ސިޔާސީ ޕާޓީތަކުގައި ބައިވެރިވެ އުޅުމަކީ ގައުމު ބިނާކުރުމުގެ މަސައްކަތުގައި ބައިވެރިވުން – އަލީ ޝިޔާމް

ސިޔާސީ ޕާޓީތަކުގައި ބައިވެރިވެ އުޅުމަކީ ގައުމު ބިނާކުރުމުގެ މަސައްކަތުގައި ބައިވެރިވުން ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ނައިބު އިދާރީ އަލީ ޝިޔާމް ވިދާޅުވެއްޖެއެވެ.

ދެއްވަދޫ އެމްޑީޕީ ހަރުގެ ކުރިމަތީގައި މިރޭ ބޭއްވި އެމްޑީޕީގެ ޖަލްސާ ގައި އަލީ ޝިޔާމް ވިދާޅުވީ ގައުމީ ތަރައްގީގެ މަޝްރޫއުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހިމެނުމަށް ފުރުސަތު ފަހިވެގެންދަނީ ސިޔާސީ ޕާޓީއެއްގެ ތެރެއިން ކަމަށެވެ. މީގެ އިތުރުން ރާއްޖޭގައި އެންމެ ފުރަތަމަ އުފެދުުނު ސިޔާސީ ޕާޓީ ކަމަށްވާ ރައީސް މުޙަންމަދު އަމީންގެ މުތަޤައްދިމް ޕާޓީ އުފެދުނު ގޮތާއި، ރާއްޖޭގައި މި ފަހުން އުފެދުނު އެންމެ ފުރަތަމަ ސިޔާސީ ޕާޓީ އަދި ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމަށްވާ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އުފެދިގެން އައި ގޮތުގެ މައްޗަށް ވަރަށް ތަފްސީލްކޮށް ބައްލަވާލެއްވިއެވެ.

މިރޭގެ ޖަލްސާ ގައި އެމްޑީޕީ ކާށިދޫ ދާއިރާގެ ރައީސް (ދޮންބިލެތް) އަޙުމަދު ޙަލީމް ވެސް ވާހަކަދެއްކެވިއެވެ. އޭނާގެ ވާހަކައިގައި ރާއްޖޭގެ އިޖުތިމާއީ އަދާލަތު ގާއިމްކޮށްދެއްވުމަށް ރައީސް ނަޝީދު ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވި ކަމަށާއި، ނަމަވެސް އެއިން ކޮންމެ ފަހަރަކު ވެސް އެމަނިކުފާނަށް ޖެހިވަޑައިގަންނަވަނީ ޖަލުގެ ތޭރިތަކުގެ ބިއްދޮށަށް ވަޑައިގަންނަވަން ކަމުގައި ވިދާޅުވިއެވެ. އެގޮތުން އެމަނިކުފާނުގެ އުމުރުފުޅުންވީ 45 އަހަރުގެ ތެރެއިން 9 އަހަރު ދުވަސް ޖަލުގައި ހޭދަކުރައްވަން ޖެހިވަޑައިގެންނެވި ކަމަށް ވިދާޅުވިއެވެ.

އެމްޑީޕީގެ ވައުދުގެ ދަތުރުގެ ވަފްދު އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދާ އެކު މިރޭ ދެއްވަދޫއަށް ވަަޑައިގަތުމުން އެރަށުން އެމަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާފައިވާކަން ފާހަގަކުރެވެއެވެ. އަދި ރައީސް ނަޝީދާއި އެމްޑީޕީގެ ވައުދުގެ ދަތުރުގެ ބައިވެރިންގެ ޝަރަފްގައި ދެއްވަދޫ އެމްޑީޕީ ސަޕޯޓަރުން މިރޭ ދިން ރޭގަނޑުގެ ފަރިއްކޮޅެއްގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގެންނެވިއެވެ.