އެމްޑީޕީގެ ސިޔާސަތަކީ ނަޑެއްލާ ފަދަ ކުދި ރަށްތައް ފަޅުކުރުމެއް ނޫން. ތަރައްގީ ކުރުން: ރައީސް ނަޝީދު

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ސިޔާސަތަކީ ނަޑެއްލާ ފަދަ ކުދި ރަށްތައް ފަޅުކުރުމެއް ނޫން ކަމަށާއި، އެފަދަ ރަށްތައް ތަރައްގީކުރުން ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު މެންދުރު ނަޑެއްލާއަށް ވަޑައިގެން އެރަށު އެމްޑީޕީ ހަރުގޭގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މި ސަރުކާރާ ހަވާލުވެގެން ތިބި ފަރާތްތަކުން ކުދިރަށްރަށުން ބޮޑެތި ރަށްރަށަށް މީހުން ބަދަލުކުރުމުގެ ސިޔާސަތެއް ގެންގުޅޭ ކަމަށާއި، މިއީ 30 އަހަރުގެ ވެރިކަމުގައި ވެސް ގެންގުޅުނު ސިޔާސަތެއް ކަމަށް ވިދާޅުވިއެވެ. އެހެން ނަމަވެސް އެމްޑީޕީގެ ސިޔާސަތަކީ ކުދިރަށްތައް ފަޅުކުރުމުގެ ބަދަލުގައި އެރަށްތައް ފަޅުކުރުމުގެ ބަދަލުގައި ތަރައްގީކުރުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ކުދި ރަށްތައް ފަޅުކުރުމުގެ ބަދަލުގައި އެރަށްރަށުން ކޮންމެހެން ފޯރުކޮށްދޭން ޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ފަހު ކައިރީގައިވާ ބޮޑެތި ރަށްރަށާއި ފެރީގެ ނިޒާމުން ގުޅާލުމަކީ އެމްޑީޕީގެ ސިޔާސަތު ކަމަށާއި، ނަޑެއްލާ އާއި އެހެން ރަށްރަަށް އިތުބާރުހުރި ފެރީގެ ނިޒާމަކުން ގުޅާލުމަކީ ކުރިޔަށް އޮތް 2013 ވަނަ އަހަރުގެ އިންތިޚާބީ ވައުދެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ނަޑެއްލާގެ ގިނަ އަދަދެއްގެ ޒުވާނުން ކޫއްޑޫގައި މަސައްކަތްކުރާއިރު، އެ ޒުވާނުންނަށް މަސައްކަތް ނިންމާލުމަށްފަހު އަމިއްލަ ރަށުގައި ރޭ ކުރުމަށްފަހު އެނބުރި ޖެހިގެން އަންނަ ދުވަހު ކޫއްޑޫއަށް ދެވޭނޭ ގޮތް އެމަނިކުފާނުގެ ވެރިކަމެއްގައި ހައްދަވައިދެއްވާނޭ ކަމަށެވެ.

ނަޑެއްލާއަށް ނާސަރީ މަދަރުސާއެއް (ޕްރީ ސްކޫލެއް) ބޭނުންވެފައިވާކަން އެނގިވަޑައިގަންނަވާ ކަމަށް ވެސް މިއަދުގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ރާއްޖޭގައި ވަޒީފާ ނެތިފައި ތިބި މީހުންގެ ނިސްބަތް ވަރަށް މަތިކަމަށާއި،އެހެން ކަމުން އެމްޑީޕީގެ އެންމެ ބޮޑު އެއް އަމާޒަކީ މިހާރު 25 އިންސައްތައިން މަތީގައިވާ އަންއެމްޕްލޯއިމަންޓް ރޭޓް 10 އިންސައްތައަށް ވުރެ ދަށްކުރުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އަދި ރައީސް ނަޝީދުގެ ސަރުކާރުން ފަށާފައިވާ އިޖުތިމާޢީ ރައްކާތެރި ކަމުގެ ނިޒާމުގައި ހިމެނޭ އާސަންދައިން 300 މިލިއަން ރުފިޔާ އުނިކުރުމަަށް މި ސަރުކާރާ ހަވާލުވެގެން ތިބި ފަރާތްތަކުން މަސައްކަތްކުރާތީ އެކަން އެމަނިކުފާނު ކުށްވެރިކުރެއްވިއެވެ. މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ ތަރައްގީގެ ފިކުރަކީ އެމްޑީޕީގެ ފިކުރެއް ކަމަށާއި، އެމަނިކުފާނުގެ ވިސްނުންފުޅަކީ އަބަދުވެސް ރައްޔިތުންގެ ޖީބަށް ވަންނަ ފައިސާ އިތުރުކުރެވޭނޭ ގޮތް ހޯދައި ރައްޔިތުންގެ އަތްމަތި ތަނަވަސްކުރުމުގެ ވިސްނުންފުޅު ކަމަށް ވިދާޅުވިއެވެ. އަދި ނަޑެއްލާ އަށް ވަޑައިގަންނަވާ ކޮންމެ ފަހަރަކުވެސް ނަޑެއްލާ އާއި އެއްފަަޅެއްގައިވާ ފަޅުރަށްރަށުގެ މުއްސަނދިކަން އެމަނިކުފާނަށް ފާހަގަކުރެއްވޭ ކަމަށާއި، މަޑަވެއްޔާއި، ހޯނޑެއްދޫ އާއި، ނަޑެއްލާ، ރަތަފަންދޫ އަދި ފިޔޯރީގެ ފަޅުގައިވާ ފަޅުރަށްތަކުން އެރަށްރަށަށް ހޯދައިދެވިދާނޭ ތަނަވަސްކަން ތަސައްވުރުކުރެއްވޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުވުމުގައި ނަޑެއްލާ އެމްޑީޕީ މެދުމިން ގޮފީގެ ރައީސް ހަމްދޫން ރަޝީދާއި، ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ މެންބަރ މުޙަންމަދު ނާޒިމް ވެސް ވާހަކަދެއްކެވިއެވެ. އަދި ޝައިޚް ހުސައިން ރަޝީދު އަހުމަދު ތަރުޖަމާކުރައްވާފައިވާ ސަހީހް މުސްލިމް ހަދީސް ފޮތް ނަޑެއްލާ ސްކޫލާއި ހަވާލުކުރެއްވިއެވެ. ނަޑެއްލާ ސްކޫލާއި މިފޮތް ހަވާލުކޮށްދެއްވީ ނާޒިމް އެވެ. ފޮތާއި ހަވާލުވެލެއްވީ ނަޑެއްލާ ސްކޫލް ބޯރޑުގެ ޗެއަރޕާސަން އާމިރާ އިބްރާހީމް އެވެ.

ނަޑެއްލާ އެމްޑީޕީ ހަރުގޭގައި ބަހައްޓާފައިވާ ފަންޑު ފޮއްޓަށް ވެސް ރައީސް ނަޝީދާއި، އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި އެމްޑީޕީގެ ބައެއް އިސް ބޭފުޅުން ވަނީ ފައިސާ ހަދިޔާކުރައްވާފައެވެ.
އެމްޑީޕީގެ ވައުދުގެ ދަތުރުގެ ޓީމް މިހާރު ވަޑައިގެން އުޅުއްވަނީ ގދ.ރަތަފަންދޫ ގައެވެ.