8 އޮކްޓޯބަރ 2012 ވީ ހޯމަ ދުވަހުގެ ހެނދުނު 9.45 ހާއިރު، މޫނު ނިވާކޮށް ކަޅު ޔުނިފޯމްތަކެއް ލައިގެން ތިބި ވަރަށް ގިނަ އަދަދެއްގެ ރަޔަޓް ފުލުހުންނާއި، ކެމުފްލާޖް ނޫ ޔުނިފޯމުގައި ތިބި ފުލުހުންގެ ބަޔަކު، ރަޔަޓް ބަޑިޔާ ކަރުނަގޭހާ މުގުރާއި ޝީލްޑްފަދަ ހަތިޔާރު ހިފައިގެން، ވަނީ ގދ. ފަރެސް މާތޮޑާއަށް އަރައި، ރަށު ތެރޭގައި ބިރުވެރިކަމާ ހާސްކަން އުފެދޭ ފަދަ ގޮތަކަށް އަމަލުކޮށް ރައީސް ނަޝީދު ގެ ކެބިނެޓްގެ ހައުސިންގް އެންޑް އެންވަޔަރަންމެންޓް މިނިސްޓަރ މުހައްމަދު އަސްލަމް ގެ ގެކޮޅަށް ގޮސް، ބާރުގެ ބޭނުންކޮށްގެން އެގެކޮޅަށް އެތައް ގެއްލުމެއްދީ، ދިވެހިރާއްޖޭގެ އިންތިޚާބީ ރައީސް މުހައްމަދު ނަޝީދު ހުންނެވި ކޮޓަރިކޮޅަށް ވަދެގަނެ ގިނަ އަދަދެއްގެ ފުލުހުން ވަށާލައިގެން އެމަނިކުފާނު ވަނީ ހައްޔަރުކޮށްގެން ގެންގޮސްފައެވެ. މިދަށު ދަރަޖައިގެ ފިނޑި ނާތަހުޒީބު އަމަލު ފަރެސްމާތޮޑާ ދާއިރާ އިން އެންމެ މަތީ ދަރަޖައަށް ކުށްވެރިކުރަމެވެ. އަދި މި ފުރަޞަތުގައި ފުލުހުން ރައީސް ނަޝީދު ހައްޔަރު ކުރުމަށްޓަކައި ރާއްޖޭގެ އިންތިޚާބީ ސަރުކާރުގެ ހައުސިންގ އެންޑް އެންވަޔަރަމަންޓް މިނިސްޓަރ މުހައްމަދު އަސްލަމްގެ ގެކޮޅަށް ވަދެގަނެފައިވަނީ އެގެކޮޅަށް ވަނުމުގެ ކޯޓު އަމުރަކާ ނުލާކަންވެސް ފާހަގަކުރަމެވެ. އެއްވެސް ކަހަލަ ދެކޮޅުވެރިކަމެއް ނުދައްކާ ތިބި ބަޔަކު ގާތު ވަކި މީހަކު ނުކުތުމަށް ނާންގާ ވަދެގަތުމަކީ، އެގޭގެ ވެރިފަރާތުގެ ހުރުމަތާ ކަރާމަތަށް ގާނޫނާ ޚިލާފަށް އަރައިގަތުންކަމުގައި ދެކެމެވެ. ހަމައެކަނި ލޯ ފެންނަގޮތަށް މޫނު ނިވާކޮށްގެން ތިބި ފުލުހުންގެ އަމަލުތައް ހުރިގޮތުން ރަށުގެ ގިނަ ބަޔަކު ތިބީ ބިރުވެރިކަމާ ހާސްކަމެއްގެ ތެރޭގައި ކަމާ އަދި ޚާއްސަކޮށް ކުޑަކުދިންނާ އުމުރުން ދުވަސްވީ ފަރާތްތަކަށް މިކަމުގެ ސަބަބުންވަނީ ވަރަށް ނޭދެވޭ ނަފްސާނީ އަސަރުތަކެއް ކޮށްފައިކަންވެސް ފާހަގަކޮށް މިކަމާ ނުހަނު ހިތާމަކުރާ ވާހަކަ ދަންނަވަމެވެ.
