސާބިތުކޮށްދެއްވުމަށް ގިނަ ހެކިތަކެއް ޝަރީޢަތައް ހުށަހަޅުއްވަން ބޭނުންވާތީ ދަޢުވާއަށް ޖަވާބުދާރީވުމަށް ފުރުސަތަކަށް އަލްއުސްތާޒް ހަސަން ލަތީފް ވަނީ އެދިވަޑައިގެންފައެވެ.

ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ނިހާޔަތު މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލެއްވީ މި މަހުގެ 18 ވަނަ ދުވަހު އިތުރު ޝަރީއަތުގެ މަޖިލީހެއް ބާއްވާނެ ކަމަށް އިއުލާން ކުރެއްވުމަށް ފަހު އެވެ. އަދި އެ ޝަރީއަތުގެ މަޖިލީހުގައި އޮންނާނީ ރައީސް ނަޝީދުގެ ފަރާތުން ދައުވާއަށް ޖަވާބުދާރީ ވުން ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.