ނޫސްބަޔާން: އެމްޑީޕީގެ ވައުދުގެ ދަތުރަށް ހުރަސްއެޅުން ކުށްވެރިކުރުން

ނޫސް ބަޔާން

އެމްޑީޕީގެ ވައުދުގެ ދަތުރުގެ ބައިވެރިން ދަތުރުކުރަމުން ދިޔަ ދޯނިތަކަށް، 5 އޮކްޓޯބަރ 2012 ވީ ހުކުރު ދުވަހު، ރައްޔިތުންގެ މަޖިލީހުގެ މެންބަރު އިލްހާމް އަހުމަދު ނިސްބަތްވާ ގެމަނަފުށީ ދާއިރާގެ 2 ރަށް ކަމަށްވާ ގއ.ގެމަނަފުއްޓާއި، ކަނޑުހުޅުދޫ އިން ހުރަސް އަޅައި، އެމްޑީޕީގެ ވައުދުގެ ދަތުރުގައި ބައިވެރިވެވަޑައިގެންނެވި ރައީސް މުޙަންމަދު ނަޝީދުގެ ކެބިނެޓްގެ އެޑިއުކޭޝަން މިނިސްޓަރުކަން ކުރައްވާފައިވާ، ގައުމީ ޔުނިވަރސިޓީގެ ފުރަތަމަ ޗާންސެލަރ ޑރ.މުސްތަފާ ލުތުފީއަށް ގއ.ކަނޑުހުޅުދޫ ގައި ހަމަލަދީފައިވާތީ އެކަން މި ޕާޓީން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ. އަދި އެކަމުގެ ހެކިތައް ލިބިފައިވާތީ އެމައްސަލަ މި ޕާޓީން މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ހުށަހަޅާނޭ ވާހަކަ ދަންނަވަމެވެ.

އެމްޑީޕީން ވައުދުގެ ދަތުރުގައި އިއްޔެގެ ހެނދުނުގެ ވަގުތެއްގައި ގއ. ގެމަނަފުއްޓަށް ކުރި ޒިޔާރަތުގައި މި ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ރާއްޖޭގެ ފުރަތަމަ ޑިމޮކްރެޓިކް ރައީސް، ރައީސް މުޙަންމަދު ނަޝީދު ވެސް އެދަތުރުގައި ބައިވެރިވެވަޑައިގަންނަވަމުން ގެންދަވަނިކޮށް، މިހާރުގެ ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން އެ ރަށުގެ ނެރުން ނުވަދެވޭނޭހެން ނެރުމަތީގައި ލަކުޑިގަނޑެއް އައްސައި، އަދި ނެރުމަތީގައި އޯކިޑް 101 ކިޔާ ދޯންޏެއް ހުރަސްކޮށްފައި ބާއްވާފައިވުމުގެ ސަބަބުން ގެމަނަފުއްޓަށް އެރުމުގައި ގިނަ ދަތިތަކެއް ކުރިމަތިވެ، އެތައް ވަގުތެއް ބޭކާރުވެގެން ދިޔައިރު، އިއްޔެ ހުކުރު ނަމާދަށްފަހު އެމްޑީޕީގެ ވައުދުގެ ދަތުރުގެ ޓީމް ގއ.ކަނޑުހުޅުދޫއަށް ދިޔައިރު، ސީހޯރސް ނަމަކަށް ކިޔާ ދޯންޏެއް، ނެރު ބައްދައި، 10 ވަރަކަށް މީހުން ތިބި އެދޯނީގައި ތިބި ފަރާތްތަކުން އެމްޑީޕީގެ ވައުދުގެ ދަތުރުގައި ދިޔަ ޓީމާ މުޚާތަބުކޮށް ނެރުމަތީގައި ހަޑިހުތުރު ބަހުން މުޚާތަބުކޮށް އެމްޑީޕީގެ މެންބަރުންނަށް މަރުގެ އިންޒާރުދީފައިވާ ކަން މި ޕާޓީން ފާހަގަކުރަމެވެ.

މި ފުރުސަތުގައި ނެރުމަތީގައި އެތައް ގަޑިއިރެއް ހޭދަކުރަން ޖެހުނު ނަމަވެސް އެމްޑީޕީގެ ވައުދުގެ ދަތުރުގެ ޓީމުން ދައްކާފައިވާ ކެތްތެރިކަމާއި، ޙިކުމަތްތެރިކަމާއި، ސުލްހަވެރިކަމަށްޓަކައި ދަތުރުގެ އެންމެހާ ބައިވެރިންނަށް މި ޕާޓީން ނުހަނު އިޚްލާސްތެރިކަމާ އެކު ޝުކުރުދަންނަވަމެވެ.

ދިވެހިރާއްޖޭގެ ޤާނޫނު އަސާސީން ދިވެހިރައްޔިތުންނަށް ލިބިދީފައިވާ ދަތުރުފަތުރުކުރުމުގެ މިނިވަން ކަމަށް ހުރަސްއެޅުމަކީ ޖިނާއީ ބޮޑުކުށެއް ނަމަވެސް ސިޔާސީ ވާދަވެރިފަރާތްތަކުން މިމަގުން މަސައްކަތްކުރަމުން ދާތީ އެކަން މި ޕާޓީން ނުހަނު ކަންބޮޑުވުމާ އެކު ފާހަގަކޮށް، ގެމަނަފުއްޓާއި ކަނޑުހުޅުދޫގައި ހިންގި މި ނާތަހުޒީބު އަމަލުތަކުގެ ސަބަބުން މިޕާޓީއަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށާއި، މި ކަމުގައި ހިންގާފައިވާ ޖިނާއީ ކުށްތަކަށް އިންސާފު ހޯދުމަށް މި ދެންނެވި އަމަލުތައް ހިންގި ފަރާތްތަކުގެ އަމަލުތައް ތަހުގީގުކޮށް ކަމާއި ބެހޭ ފަރާތްތަކަށް ހުށަހެޅުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް ގައި މި ޕާޓީން އެދޭނޭކަމުގައި ދަންނަވަމެވެ.

އަދި ހަމަ އެހެންމެ ޚިޔާލު ފާޅުކުރުމާއި، އެއްވެ އުޅުމާއި، ސުލްހަވެރި ސިޔާސީ ހަރަކާތްތައް ހިންގުމުގެ ފުރިހަމަ މިނިވަންކަން ދިވެހިޖުމްހޫރިއްޔާގެ ގާނޫނު އަސާސީން ދިވެހި ކޮންމެ ރައްޔިތަކަށްމެ ކަށަވަރުކޮށްދީފައިވީ ހިނދު، ސުލްހަވެރި ސިޔާސީ ހަރަކާތްތަކާ ދިމާކޮށް، ކުރިމަތިލުންތަކާއި ހަމަނުޖެހުމާއި، ހުރަސްއެޅުމާއި، މާރާމާރީގެ ޢަމަލުތައް ނުހިންގެވުމަށް ވާދަވެރި ހުރިހާ ސިޔާސީ ފަރާތްތަކަށް މި ޕާޓީން ގޮވާލަމެވެ.