2008 ވަނަ އަހަރުވެސް މިރަށުގެ ރައްޔިތުންނަށް ވަނީ މިފަދަ ބިރުވެރިކަމާ އަނިޔާވެރިކަމާ ކުރިމަތިލާ އެތަކެއް ދަތިތަކާ ހިތްދަތިކަން ތަހައްމަލުކޮށްފައެވެ. ނަމަވެސް 11 ނޮވެމްބަރ 2008ގެ ފަހުން މިޤައުމަށް ޑިމޮކްރަސީގެ ރިވެތި އުސޫލުތަކާ ހެޔޮވެރިކަމެއް އައުމަށް ފަހު، މިރަށުގެ ރައްޔިތުން އުފާވެރިކަމާއެކު އުއްމީދުކޮށްގެން ތިބީ އެފަދަ ދުވަހެއް އަލުން ތަހައްމަލު ކުރަން ނުޖެހޭނެކަމަށެވެ. އަދި ފޮޅެމުން އައި ޑިމޮކްރަސީގެ މަލުގެ ފޮނިކަން އަބަދަށްމެ ލިބޭނެކަމަށެވެ. ނަމަވެސް 7 ފެބްރުއަރީ 2012ގައި ސަރުކާރު ބަދަލުވެގެން ދިއުމަށްފަހު އަނެއްކާވެސް މިރަށުގެ ރައްޔިތުންނަށްވެސް މިފެނުނީ އެހިތި ތަޖުރިބާތަކާއި މަންޒަރުތައް ތަކުރާރުވަމުންދާ ތަނެވެ. މިކަމަކީ މިރަށުގެ އަދި މިދާއިރާގެ ރައްޔިތުންނަށްވެސް ބަލައިގަނެވޭނެ ކަންތައްތަކެއްނޫންކަން ދަންނަވަމެވެ.
ހަމަ އެހެންމެ، ރާއްޖޭގެ އިންތިޚާބީ ރައީސް މުހަންމަދު ނަޝީދު ހައްޔަރު ކުރުމުގައި އަމަލުކޮށްފައިވާ ގޮތާމެދު ފަރެސްމާތޮޑާ ދާއިރާގެ ރައްޔިތުންގެ ފަރާތުންނާ އަޅުގަނޑުގެ އަމިއްލަ ހައިސިއްޔަތުން ނުރުހުން ފާޅުކުރަމެވެ. އަދި މިފަދަ އަމަލުތަކުގެ ސަބަބުން މިއަދު މިރާއްޖޭގެ ފުލުހުންގެ މުއައްސަސާ އާއި ޝަރުޢީ ކޯޓުތަކާ މެދުވެސް ރައްޔިތުންގެ ހިތްތަކުގައި އުފެދިފައިވާ ޝައްކު އިތުރުވެ، އިތުބާރު ގެއްލިފައިވާކަން ހިތާމައާއެކު ފާހަގަކުރަމެވެ. އަދުލު އިންސާފު ގާއިމްކުރުމުގައި ހަމަހަމަކަމެއް ނެތުމާ ، އަދުލު އިންސާފު ގާއިމް ކުރެވިއްޖެކަން އެއީ ރައްޔިތުންނަށް ފެނި ގަބޫލު ކުރެވެން ޖެހޭ ކަމަކަށް ވާއިރު، ސިޔާސީ ބޭނުންތަކަށް ފަނޑިޔާރުން ހިތުހުރި ގޮތަކަށް އަމަލު ކުރައްވާކަމީ އިންސާފު ގާއިމްކުރެވުން ކަމުގައި ރައްޔިތުންނަށް ނުދެކެވޭނެތީ، މިދާއިރާއިން އެކަންކަން އެންމެ މަތީ ދަރަޖައަށް ކުށްވެރިކުރާކަމުގައި ދަންނަވަމެވެ. އިންތިޚާބީ ރައީސް މުހަންމަދު ނަޝީދު ހައްޔަރުކުރުމުގައި ކޯޓު އަމުރު ނެރެފައިވަނީވެސް އަދި ފުލުހުން އަމަލުކޮށްފައިވަނީވެސް އެމަނިކފާނުގެ ސަޕޯޓަރުން ރުޅިއެރުވުމާ މުޖުތަމަޢުގައި ހަމަނުޖެހުން އުފެއްދުމަށާއި އިންސާފުން އެއްކިބާވެގެންކަން ފާހަގަކޮށް އެކަންކަންވެސް އިންތިހާއަށް ކުށްވެރިކުރަމެވެ.
