ރައީސް ނަޝީދުގެ އޮފީހުން ނެރުއްވާ ނޫސް ބަޔާން


ރައީސް މުހަންމަދު ނަޝީދުގެ އޮފީސް
ގ.ކެނެރީގެ
މާލެ، ދިވެހިރާއްޖެ

ނޫސްބަޔާން

7 އޮކްޓޯބަރ 2012 ވަނަ ދުވަހު ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގައި ހިންގުމަށް ހަމަޖެހިފައިވާ ޝަރީޢަތުގެ މަޖިލީހަކަށް ރައީސް މުޙަންމަދު ނަޝީދު ހާޒިރުކޮށްދިނުމަށް އަންގައި، އެ ކޯޓުން މޯލްޑިވްސް ޕޮލިސް ސަރވިސްއަަށް އަމުރެއް ނެރެފައިވާ ކަމުގެ މައުލޫމާތު ވަނީ މި އޮފީހަށް މީޑިއާ އިން ލިބިފައެވެ.

އެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމަށް ހާޒިރުވުމަށް އަންގާ ކޯޓު އަމުރު ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ރައީސް ނަޝީދާ ހަމައަށް މިއަދާ ހަމައަށް ވެސް ފޮނުވާފައި ނުވެއެވެ. އަދި 7 އޮކްޓޯބަރ 2012 ވަނަ ދުވަހު ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގައި، ހިންގުމަށް ހަމަޖެހިފައިވާ ޝަރީޢަތުގެ މަޖިލީހަށް ރައީސް ނަޝީދު ހާޒިރުކޮށްދިނުމަށް، އެ ކޯޓުން މޯލްޑިވްސް ޕޮލިސް ސަރވިސް އަށް އަމުރެއް ނެރެފައިވާ ކަމުގެ މައުލޫމާތު މީޑިއާއިން ލިބިވަޑައިގަތުމުން، ރައީސް ނަޝީދު އެނބުރި މާލެ ވަޑައިގަންނަވަނީ 13 އޮކްޓޯބަރ 2012 ވާ ހޮނިހިރު ދުވަހު ކަމާއި، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގައި ހިންގެވުމަށް ހަމަޖެހިފައިވާ މައްސަލަ އެ ތާރީޚްގެ ފަހުގެ ތާރީޚަކަށް ތާވަލުކޮށްދެއްވުމަށާއި، ތާވަލުކުރައްވާ ތާރީޚަށް ރައީސް ނަޝީދު ކޯޓަށް ހާޒިރުވެވަޑައިގަންނަވާނޭ ވާހަކަ ރައީސް ނަޝީދު އެ ކޯޓުގައި ވާނީ ލިޔުމުން ދަންނަވާފައެވެ. މީގެ އިތުރުން މި ވާހަކަ ވާނީ މޯލްޑިވްސް ޕޮލިސް ސަރވިސް ގައި ވެސް ދަންނަވާފައެވެ.

5 އޮކްޓޯބަރ 2012