ޤާނޫނާއި ޤަވާޢިދާއި ޚިލާފަށް އުފައްދާފައިވާ ހުޅުމާލޭ ކޯޓުން ކޮށްފައިވާ އަމުރެއްގެ ދަށުންކަމަށް ބުނެ މޯލްޑިވްސް ޕޮލިސް ސަރވިސްއިން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެނޑިޑޭޓް މުޙައްމަދު ނަޝީދު ހައްޔަރުކުރުމާއި ގުޅިގެން، އެކަމާއި ހިންހަމަނުޖެހުން ފާޅުކޮށް އެމްޑީޕީން އިޚްތިޖާޖް ކުރާނޭކަމަށް ޕާޓީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
ފުލުހުން ރައީސް ނަޝީދު ހައްޔަރު ކުރުމާއި ގުޅިގެން މިއަދު ހެނދުނު 10:45 ގައި އެމްޑީޕީ އޮފީހުގައި ބޭއްވެވި ނިއުސް ކޮންފަރެންސެއްގައި ރީކޯ މޫސަ ވިދާޅުވީ، ރައީސް ނަޝީދު ހައްޔަރު ކުރުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ ޢައިރު ޤާނޫނީ އަމުރުގެ މައްސަލާގައި މިއަދު އޮތް ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީން ހުށަހެޅި ޤަރާރު ވެސް މަޖިލީހުން ބަލައިގެންފައި ނުވާކަމަށެވެ. އަދި މިހާރު މި އޮތް “ބަޢާވާތުގެ ސަރުކާރު”ން ގެންދަނީ އެމްޑީޕީއާއި ޒާތީގޮތެއް ބަހައްޓައިގެން ޕާޓީ ފުނޑުފުނޑުކޮށްލާ ނެތި ކޮށްލުމަށް މަސައްކަތް ކުރަމުންކަމަށް ވެސް ރީކޯ މޫސަ ވިދާޅުވިއެވެ.
މި ނިއުސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަޙްމަދު ސަމީރު ވިދާޅުވީ، ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓްގެ މައްސަލަ ބޮޑުވެފައިވާއިރު ވެސް ސުޕްރީމް ކޯޓުން މިކަމާއި ގުޅޭގޮތުން އެއްވެސް އެއްޗެކޭ ނުބުނެ، ހުށަހެޅިފައިވާ މައްސަލަ ވެސް ކުރިއަށް ނުގެންދާތީ ހިތާމަކުރައްވާ ކަމަށެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މީހުން ޤަތުލުކޮށް އިންސާނިއްޔަތާއި ޚިލާފް ޢަމަލުތައް ކެނޑިނޭޅި ހިންގަމުން ދާއިރުވެސް ސިޔާސީ ބޭނުމެއް ފުއްދަން ރައީސް ނަޝީދުގެ ފަހަތުން މިހާރުގެ ސަރުކާރު އެނބުރޭތީ ހައިރާންވެ ވަޑައިގަންނަވާކަމަށް ވެސް ސަމީރު ވިދާޅުވިއެވެ.
ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަކީ ދިވެހިރާއްޖޭގެ ކޯޓުތަކާއި ބެހޭ ޤާނޫން ‘ޤާނޫން ނަންބަރު 2010/22’ގެ 53 ވަނަ މާއްދާގެ (ބ) އާއި ޚިލާފަށް އުފައްދާފައިވާ ކޯޓެކެވެ.