ސިޔާސީ ޕާޓީތަކުގެ ވާދަވެރިކަމަކީ ހަމައެކަނި ސިޔާސީ މަސައްކަތުގައި އޮންނަން ޖެހޭ ވާދަވެރިކަމެއް ކަމުގައި ރައީސް ނަޝީދު ވިދާޅުވެއްޖެ

ސިޔާސީ ޕާޓީތަކުގެ ވާދަވެރިކަމަކީ ހަމައެކަނި ސިޔާސީ މަސައްކަތުގައި އޮންނަން ޖެހޭ ވާދަވެރިކަމެއް ކަމުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިރޭ ދެއްވަދޫ އެމްޑީޕީ ހަރުގެ ކުރިމަތީގައި ބޭއްވި ވައުދުގެ ދަތުރުގެ ޖަލްސާ ގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ސިޔާސީ ވާދަވެރިކަމުގައި އެއް ޕާޓީއަކުން އަނެއް ޕާޓީގެ މަސައްކަތަށް ހުރަސްއަޅައި ހަދަމުންދާ ކަމަށާއި، ވައުދުގެ ދަތުރުގައި ވެސް އެފަދަ ބައެއް ކަންތަކާއި ދިމާވެފައިވާ ކަމަށެވެ. އެހެން ނަމަވެސް ދެއްވަދޫގެ ސިޔާސީ ވާދަވެރި ފަރާތްތަކުން ދައްކާފައިވަނީ “މަޑުމައިތިރި ތަހުޒީބުގެ” ވަރަށްރީތީ ނަމޫނާއެއް ކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދު މިރޭ ދެއްކެވި ވާހަކަފުޅުގައި ދެއްވަދޫ ރަސްގެފާނަށް ރަސްކަން ލިބިވަޑައިގެންނެވި ގޮތާއި، އެރަސްގެފާނު ވެރިކަންކުރެއްވުމުގައި ބެހެއްޓެވި ދީލަތިކަމުގެ މައްޗަށް ބައްލަވާލެއްވިއެވެ. އެ ގޮތުން އެރަދުންގެ ދީލަތިކަމުގެ ސަބަބުން ރާއްޖެއަށް ފޮރިންގ އިންވެސްޓްމެންޓްގެ ދޮރުހުޅުވިގެން ދިޔަ ކަމަށް ވިދާޅުވިއެވެ. އަދި ބޮޑެތި އަދަބު ދިނުމާއި، “އަންހެނުން ވިއްކުން” ހުއްޓުވީ އެރަދުން ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ޑރ.އަފްރާޝީމް އަލީ ވަރަށް އަނިޔާވެރި ގޮތަކަށް އަވަހާރަކޮށްލި މައްސަލައިގެ ތަހުގީގު އެކަށީގެންވާ ގޮތަކަށް ނުދާތީ އެކަމާ ހިތާމަކުރައްވާ ކަމަށް ވެސް ރައީސް ނަޝީދު މިރޭގެ ޖަލްސާ ގައި ވިދާޅުވިއެވެ.

ރައީސް ނަޝީދު މިރޭ ދެއްކެވި ވާހަކަފުޅުގައި ހުވަދު އަތޮޅުގައި މަސްވެރި ބޮޑެތި ރަށްރަަށް ހުއްޓައި، ދެއްވަދޫގެ ބަނދަރުހެދުމަށް ޚާއްސަ އަހަމިއްޔަތު ކަމެއްދެއްވީ ދެއްވަދޫ އަކީ ދުނިޔޭގައި އޮތް އެންމެ ބޮޑު އަތޮޅުގެ މެދުގައި އޮތް ރަށް ކަމަށް ވާތީ ކަމަށާއި، އަތޮޅުގެ ދިމާ މެދުގައި އޮންނަ ރަށަކީ އާންމު ގޮތެއްގައި ގިނަ ބަޔަކު އެކިކަންކަމުގައި މަޑުކުރަންޖެހޭ ޓްރާންސިޓް ބަނދަރަކަށްވާތީ ކަމަށް ވިދާޅުވިއެވެ.

މިރޭގެ ޖަލްސާ ގައި ދެއްވަދޫގެ ކުރީގެ ކައުންސިލަރ ސައީދު ހަސަން އާއި އެމްޑީޕީގެ ސްޕޯކްސްޕާސަން އިންޓަރނޭޝަނަލް އަދި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު އަބްދުލް ޣަފޫރު ވެސް ވާހަކަދެއްކެވިއެވެ. މި 2 ބޭފުޅުންގެ ވާހަކައިގައި ވެސް ކުރު މުއްދަތެއްގެ ތެރޭގައި ރައީސް ނަޝީދު ރާއްޖެއަށް ގެނެސްފައިވާ ތަރައްގީގެ މައްޗަށް ބައްލަވާލެއްވިއެވެ.

