ސިޔާސީ ބޭނުމެއް ނެތް، ހަގީގީ މަންފާ ލިބެނިވި ކޮންމެ ކަމަކަށް ވެސް އެއްބާރުލުން ދެއްވާނޭ ކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ވައުދުގެ ދަތުރުގައި ގއ. ކޮލަމާފުއްޓަށް ވަޑައިގެން ކޮލަމާފުށީގައި ރޭ ބޭއްވި ޖަލްސާ ގައި އަލީ ވަހީދު ވިދާޅުވީ އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ވެސް ބައިވެރިވާނީ އެ މަޖިލީހުގެ ޖަލްސާތަކަކީ ހަގީގަތުގައި ވެސް ރައްޔިތުންނަށް މަންފާ ލިބޭ ގޮތަށް ބާއްވާ ޖަލްސާތަކަކަށް ވާނަމަ ކަމަށެވެ.
ރޭގެ ޖަލްސާ ގައި އޭނާ އިތުރަށް ވިދާޅުވީ ރައީސް ނަޝީދާ މެދު ކުރެވެނީ ސައްހަ ޝަރީއަތެއް ކަމަށް ބެލެވެން ނެތް ކަމަށާއި، ރާއްޖޭގެ ދެކުނުން މެޖިސްޓްރޭޓެއް އުތުރުން މެޖިސްޓްރޭޓެއް އަދި މެދުތެރެއިން މެޖިސްޓްރޭޓެއް ގެނެސްގެން ސައްހަ ޝަރީއަތެއް ނުބޭއްވޭނޭ ކަމަށާއި، އެފަދަ ޝަރީއަތެއް ބޭނުން ވެސް ނުވާ ކަމަށެވެ. މީގެ އިތުރުން ކޯޓުތަކުން ހަމަހަމަކަން ނުގެންގުޅޭ ކަމަށް ވެސް އސަލީ ވަހީދު ވިދާޅުވިއެވެ. އެ ގޮތުންކުރީގެ އެޓޮލްސް މިނިސްޓަރު އަބްދުﷲ ހަމީދު ކޯޓަށް ހާޒިރުކުރުމުގައި ކޯޓުތައް ނުކުޅެދިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
މި ޖަލްސާ ގައި މިހާރު މިހިނގާ ސަރުކާރާ އިއްތިހާދުވެފައިވާ ޕާޓީތަކުގެ މެދުގައި ފެށިގެން ބޮޑުވަމުން އަންނަ ކޯޅުންތަކަށް ވެސް އަލީ ވަހީދު އަލިއަޅުވާލެއްވިއެވެ. މީގެ އިތުރުން އެމްޑީޕީގެ ސަރުކާރުގައި ރައްޔިތުންނަށް ގެނެސްދިން ހަލުވި ތަރައްގީއަށް ބައްލަވާލައްވައި، ދެންއޮންނަ ރިޔާސީ އިންތިޚާބެއް އެމްޑީޕީއަށް ކާމިޔާބުވާނޭ ކަމަށް ވިދާޅުވާ ފަދަ މޭރުމަކުން އޭނާ ވާހަކަފުޅު ދެއްކެވިއެވެ.
“އެމްޑީޕީއަކީ ދުވާލެއް ފަދަ ޕާޓީއެއް. ދުވަސް ފެށިގެން އަންނަނީ އެމްޑީޕީގެ ކުލަ ކަމަށްވާ ރަންރީނދޫ ކުލައިން. މެންދުރު ޖޯލީގައި ތިބޭ އިރު އަވާމެންދުރު ފެންނާނެ. އަސުރަށް އެޅީމާ އަސްރުމާ ވަސް ދުވާނެ. ދުވަސް ނިމިގެން ދާނީ އަނެއްކާ ވެސް އުދަރެހުން ރަންރީނދޫކުލަ ފާއްދާލަމުން.” އަލީ ވަހީދު ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި ކޮލަމާފުށީގެ ކުރީގެ ކައުންސިލަރު އަހުމަދު ރައޫފް އާއި ރައީސް ނަޝީދުގެ ކެބިނެޓްގެ އެޑިއުކޭޝަން މިނިސްޓަރ ޝިފާ މުހައްމަދުގެ އިތުރުން އެމްޑީޕީގެ ސްޕޯކްސްޕާސަން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ އިންތިވެސް ވާހަކަފުޅުދެއްކެވިއެވެ.
ވައުދުގެ ދަތުރުގެ ޓީމް މާދަމާ ހެނދުނު ކޫޢްޑޫއަށް ދާނެއެވެ. މާދަމާ ރޭގެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ ގއ. ވިލިނގިލީގައެވެ.