25 އަހަރުގެ ކުރިން ޖީއެމްއާރް އަތުން އެއަރޕޯޓް އަތެއް ނުލެވޭނެ: ރީކޯ މޫސަ

ޖީއެމްއާރް އިންޓަނޭޝަނަލް އެއަރ ޕޯޓް އަތުލުމަށް އިނދިކޮޅު ފަރާތްތަކުން ކިތަންމެ މަސައްކަތެއް ކުރިޔަސް ކުރިއަށް އޮތް 25 އަހަރު ދުވަހުގެ ތެރޭގައި އެކަން ނުކުރެވޭނޭކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން މިހާރު ކުރަމުން ގެންދާ ވަޢުދުގެ ދަތުރުގައި ރޭ ގދ. ތިނަދޫ އެމްޑީޕީ ހަރުގެ ސަރަޙައްދުގައި ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރީކޯ މޫސާ ވިދާޅުވީ، އިންޑިއާގެ ޖީއެމްއާރުން ހިންގަމުންގެންދާ އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓް އަތުލުމަށް އުމަރު ނަސީރާއި އެކު އިއްތިހާދުން ނިކުތް ނަމަވެސް އެއަރޕޯޓް އަތުލުމުގެ ހިތްވަރު އެމީހުންގެ ކިބައިގައި ނެތްކަމަށެވެ.

މޫސަ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ރާއްޖޭގައި އިންޑިއާގެ ކުންފުންޏަކުން ކޮށްފައިވާ އިންވެސްޓްމަންޓަކާއި ދެކޮޅަށް ތެދުވިއިރު އެއިންވެސްޓްމަންޓަކީ ރާއްޖޭގައި މިހާތަނަށް ކޮށްފައިވާ އެންމެ ބޮޑު އިންވެސްޓްމަންޓްވެސްކަމުގައެވެ. އަދި އިދިކޮޅު އިއްތިހާދުގައިތިބި މަހުޖަނުން އިންޑިއާގެ އިންވެސްޓްމަންޓަކާއި ދެކޮޅަށް ހަރަކާތްތެރިވާއިރު އެމީހުން މުއްސަނދިވެފައިވަނީ ސްޓޭޓްބެންކް އޮފް އިންޑިއާއިން ނަގާފައިވާ ބޮޑެތި ލޯނުތަކުންކަމަށްވެސް މޫސަ ވިދާޅުވިއެވެ.

އިނދިކޮޅު ފަރާތްތަކުން އިންޑިއާގެ ޖީއެމްއާރް ބޭރުކޮށްލަން ހުއްޓުމެއް ނެތި މަސައްކަތް ކުރަމުން ދާއިރު ބޭރުގެ އިންވެސްޓްމަންޓުތަކަށް ފަހިވާނެ ފަދަ ވެއްޓެއް ރާއްޖޭގައި ބޭއްވުމަށް އިންޑިއާގެ ސަރުކާރުން ވަނީ ގޮވާލާފައެވެ.