ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާ ގުޅޭ އިސްތިއުނާފްގެ މައްސަލައެއް ރައީސް ނަޝީދުގެ ފަރާތްޕުޅުން ހައިކޯޓަށް ހުށަހަޅުއްވަނީ

އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް އަދި މި ޕާޓީގެ އެންމެ އިސް ލީޑަރ އަލްފާޟިލް މުޙައްމަދު ނަޝީދުގެ މައްޗަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާ ގުޅޭ އިސްތިއުނާފްގެ މައްސަލައެއް މިހާރު ދިވެހިރާއްޖޭގެ ހައި ކޯޓަށް ރައީސް ނަޝީދުގެ ފަރާތްޕުޅުން ހުށަހަޅުއްވަން ނިންމަވާފައިވާތީ، އެ މައްސަލާގައި ދިވެހިރާއްޖޭގެ ހައި ކޯޓަށް ވަޑައިގަތުމަށް އެމަނިކުފާނު ހުންނެވީ ތައްޔާރަށްކަމަށް އެ މަނިކުފާނު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނުގެ މައްޗަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި މީގެ ކުރިން އެމިކުފާން އެ ކޯޓަށް (ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓް) ހާޒިރުވުމުގެ އަމުރު ވަނީ ނެރެފައެވެ. ނަމަވެސް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓް އުފައްދާފައިވާގޮތުގެ ޤާނޫނީ ސައްޙަކަމާއި މެދު ރައީސް ނަޝީދުގެ ލޯޔަރުން ވަނީ ސުވާލު އުފައްދަވައި، ޤާނޫނީ ޙުއްޖައި ދައްކަވައި އެ ކޯޓަކީ ސައްޙަ ކޯޓެއް ނޫންކަމަށް ވިދާޅުވެފައެވެ. އަދި އެގޮތުގެ މަތިން ރައީސް ނަޝީދު އެ ކޯޓަށް (ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓް) ޙާޒިރުވެވަޑައެއް ނުގަންނަވައެވެ. ނަމަވެސް މިހާރު ހައި ކޯޓަށް ހުށަހަޅުއްވަން ނިންމަވާފައިވާ މައްސަލާގައި ހައި ކޯޓަށް ޙާޒިރުވެ ވަޑައިގެން އެއްބާރުލުން ދެއްވާނެކަމަށް މިއަދު ގދ.ހޯޑެއްދޫގައި އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ޝަރުޢީ ޢަދުލުގެ ނިޒާމާ މެދު ގިނަ ރައްޔިތުންނާއި ބައިނަލްއަޤްވާމީ އެކިއެކި ފަރާތްތަކުން ދަނީ އަބަދުމެ ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. އަދި ކޯޓުތަކުން އިންސާފް ނުލިބޭނޭކަމުގެ ޝަކުވާ އަބަދުމެ ރައްޔިތުން ކުރަމުންދެއެވެ.