ނޫސްބަޔާން
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓް މުޙައްމަދު ނަޝީދު ހައްޔަރުކޮށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުކަމަށް ބުނާ ތަނަކަށް ޙާޟިރު ކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައްޗަށް ނެރެފައިވާ އަމުރާމެދު މިޕާޓީން އިންތިހާއަށް ކަންބޮޑުވަމެވެ.
ހުޅުމާލެ މެޖިސްޓްރޭޓް ކޯޓު ކަމަށް ބުނާ ތަނަކީ އެތަނުގެ ޤާނޫނީ ޞައްޙަކަމާމެދު ސުވާލު އުފެދި އެކަން ކަނޑައެޅުމަށް މީގެ ކުރިންވެސް ސުޕްރީމް ކޯޓަށް ހުށައަޅައި އެމައްސަލައާމެދު އަދި ވަކިގޮތެއް ނިންމާފައިވެސް ނުވާ ތަނެކެވެ.
އަދި ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުކަމަށް ބުނާ ތަނުގެ ޤާނޫނީ ޞައްޙަކަމާމެދު ހައިކޯޓުގައި ރައީސް ނަޝީދުގެ ފަރާތްޕުޅުންވެސް ގޮތެއް ކަނޑައެޅުމަށް މައްސަލަ ހުށައަޅައި އިސްތިއުނާފުގެ މަރުޙަލާ ހިނގަމުންދެއެވެ.
މީގެ އިތުރުން އެމްޑީޕީގެ ފަރާތުން ދުރާލައި ރާވައި އިންތިޒާމްކޮށް، އަދި އާންމުކޮށް އިޢުލާންކޮށްގެން ދެކުނުގެ އަތޮޅުތަކަށް ރައްޔިތުންގެ ބޮޑު ތަރުހީބާއެކު ރައީސް ނަޝީދު “ވަޢުދުގެ ދަތުރު” ގެ ނަމުގައި ކުރައްވާ ރިޔާސީ ކެމްޕޭނަަށް ހުރަސް އެޅުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުކަމަށް ބުނާ ތަނުން ތަކުރާރުކޮށް މަސައްކަތްކުރާކަން މި ޕާރޓީން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ. އެގޮތުން ރައީސް ނަޝީދު ހިފާ ހައްޔަރުކޮށްގެން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުކަމަށް ބުނާ ތަނަށް ޙާޟިރުކުރުމަށް މޯލްޑިވސްް ޕޮލިސް ސަރވިސްއަށް އަމުރުކޮށް އަދި އެގޮތުގެ މަތިން ފުލުހުން ރައީސް ނަޝީދު ގެންދިއުމަކީ މިޕާޓިން އެއްގޮތަކަށްވެސް ބަލައިގަންނާނެ ކަމެއް ނޫެނެވެ. އެމް.ޑީ.ޕީއަށް ނިސްބަތްވާ ގިނަ މެމްބަރުންނާއި އަދި މިޕާޓީއާށް ތާއީދު ކުރާ އެތައް ބަޔަކާއެކު ރައީސް ނަޝީދު ރިޔާސީ ކެމްޕޭންގެ ދަތުރުކުރައްވަމުން ގެންދަވަނިކޮށް ހައްޔަރުކޮށްގެން ގެންދިއުމަކީ އެންމެ މަސްލަހަތު އޮތްގޮތް ކަމުގައި މިޕާޓީން ނުދެކެމެވެ.
މަތީގައިވާ ކަންކަމަށް ރިޢާޔަތްކޮށް މިޕާޓީގެ އެންމެހައި މެމްބަރުންނާއި ޕާޓީގެ ގުނަންތަކުންނާއި މިޕާޓީއަށް ހެޔޮއެދޭ އެންމެހައި ފަރާތްތަކުން، މި ޕާޓީގެ ޤައުމީ ހިންގާ ކޮމެޓީން މީގެކުރިން ނިންމާފައިވާ ނިންމުމާ އެއްގޮތްވާގޮތުގެމަތިން ފުޅާދާއިރާއެއްގައި އެބަޔަކު ތިބިތަނަކުން އިޙްތިޖާޖުކުރުމަށް ގޮވާލަމެވެ. އަދި ހަމައެފަދައިން “ވަޢުދުގެ ދަތުރު” ގެ ކުރިއަށް ނުނިމި އޮތް ބައިގައި އިތުރު ގިނަ ބަޔަކު ބައިވެރިވެވަޑައިގަތުމަށް ގޮވާލަމެވެ.