ކޮންމެ ރަށަކުން ވެސް ފެންނަމުންދިޔައީ އިންތިޚާބީ ވެރިއަކަށް ބޭނުންވެފައިވާ ކަން – ރައީސް ނަޝީދު

ވައުދުގެ ދަތުރުގައި މިހާތަނަށް ވަޑައިގެންނެވުނު ހުރިހާ ރަށަކުން ވެސް ފެނިވަޑައިގަތީ އިންތިޚާބީ ވެރިއަކު އެރައްޔިތުންގެ މައްޗަށް ވެރިކަން ކުރުމަށް ނުހަނު ބޭނުންވެފައިވާ މަންޒަރު ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު ހެނދުނު ގދ.ހޯނޑެއްދޫއަށް ވަޑައިގެން އެރަށު ބަނދަރު ސަރަހައްދުގައި ހޯނޑެއްދޫ އެމްޑީޕީ ސަޕޯޓަރުންނާ ބައްދަލުކުރައްވައި ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގައި ޑިމޮކްރެޓިކް ވެރިކަމެއް ގާއިމްކުރެވުނީ އެތައް ޒަމާނެއްގެ މަސައްކަތެއް ފަހު ކަމަށާއި، އެހެން ނަމަވެސް ވިޔަފާރިވެރިންނާއި، ވެރިކަމަށް ދަހިވެތިވެފައިވާ ބަޔަކު އެކުވެ އެ ޑިމޮކްރެޓިކް ވެރިކަން ގަނޑުބަޑުކޮށްފި ކަމަށެވެ. އަދި ރާއްޖޭގެ ރައްޔިތުން ބޭނުންވަނީ ޚުދުމުޚްތާރު ވެރިކަމުގެ ތަޖުރިބާ އެއް ނޫން ކަމަށާއި، ޑިމޮކްރެޓިކް ވެރިކަމުގެ ނިޒާމުގެ ތަޖުރިބާހުރި ވެރިން ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ ވައުދުގެ ދަތުރުގައި ހޯނޑެއްދޫގައި ވެސް ވަނީ އެހެން ރަށްރަށެކޭ އެއްފަދައިން ދޮރުން ދޮރަށް ހިނގައި، ރައްޔިތުންގެ ބޭނުންތައް އޮޅުންފިލުވާފައެވެ. އަދި ހޯނޑެއްދޫ ސްކޫލަށް ވެސް ސަހީހް މުސްލިމް ފޮތުގެ ދިވެހި ތަރުޖަމާ ރައީސް ނަޝީދު ހަދިޔާކުރެއްވިއެވެ. މިފޮތާއި ހޯނޑެއްދޫ ސްކޫލުގެ ފަރާތުން ހަވާލުވެލެއްވީ އެ ސްކޫލުގެ ދިވެހި މުދައްރިސް މުއާޒް މުހައްމަދު (މޯލާ) އެވެ.
ހޯނޑެއްދުއަށް ފަހު އެމްޑީޕީގެ ވައުދުގެ ދަތުރުގެ ބައިވެރިން މިއަދު މެންދުރުފަހު އެއަތޮޅު މަޑަވެއްޔަށް ވެސް ޒިޔާރަތްކުރިއެވެ. މަޑަވެލީގައި ދޮރުންދޮރަށް ހިންގެވުމުގައި ރައީސް ނަޝީދު ވެސް ބައިވެރިވެވަޑައިގެން ބައެއް ގޭގެއަށް ވަޑައިގެން ރައްޔިތުންގެ ހާލުބައްލަވާލެއްވިއެވެ.

ވައުދުގެ ދަތުރުގައި މިއަދުގެ ނިޔަލަށް އެމްޑީޕީން ވަނީ ގއ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކާއި، ގދ. ހޯނޑެއްދޫ، މަޑަވެލި އަދި ތިނަދޫއަށް ޒިޔާރަތްކޮށްފައެވެ.