ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކީ އެމްޑީޕީން ފަށާފައިވާ ތަރައްގީގެ މަޝްރޫއުތައް މި ސަރުކާރުން ހުއްޓާލާފައިވުން ކަމަށް އިންތި ވިދާޅުވެއްޖެ

އެމްޑީޕީގެ ވައުދުގެ ދަތުރުގައި މިހާތަނަށް 7 ދުވަހުގެ ތެރޭގައި ޖުމްލަ 13 ރަށަކަށް ދަތުރުކުރެވިފައިވާ އިރު، ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއެއްގެ ގޮތުގައި ފާހަގަކުރެވިފައިވަނީ އެމްޑީޕީގެ ސަރުކާރުން ފަށާފައިވާ ތަރައްގީގެ މަޝްރޫއުތައް މިހާރު ސަރުކާރާ ހަވާލުވެގެން ތިބި ފަރާތްތަކުން ހުއްޓާލާފައިވުން ކަމަށް އެމްޑީޕީގެ ސްޕޯކްސްޕާސަން އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެ އެވެ.

މިއަދު ގދ.ނަޑެއްލާ ބޭރުގައި، އެމްޑީޕީގެ ވައުދުގެ ދަތުރުގައި ބައިވެރިވާ ރޭވަ ދޯނީގައި ބޭއްވި ނޫސް ކޮންފަރެންސެއްގައި އިންތި ވިދާޅުވީ މިދަތުރުގައި ވަޑައިގަންނަވާ ހުރިހާ ރަށަކުންހެން ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައިވާ ޝަކުވާ ކުރަމުންދާ ކަމަށް ވިދާޅުވިއެވެ. އެގޮތުން ހުވަދު އަތޮޅުގެ މަރުކަޒީ ރަށް ކަމަށްވާ ތިނަދޫގައި އެމްޑީޕީގެ ސަރުކާރުން ގާއިމްކުރުމަށް މަސައްކަތްކުރަމުން ދިޔަ ހުރިހާ މަޝްރޫއެއް ހެން ހުއްޓިފައިވާކަމަށް އިންތި ވިދާޅުވިއެވެ. އެގޮތުން ޚާއްސަ ގޮތެއްގައި ތިނަދޫގެ ނަރުދަމާގެ މަސައްކަތް ހުއްޓިފައިވާކަން އިންތި ފާހަގަކުރެއްވިއެވެ.

އެމްޑީޕީގެ ވައުދުގެ ދަތުރަކީ އެ ޕާޓީން ދިވެހި ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދިފައިހުރި މިންވަރާއި، ރައްޔިތުން އިތުރަށް ބޭނުން ވަނީ ކޮންތައްތަކެއްތޯ އަހައި އޮޅުން ފިލުވުމަށް ކުރަމުންދާ ދަތުރެއް ކަމަށް ވިދާޅުވިއެވެ. އަދި މި ދަތުރުގައި އެމްޑީޕީގެ މެންބަރޝިޕް ފޯމު ފުރުމާއި، ޕޮލިސީ ވޯރކް ޝޮޕް ބޭއްވުމާއި، ދޮރުންދޮރަށް ހިނގުމާއި، އެމްޑީޕީގެ ޖަގަހަ އަދި ހަރުގެ ހުޅުވުން ފަދަ ކަންތައް ވެސް ހިމެނޭ ކަމަށް އިންތި ވިދާޅުވިއެވެ.

މި ޕްރެސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވި ރައީސް ނަޝީދުގެ ޕްރެސް ސެކްރެޓަރީ މުޙައްމަދު ޒުހައިރު ވިދާޅުވީ އިއްޔެ އެމްޑީޕީގެ ވައުދުގެ ދަތުރުގެ ޓީމް ތިނަދުއަށް ދިއުމުން އެރަށުން ފެނިގެންދިޔައީ މަތިވެރި އަޚްލާގުގެ ރީތި ނަމޫނާއެއް ކަމަށް ވިދާޅުވިއެވެ.