ރައީސް ނަޝީދު ހައްޔަރުކޮށްފި!

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެނޑިޑޭޓް މުޙައްމަދު ނަޝީދު މިއަދު ފަރެސްމާތޮޑާއަށް ވަޑައިގެންނެވިތަނުން ރަޔަޓް ގިޔަރު ފުލުހުންނާއި ކޯސްޓް ގާޑުން އެރަށަށް އަރާ ރައީސް ނަޝީދު ހައްޔަރުކޮށްފިއެވެ.

އެމްޑީޕީން ދެކުނުގެ ރަށްތަކަށް މިހާރު ކުރަން ގެންދާ ދަތުރުގައި ފަރެސްމާތޮޑާއަށް ވަޑައިގެންނެވީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ރައީސް ނަޝީދު ހައްޔަރުކުރެއްވި އިރު އެމަނިކުފާނު އިންނެވީ އެމްޑީޕީ ސަރުކާރުގެ ހޯމް މިނިސްޓަރ މުޙައްމަދު އަސްލަމުގެ ކޮޅުގައި ކަމަށް އެމްޑީޕީގެ ސައިޓަށް މަޢުލޫމާތު ލިބިފައިވެއެވެ. އަދި ފުލުހުން އެމަނިކުފާނު ހައްޔަރުކުރުމަށް ކަމަށް ބުނެ އެ ގެއަށް ވަދެ، ގެއަށް އެކި ވަރުގެ ގެއްލުންތައް ދީފައިވާކަމަށް އެރަށުން އެމްޑީޕީ ސައިޓަށް މަޢުލޫމާތުދިން ފަރާތަކުން ބުންޏެވެ.

ފުލުހުންނާއި އެކު ރުހުމުގައި އެމަނިކުފާނު ވަޑައިގަންނަވަން ހުންނެވި އިރު، ފުލުހުންގެ ފަރާތުން އެފަދަ އަންޕްރޮފެޝަނަލް ޢަމަލުތަކެއް ފެނިގެން ދިޔައީތީ ހިތާމަކުރައްވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ މެމްބަރު މުޙައްމަދު ނާޒިމް ވިދާޅުވިއެވެ.
ރައީސް ނަޝީދާއި އެކު މަޖިލިސް މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) އާއި އިލްޔާސް ލަބީބާއި ކުރީގެ މިނިސްޓަރު މުހައްމަދު އަސްލަމް ވެސް ވަނީ ހައްޔަރުކޮށްފައެވެ.