އަފްރާޝީމްގެ ދަރުސްތަކުން އިބުރަތް ލިބިގަނެ މެދުމިނުގައި ކުރިޔަށް ދިއުމަށް ރައީސް ނަޝީދު އިލްތިމާސް ކުރައްވައިފި

ހޯމަ ދުވަހުގެރޭ ދަންވަރު އަނިޔާވެރި ކަމާއެކު އަވަހާރަކޮށްލާފައިވާ އުނގޫފާރު ދާއިރާގެ މެންބަރު ޑރ.އަފްރާޝީމްގެ ދަރުސްތަކުން އިބުރަތް ލިބިގަނެ މެދުމިނުގައި ކުރިޔަށް ދިއުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު އިލްތިމާސްކުރައްވައިފިއެވެ.

ވައުދުގެ ދަތުރުގެ އިފްތިތާހީ ޖަލްސާގައި ރޭ ކޮލަމާފުށީގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ޑރ،އަފްރާޝީމް އަކީ ހަމައެކަނި މަޖިލިސް މެންބަރެއްގެ ގޮތުގައި ބަލައިގެން ތިބެގެން ނުވާނޭ ކަމަށާއި، އޭނާ އަކީ މެދުމިނުގެ އުސޫލުތައް ގެންގުޅުއްވި ފުންނާބު އުސް އިލްމުވެރިއެއް ކަމަށެވެ. އަދި ޑރ.އަފްރާޝީމްގެ ދަރުސްތަކުން ދިވެހިންނަށް މެދުމިނުގެ އުސޫލުތައް ވަރަށް ރަގަޅަށް އޮޅުން ފިލާ ކަމަށް ވެސް އަފްރާޝީމްގެ ހަނދާނުގައި ސުކޫތެއް ވެސް ގެނައި ރޭގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

ދިވެހި ގައުމު މިއޮތީ ބަޔަކު ދުވަހަކު ވެސް ދެކެން ބޭނުން ނުވާނޭ ނުބައި ފައްތަރެއް ކަމަށާއި، ރާއްޖޭގެ އިންތިޚާބީ ވެރިން މިވަނީ ނުބައި ނުލަފާ ބައެއްގެ ޝިކާރައަކަށް ވެފައި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ވައުދުގެ ދަތުރާއި ބެހޭ ގޮތުން އެމަނިކުފާނު ވިދާޅުވީ މި ދަތުރަކީ އެމްޑީޕީން ވެފައިވާ ވައުދުފުއްދިފައި ވަނީ ކިހާ ވަރަކަށްތޯ ބެއްލެވުމަށް ކުރާ ދަތުރެއް ކަމަށެވެ. އަދި ދިވެހި ރައްޔިތުންނަށް އެމަނިކުފާނު ވެލައްވާފައިވާ އެނަމެ ބޮޑު ވައުދަކީ ރައްޔިތުން މިނިވަން ކޮށްދިނުމުގެ ވައުދު ކަމަށާއި، ކޮންމެ މީހަކީ ވެސް އެމީހާ ކުރާ ހަލާލި މަސައްކަތުން ފުދުންތެރި ދިރިއުޅުމެއް އުޅެވޭނޭ މީހަކަށް ހެދުމުގެ ވައުދު ކަމަށެވެ. އެ ވައުދު ފުއްދުމަށް އެމްޑީޕީ ސަރުކާރުން ދޮށީ އުމުރުގެ މީހުންނަށާއި، އެކަނިވެރިމައިންނަށް ދޭން ފެށި އިނާޔަތުގެ މައްޗަށް ވެސް ރައީސް ނަޝީދުގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ. ފެނާއި ނަރުދަމާ ގާއިމްކޮށްދިނުމުގެ ވައުދަކީ ވެސް އެމަނިކުފާނު ވެލެއްވި ވައުދެއް ކަމަށާއި، އެހެން ނަމަވެސް ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕް (ޕީޕީޕީ)ގެ ދަށުން، ކޮލަމާފުށީގައި އެމަނިކުފާނު ފެނާއި ނަރުދަމާ ގާއިމްކުރުމުގެ މަސައްކަތް ނުފެށެނީސް ވެރިކަމާ އެހެން ބަޔަކު ހަވާލުވެ ޕީޕީޕީގެ ދަށުން ހިންގަން ހަމަޖައްސާފައިވާ މަޝްރޫއުތައް ހުއްޓުވާފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ފެނާއި ނަރުދަމާ ގާއިމްކުރުމަށް ބޭނުންވާ ގުދުރަތީ މުއްސަނދިކަން ހުވަދު އަތޮޅުގައި އެބަހުރިކަމަށް ވިދާޅުވެ، ހުވަދު އަތޮޅަކީ ދުނިޔޭގައި އޮތް އެންމެ ބޮޑު، އަދި ރާއްޖޭގައި އޮތް އެންމެ ރަށްގިނަ އަތޮޅުކަން ފާހަގަކުރެއްވިއެވެ.

ރޭގެ ޖަލްސާ ފެށުމުގެ ކުރިން ރައީސް ނަޝީދު ވަނީ ކޮލަމާފުށީގައި ހުންނަ ގއ.އަތޮޅު މަދަރުސާއަށް ޒިޔާރަތް ކުރައްވައި، ސަހީހު މުސްލިމުގެ ދިވެހި ތަރުޖަމާ ގއ.އަތޮޅު މަދަރުސާއަށް ހަދިޔާކުރައްވާފައެވެ. މި ފޮތާ އެ ސްކޫލުގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ ސްކޫލުގެ ޕްރިންސިޕަލް އަބްދުﷲ ޒާހިރުއެވެ. މީގެ އިތުރުން ކޮލަމާފުށީގައި އެމްޑީޕީ ސަރުކާރުން އިމާރާތްކޮށްނިމިފައިވާ 25 ރޯ ހައުސް ވެސް ރޭގެ ޖަލްސާއަށް ފަހު ރައީސް ނަޝީދު ބައްލަވާލެއްވިއެވެ.