ހާމިދު ވިދާޅުވީ 2008 ވަނަ އަހަރު އެމްޑީޕީއަށް ލިބުނީ ދަރާފައި އޮތް ގައުމެއް ކަމަށާއި، އެ ދަރަނިން ސަލާމަތް ވުމަށް އެމްޑީޕީ ސަރުކާރުން ކުރަމުން އައި މަސައްކަތް މިވީ 8 މަސްދުވަހުގެ ތެރޭގައި މިހާރުގެ ސަރުކާރާ ހަވާލުވެގެން ތިބި ފަރާތްތަކުގެ ސަބަބުން ފަހަތަށް ސޮއްސާލާފައިވާ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕް (ޕީޕީޕީ)ގެ ދަށުން ތަރައްގީގެ މަސައްކަތް ހިންގުމުގެ ފައިދާ ކޫއްޑޫ އެއަރޕޯޓުން އެކަނި ވެސް ފެންނަ ކަމަށް ވިދާޅުވިއެވެ. އަދި ލާމަރުކަޒީ އުސޫލުގެ ދަށުން ކައުންސިލްތައް އުފައްދަވައި، ކުރިން ރައީސް އައްޔަންކުރައްވާ ރައީސަށް ޖަވާބުދާރީވާ ގޮތަށް އޮންނަ ކަތީބުން އައްޔަންކުރުން ހުއްޓަވާލައްވައި، ރައްޔިތުންގެ ވޯޓުން ރައްޔިތުން އިންތިޚާބުކުރާ އަދި ރައްޔިތުންނަށް ޖަވާބުދާރީވާން ޖެހޭ ކައުންސިލަރުން ހޮވާ ގޮތަށް ރައީސް ނަޝީދުގެ ސަރުކާރުން ހަމަޖެއްސެވިކަން ފާހަގަކުރެއްވިއެވެ.

މިރޭގެ ޖަލްސާގައި ސަހީހް މުސްލިމް ފޮތުގެ ދިވެހި ތަރުޖަމާ ދެއްވަދޫ މަދަރަސަތުއް ސުލްތާން މުޙައްމަދަށް ހަދިޔާކުރުން އޮތެވެ. ރައީސް ނަޝީދުގެ ފަރާތުން އެ ސްކޫލަށް މި ފޮތް ހަދިޔާ ކުރެއްވީ މަޑަވެލި ދާއިރާގެ މެންބަރު މުޙަންމަދު ނާޒިމް އެވެ. ސްކޫލުގެ ފަރާތުން ފޮތާ ހަވާލުވެވަޑައިގެންނެވީ އެ ސްކޫލުގެ ލީޑިންގ ޓީޗަރ މުޙަންމަދު ޖިހާދު އެވެ.

މިރޭގެ ޖަލްސާ އަށް ފަހު ދެއްވަދޫ އެމްޑީޕީ ހަރުގެއާއި އެ ހަރުގެ އާއި އިންވެގެން ހަދާފައިވާ “އިނދޯލިގެ” ރައީސް ނަޝީދު ވަނީ ހުޅުއްވައިދެއްވާފައެވެ.

އެމްޑީޕީގެ ވައުދުގެ ދަތުރުގެ ހުވަދު އަތޮޅު އުތުރުބުރީގެ އެންމެ ފަހު މަންޒިލެއްގެ ގޮތުން ދެއްވަދޫއަށް މިރޭ ޒިޔާރަތްކުރިއިރު، މާދަމާ އެއަތޮޅު ދެކުނުބުރީގެ ރަށްރަށަށް ޒިޔާރަތްކުރަން ފަށާނެއެވެ. އެގޮތުން މާދަމާ ހެނދުނު އެންމެ ފުރަތަމަ ޒިޔާރަތް ކުރާނީ ހޯނޑެއްދޫ އާއި މަޑަވެއްޔަށެވެ. އެއަށް ފަހު މާދަމާ ހަވީރު ތިނަދޫއަށް ޒިޔާރަތް ކުރާނެއެވެ.

އެމްޑީޕީގެ ވައުދުގެ ދަތުރުގެ 5 ވަނަ ޖަލްސާ މާދަމާރޭ ތިނަދޫ ގައި އޮންނާނެއެވެ.