ރައީސް މުހައންމަދު ނަޝީދު ހައްޔަރު ކޮށްގެން ކުޑަ ލޯންޗަކުން ބޮޑު ލޯންޗަކަށް ބަދަލުކޮށްގެން ހުވަދޫ ކަނޑު ހުރަސްކޮށް ފުލުހުން އެގެންދަނީ، ވަރަށް ކައިރީގައި އެއރޕޯޓެއް އޮއްވާކަމާ، ފުލުހުން އަންގައިފިނަމަ ވައިގެ މަގުން ގަޑިއެއްހާއިރު ތެރޭ މާލެ ވަޑައިގަންނަވާނެކަމުގައި ވަކީލުން މެދުވެރިކުރައްވައި ރަސްމީކޮށް ރައީސް ނަޝީދު ވިދާޅުވެފައި ވާއިރު، ކަނޑުމަގުން ފުލުހުން އެމަނިކުފާނު އެގެންދަނީ ކަނޑައެޅިގެން ސިޔާސީ ހަތުރުވެރިކަމާއި، ނަފްރަތާއި ނަފްސާނީ އަނިޔާ އިސްކޮށްގެން ކަމުގައި ދެކެމެވެ. ފުލުހުންގެ ބަޔަކު އަގަލުކުޑަގޮތަކަށް ރައީސް ނަޝީދު އެގެންދާ ވަކިތަނެއް އެމަނިކުފާނުގެ ޢާއިލާ އަށް، ނުވަތަ އެމަނިކުފާނުގެ ޕާޓީ އަށް މިހާތަނަސްވެސް އަންގާފަ ނެތްކަން އެއީ މިދާއިރާ އަށް ނިސްބަތްވާ ރައްޔިތުންގެ އިތުރުން ރާއްޖޭގެ ހުރިހާ ރައްޔިތުންގެހެން ކަންބޮޑުވުން މަތިވެގެންދާނެކަމެއްކަމުގައްޔާއި، މިއީ ކަނޑައެޅިގެން ގަސްދުގައި އަމަލުކުރަމުންގެންދިޔަ ގޮތްތަކެއްކަންވެސް ވަނީ ފާހަގަވެފައެވެ.
މިފުރުޞަތުގައި، ކޯޓުތަކާ ފުލުހުންގެ އަމަލުތައް އިންސާފާ، ހަމަހަމަކަމާ، ޤާނޫނާ ޤަވާއިދާ އެއްގޮތަށް އިސްލާހުކުރައްވައި އަދުލު އިންސާފަކީ އަމިއްލަ އެދުމާ ނަފްރަތުގެ ވަޞީލަތަކަށް ނުވަތަ ސިޔާސީ ހަތިޔާރަކަށް ނުހެއްދެވުމަށް ގޮވާލަމެވެ. އަދި ރައްޔިތުންނަށް މިފަދަ އަނިޔާއާ ހާސްކަމާ ބިރުވެރިކަން ކުރިމަތި ނުކުރުމަށާ އިންސާފުން އެއްކިބާނުވުމަށާ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓަށް ކުރިމަތިކުރުވަމުންގެންދާ ދަތިތައް ވަގުތުން ވަގުތަށް ހުއްޓާލުމަށް ގޮވާލަމެވެ.
ބަޔާން ނެރުނީ: ހުސެއިން އަމްރު
ފަރެސްމާތޮޑާ ދާއިރާގެ ރައީސް